އިހަވަންދޫ ހަތަރު ކައުންސިލަރެއްގެ ފޯނު ފުލުހުން ހިފަހައްޓައިފި

އިހަވަންދޫ ކައުންސިލްގެ ފަސް މެންބަރުން: ފަސް މެންބަރުންގެ ފޯނު ހިފެހެއްޓުމަށް ވަނީ ކޯޓު އަމުރެއް ނެރެފައި ---

ހއ. އިހަވަންދޫ ކައުސިލްގެ ހަތަރު މެންބަރެއްގެ ފޯނު ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ.

ފޯނުތައް ފުލުހުން ހިފެހެއްޓިކަން ކައުންސިލަރު މުހައްމަދު މަފާޒް ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ހަތަރު ކައުންސިލަރުންގެ ފޯނު އަތުލާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މަފާޒު ވިދާޅުވީ ފަސް ކައުންސިލަރުންގެ ފޯނު އަތުލުމަށް ކޯޓު އަމުރުގައި އޮތް ނަމަވެސް އޭނާގެ ފޯނު ފުލުހުން ގެންގޮސްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުގެ އަތުގައި އޮންނަނީ ނޮކިޔާ ބައްތި ފޯނެއް. ފުލުހުން ފޯނު ބަލާ އައުމުން ސްމާޓް ފޯނަކަށް ނުވާތީ އަޅުގަނޑުގެ ފޯނު ގެންގޮސްފައެއް ނުވޭ،" މަފާޒު ވިދާޅުވި އެވެ.

އިހަވަންދޫ ކައުންސިލަރުންގެ ފޯނު ހިފެހެއްޓީ ތަހުގީގު ކުރަމުން އަންނަ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނޭނގެއެވެ.

ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ބުނެ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އިހަވަންދޫ ފަސް ކައުންސިލަރުން ވަނީ ސަސްޕެންޑުކޮށްފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް