ދެކުނު އެފްރިކާ އިން ސީދާ ދަތުރުތައް ނޮވެމްބަރު މަހު ގަމަށް ފައްޓަނީ

ދެކުނު އެފްރިކާއިން އައްޑުއަށް ފްލައިޓްތައް ފެށުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވުމަށް ބޭއްވި ނިއުސްކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެކުނު އެފްރިކާގެ އެއާލައިންއެއް ކަމަށްޗާ ސައުތު އެފްރިކަން އެެއާލައިންސް އިން އެ ގައުމުގެ ޖޮހޮނަސްބާގް ސިޓީ އިން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް އަންނަ ނޮވެމްބަރު މަހު 24ގައި ފަށަން ނިންމައިފި އެވެ.

މިއަދު ހެނދުނު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދެކުނު އެފްރިކާ އިން ދަތުރުތައް ފެށުމުގެ ގޮތުން ފޭސް އެކެއް ދަށުން ހަފްތާއަކު ތިން ފްލައިޓް ބާއްވާނެ ކަމަށެވެ. މިއީ ފަތުރުވެރިން އެންމެ ގިނައިން ރާއްޖެއަށް އަންނަ ދުވަސްވަރު ވެސްމެ އެވެ.

މިނިސްޓަރު ވިދާޅުވީ ދެކުނު އެފްރިކާގެ މާކެޓް ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު ކަމަށާއި އަދި އެގައުމުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށެވެ.

"ސައުތު އެފްރިކާގެ 4500 ފަތުރުވެރިން 2016 ވަނަ އަހަރު ވެސް ރާއްޖެއައިސްފައިވޭ. ދެން 2017 ވަނަ އަހަރު ވެސް 9000 ފަތުރުވެރިން އެގައުމުން ރާއްޖެ އައިސްފައިވޭ." މިނިސްޓަރު ވިދާޅުވި އެވެ.

ސައުތު އެފްރިކަން އެއާވޭސް އިން ރާއްޖައަށް ދަތުރުތައް ކުރުމަށް ނިންމައިފައި ވަނީ އެއާބަސް އޭ340 ގެ މަތިންދާބޯޓެއް ބޭނުންކޮށްގެންނެެވެ. އޭގެ 300 ފަސެންޖަރުން އުފުލެ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ވެސް ސްރީލަންކަން އެއާލައިންސްއިން ފްލައިޓްތައް ދަނީ ބާއްވަމުންނެވެ.

ސްރީލަންކައިން އެއާލައިންސްގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި---ފޮޓޯ ޓުވިޓާ

މީގެ ކުރިން ދެކުނުއެ އެފްރިކާގެ ފަތުރުވެރިން ރާއްޖެއައިސްފައި ވަނީ ދުބާއީ މަގުން "ޓްރާންސިޓް" ވެގެންނެެވެ. އެގޮތަށް ދަތުރުތައް ކުރާއިރު 16 ގަޑިއިރު ހޭދަކުރަން ޖެހެ އެވެ. ނަމަވެސް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުން ހަތް ގަޑިއިރަށް ދަތުރުތައް ކުރުވެގެން ދާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ސައުތު އެފްރިކާ އިން އައްޑުއަށް ދަތުރުތައް ފެށުމުން ރާއްޖެއަށް ތާޒާ މޭވާއާއި ތަރުކާރީތައް އެތެރެކުރުމަށް ފަސޭހަވެ ޓޫރިޒަމް އާއި ޕްރައިވެޓް ސެކްޓާ ވެސް ކުރިއަރައިގެން ދާނެ ކަމަށެވެ.

މިނިސްޓަަރު ވިދާޅުވީ ސައުތު އެފްރިކަން އެއާވޭސް އިން ފޭސް ދޭއްގެ ދަށުން އަންނަ ޖެނުއަރީ މަހު 19 އިން ފެށިގެން ހޮންކޮންގްއާއި އައްޑުއާ ދެމެދު ވެސް ފްލައިޓްތައް ބޭއްވުމަށް ނިންމައިފައިވާ ކަމަށެވެ.

comment ކޮމެންޓް