ތަފާތު ލޯތްބެއް (26)

"ހީކުރާގޮތް ދޯ. ކަލޭ ހުންނާނީ ނާޔަލްގެ މެއިޑަކަށް. މި އާއިލާގެ އެހެން އަންހެންކުއްޖަކާއި ނާޔަލް އިންނާނެ. އޭރުންވެސް ކަލޭ ހުންނާނީ އޭނަގެ ޚާދިމާއަކަށް. މިސްޓްރެސްއަކަށް. މުޅި އުމުރުވެސް ނާޔަލްގެ އަޅަކަށް ބަހައްޓާނީ. ކަލޭގެ ހުންނަ ނުބައިކަން މިހާރު އެނގިއްޖެ. ބަސްއަހާ ރަގަޅު ކުއްޖެއްކަމުގައި ހެދިގެން ހުރެ ނާޔަލް ކުރި ހުރިހާ މަސައްކަތެއް ހަލާކުކޮށްލާފައި އަދި އެބަބުނޭ ގައުމަށް ފޮނުވާށޭ. ދުވަހަކު ތިކަމެއްނުވާނެ........" ނަތާލީ މޭޒުމަތީގައި އޮތް ތޫނު ފިޔޮހި ނަގާ އަތަށް ހެޔޮވަރުކޮށްލައިފިއެވެ. އެދެލޮލުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ.

"ހަނދާން ކުރައްޗޭ ދުވަހަކުވެސް ނާޔަލްދެކެ ލޯބިވެގެން ނުވާނެ. ދުވަހަކުވެސް ކަލޭގެ ފެންވަރު އޮޅިގެންނުވާނެ. ހަމައެކަނި ނާޔަލް ފޫހިފިލުވައިލަން ގެންގުޅޭ ޖާރިޔާއެއްގެ މަގާމުގައި އިންނަންވާނީ. ދުވަހެއްގެ ކޮޅުންވެސް އެއަށްވުރެ މައްޗަށް ދާން ހިތަށް އަރުވާލިޔަސް އަހަރެންގެ ނާޔަލްވެސް މަރާލާނަން. ސަބަބަކީ އެއްގޮތަކަށްވެސް ނާޔަލް އެހާ ދަށް ފެންވަރަކަށް ވެއްޓޭތަން ދުށުމަށްވުރެ އެކުއްޖާ މަރުވުންވެސް މި ހިތަށް ފަސޭހަވާނެތީ. އަދި އަބަދު ދޭތެރެ ދުރުކުރާ ބޭސްވެސް ކާންވާނެ. ހަނދާން ކުރައްޗޭ. މި ޚާންދާނަށް ތި ބަނޑުން ކުއްޖަކު އުފަންވެގެން ނުވާނެ. ހުވާކޮށްފައި މިބުނަނީ އެދުވަހެއް އަތުވެއްޖެއްޔާ މަގޭ މާމަ ދަރިއަށްވިޔަސް މި ދެއަތުން މަރާލާނަން............"

އެ ހަރުކަށި އިންޒާރުތައް ކަންފަތުގައި ޖެހުނުއިރު ކެމީލާގެ ހިތަށް ލިބިފައިވާ ބިރުވެރިކަން މޫނުން ފެންނާން ހުއްޓެވެ. މުޅިކުއްޖާވެސް ގަނޑުފެންކޮޅަކަށް ވެއްޖެއެވެ. ޔަގީނުންވެސް އެ އިންޒާރުތައް އޭނަގެ ހިތުގެ ފުންމިނުގައި ރައްކާކޮށްފިއެވެ. އެފަދަ ދުވަހެއް އައުމަށްވުރެ އޭނަ މަރުވުންވެސް މާ ރަގަޅެވެ. ނަތާލީގެ އަލިފާނުގެ ބެލުން އަމާޒުވީ ކެމީލާގެ ކަނދުރާއަށެވެ. ފިޔޮހީގެ ތުނޑު ކަނދުރާގައި ޖެހުމާއިއެކު ކެމީލާ ނޭވާ ހިފަހައްޓާލިއެވެ.

"ނާޔަލް މަންމަ ބުނި ކޮންމެ ކަމެއް ކުރާނަން. އަޅުގަނޑު.............." ކެމީލާ އެއްޗެކޭ ބުނަން އުޅުނެވެ.

"ވާހަކަ ނުދައްކާ. އެންމެ ރަގަޅުވާނީ ތި އަންހެނާ އަމިއްލައަށް މަރުވިއްޔާ. އަމިއްލައަށް މަރުވީކަމަށް ދެކޭ ކޮންމެ މީހަކު ހީކުރާނީ......" ނަތާލީގެ ވިހަ ހިނިތުންވުމާއިއެކު ކެމީލާއަށް ވިސްނުނީ މިހާ ފިނޑިކޮށް ނަތާލީގެ އަތްދަށުން މަރުވެފައި އަދި އަމިއްލައަށް މަރުވުގެ ނުބައި ނަން ބޮލުގައި އެޅުމަށްވުރެ ހަގުރާމަކުރުން މޮޅުކަމުގައެވެ. ނިމިގެން ދާއިރު އަމިއްލަ ނަފުސަށްޓަކާ ހަގުރާމަކުރަން ޖެހޭނެއެވެ. ކެމީލާ ކުއްލިއަކަށް ނަތާލީގެ އަތުގައި ދަތް އެޅުމުން ލިބުނު ސިހުމާއިއެކު އަތުން ފިޔޮހި ދޫވިއެވެ. ކެމީލާއަށް ލިބުނު ފުރުސަތުގައި ދުއްވައިގަތުމާއިއެކު ނަތާލީ ކެމީލާގެ ފައިގާ ދަތި އެޅުވިއެވެ. ކެމީލާއަށް ހަށިގަނޑު ނުހިފެހެއްޓި އެދިޔަ ބާރުމިނުގައި ގޮސް ދޮރުގެ ކަނީގައި ބޯ ޖެހުމާއިއެކު ޚަބަރު ހުސްވިއެވެ. ކެމީލާގެ ހަރަކާތްތައް ހުއްޓިފައި އޮތުމުން އެކުއްޖާ މަރުވީކަމަށް ހީކޮށް ނަތާލީ އެތަނުން ދާން ހިނގައިގަތީ ބިންމަތީގައި އޮތް ޝޯލްވެސް ނަގައިގެންނެވެ. މީހެއްގެ ފިޔަވަޅުގެ އަޑު އިވިފައި ސިޑީގެ ފުރަގަހަށް ވަދެ ނިވާވެގެން ބަލަން ހުއްޓެވެ. ފެނުނީ ކައިޒާން ހިނގާލާފައި އައިތަނެވެ. ކައިޒާންގެ މޫނުމަތިންނާއި ހެދުން އަޅާފައި ހުރިގޮތުން ކުޑަ ތަފާތުކަމެއް އިހުސާސްވިއެވެ. ކައިޒާން އެގޮތަށް ލޯ ހަނިކޮށްލައިގެން އިސްތަށިގަނޑު އެގޮތަށް ހަދާފައި ހުންނަތަނެއް އޭނަ ނުދެކެއެވެ.

ހަގީގަތުގައި އެގެއަށް އެވަނީ ކައިޒާންއެއް ނޫނެވެ. ޖޯންއެވެ. ނާޔަލްގެ ގެއަށް އައީ ކައިޒާންއަށް ނުކުރެވޭކަންކަން ކޮށްލުމަށް ނިންމައިގެންނެވެ. ކައިޒާންގެ ފިނޑިކަމުން ހުރިހާ ކަމަކުން ނާކާމިޔާބުވާއިރު ބަލަހައްޓައިގެން އޭނަ ހުންނަންވީހެއްޔެވެ. ކެމީލާ މިގޭގައި އެކަނި ހުންނަކަން ކައިޒާންއަށް އެނގޭއިރުވެސް ފިނޑިކަމުން މިގޭތެރޭ ފައި އަޅާލާކަށްވެސް ނުކެރެއެވެ. ބޮޑުވަރު ނޫންހެއްޔެވެ. ހިތާހިތުން ކައިޒާންއާއި ދިމާލަށް މަލާމާތްކުރަމުން ނުލަފާ ހިނިތުންވުމެއް ތުންފަތަށްވެރިކޮށްގެން ހުރެ ދޮރު ހުޅުވައިލީ ގޭގެ ވެރިމީހާ ފަދައިންނެވެ. ނާޔަލްއަށް އެހާ ފަސޭހައިން ކެމީލާ އަތުލައިގެން ހުންނާކަށް ނުކެރޭނެއެވެ. މިވެސް ކައިޒާންގެ ފިނޑިކަމާއި ބަލިކަށިކަމެވެ. އެހެންނޫންނަމަ ނާޔަލްއަށް ކެމީލާ ލިބޭނެހެއްޔެވެ. ގަދަކޮށްލާފައި ހަރުކޮށް ހިނގާލާފައި ގޭތެރެއަށް ވަދެގެން ދިޔައިރު ފެނުނު މަންޒަރަކުން އޭނަގެ މޫނުގެ ހަރުކަށިކަމަށް ބަދަލެއް އައެވެ.

"އޯ ގޯޑް. ބޭބީ ގާލް ކިހިނެއްވެފައި ތިއޮތީ؟ " ޖޯން ކެމީލާގެ ބޯ ނަގާ އުނގުގައި ބޭއްވިއެވެ. އޭރު އިސްތަށިގަނޑުގައި ހުރި ލެއިން އޭނަގެ ޖިންސްވެސް ފޯވެއްޖެއެވެ.

"ކާކު......ތީ ކާކު..." ކުއްލިއަކަށް ކެމީލާ އެސްފިޔަތައް ހުޅުވައިލިއެވެ. ތެދުވާން މަސައްކަތްކުރިއެވެ.

"ވަޓް ހެޕެންޑް...އާ ޔޫ އޯކޭ ނައު......" ޖޯން ސުވާލުކުރިއެވެ.

"ދުވަނިކޮށް ވެއްޓި ބޯ ފަޅައިގެން ދިޔައީ.......އައި ފީލް ގްރޮގީ.." ކެމީލާ ތެދުވެ ކައުންޓަރުގައި ހިފެހެއްޓިއެވެ.

"ހެޑް އިންޖަރީއެއްނު. ހިނގާ ހޮސްޕިޓަލަށްދާން...." ޖޯން ކަންބޮޑުވެފައި ކެމީލާގެ ކޮނޑުގައި ހިފަހައްޓަން އުޅުނެވެ. ކެމީލާ އަތް ދުރަށް ޖައްސައިލިއެވެ. ޖޯން ކުރިމަތީގައި ސްކާފް ނާޅާ ހުންނަންވުމުން ލަދުގަންނަގޮތްވިއެވެ. ދެރަވެސްވިއެވެ. ހެދުމެއްނުލާ ހުރިފަދަ އިހުސާސްތަކެއް ކުރެވުނެވެ. ގޭތެރޭގައި އުޅޭއިރުވެސް ދުވަހަކުވެސް ސްކާފް ނުނަގާ ހުންނަ ކުއްޖަކަށް ނަތާލީ ގަސްތުގައި އެހެން ހެދުމުން ވަރަށް ރުޅިއައެވެ. ޖޯންގެ ސަމާލުކަން އެހާވަރަށް އެކަމަށް ނުލިބުނެވެ. އޭނަ ހުރީ ކެމީލާއަށް ލިބިފައިވާ އަނިޔާތަކާއިމެދު ކަންބޮޑުވެފައެވެ. ދެމީހުން އެކީގައި ކަހަލަގޮތަކަށް ސިޑިން އަރައިގެން ދިޔަ މަންޒަރު ފެނިފާ ވަކިން ކެމީލާދެކެ ފޫހިވެއްޖެއެވެ. ކެމީލާ އެއުޅެނީ މުޅިންވެސް އޭނައަށް ވުރެ މަތީ ފެންވަރު މީހުނާއި ހިތާވެގެންނެވެ. އަވަހަށް ފޮޓޯނަގަން އުޅެގެން ސެލްފީ މޯޑަށް ލާފައި ހުރުމުން ނެގުނީ ސެލްފީއެކެވެ. ދެން ތެޅިގެން އަވަސްކުރަން ހަދައިގެން ފޮޓޯ ނެގުނުއިރު ކޮންމެވެސް ވަރަކަށް އަތް ތުރުތުރުލުމުން ނެގުނީ ނުސާފުކޮށެވެ. ފޮޓޯ ނެގުމަށްފަހު ނަތާލީ ހިނިތުންވެލިއެވެ.

ކެމީލާ ހޮސްޕިޓަލަށް ގެންދިޔުމުން ބޮލުގައި ފެޅިފައި ހުރި ތަންކޮޅު ފުންކަމުން ފަހާލަން ޖެހޭނެ ކަމަށް ޑޮކްޓަރު ބުނެލިއެވެ. ކެމީލާ ވަރަށް ރުޔެވެ. ކައިރީގައި ހިތްވަރުދޭން ޖޯން ނެތްނަމަ ވާނެގޮތެއްވެސް ނޭގެއެވެ. ޖޯން ކެމީލާ ގެއަށް ލާދީފައި މަޑުކުރަން އުޅުމުން ކެމީލާ ބުނީ އޭނަ އަރާމުކޮށްލަން ބޭނުން ކަމަށެވެ. އެހާ ގިނައިރުވީމަވެސް ޖޯން ކައިޒާންއަށް ބަދަލުނުވެ ހުރުމުން ކެމިލާ ހައިރާންވިއެވެ.

ނާޔަލްއަށް ނޯޔާ ވައިބާ ކޮށްލި ފޮޓޯ ފެނިފަ ބުމަ ގޮށްޖަހާލައިގެން އިނދެވުނެވެ. ކެމީލާ ކައިޒާންއާއިއެކުގައި ޝޯލް ނާޅާ އެހެރީ ކީއްވެހެއްޔެވެ. ނޯޔާ އެހެރީ އެދެމީހުން ސިޑިބަރިން އަރަނިކޮށް ނަގާފައެވެ. އޭނަ ނެތުމުން ކައިޒާންއަށް ދައުވަތު ދީގެން ގެނައީއެވެ. ކެމީލާ އެއުޅެނީ ކޮންވައްތަރަކަށް ހެއްޔެވެ. މާ ރަގަޅު ކުއްޖެއްކަމަށް އެހެން މީހުންނަށް ދައްކައިގެން ހުންނައިރުވެސް ހިލޭ ފިރިހެނުންނާއި އެކީގައެވެ.

ހަފްތާއެއް ވޭތުވެގެން ދިޔައީ ހަލުވިކަމާއެކުގައެވެ. އެދުވަސްކޮޅު ނާޔަލް ގިނަވަގުތު ހޭދަކުރީ ޕެންޓްހައުސްގައެވެ. ގެއަށް އަންނަނީ ފަހެއްޖަހާ އެހާކަށް ހާއިރުއެވެ. ކެމީލާ ހެނދުނު ހެދުނާ ކޮލެޖަށްގޮސްފައި ގެއަށް އަންނަމުން މާމައާއި ބައްދަލުކުރެއެވެ. ޖޫލްގެ މަންމަ އެގޭގައި އުޅެން ފެށުމުން އެގެއަށް ދާހިތެއްނުވެއެވެ. ނަމަވެސް މާކަސް ކައިރި ބުނެގެން ޖޫލް މާމަ ދިރިއުޅޭ ގެއަށް ގެނެސް އެކުއްޖާއަށްވެސް ވަގުތުކޮޅެއްދެއެވެ. ކޮންމެވެސް ވަރަކަށް ކިޔަވާދެއެވެ. ފަހެއްޖަހާއިރު ނާޔަލް އޭނަ ބަލާ އެގެއަށް އާދެއެވެ. ނަމަވެސް ދެމީހުންގެ ދޭތެރޭވަނީ ބީރައްޓެހިކަމުގެ ފާރެއްލެވިފައެވެ. ނާޔަލްގެ ކުއްލި ދުރުހިލޭކަމާއިމެދު ވިސްނާކަށް ކެމިލާއަށް ވަގުތެއްނުވެއެވެ. ގެއަށް ގޮސް ނަމާދުކޮށް ރޭގަނޑަށް އެއްޗެއް ތައްޔާރުކޮށްލާފައި ފިލާވަޅުތައް ބަލާ ހަދަނީއެވެ. އެއަށްފަހު އެނދުގައި ޖައްސައިލެވޭއިރަށް ދެލޯ މަރާލެވެއެވެ. އެގޮތަށް ދެ ހަފްތާވީއިރުވެސް ނާޔަލްގެ އުޅުމަކަށް ބަދަލެއްނާދެއެވެ. އޭނަ ޑިއުޓީއަށްވެސް ނުކުންނަން ފެށިއެވެ.

އެއީ ހޮނިހިރު ދުވަހެވެ. ކޮލެޖަށް ނުދާތީ ކެމީލާވެސް އޮތީ ކަންނެތްވެ ތެދުވާހިތްނުވެފައެވެ. އެނދުގައި އޮވެފާ ބަލައިލިއިރު ސްނޯވެހޭ މަންޒަރު ފެނުނެވެ. އެހެން ދުވަހާއި ޚިލާފަށް ތަންކޮޅެއް ގިނައިން ވެހޭފަދައެވެ. ހިނިތުންވެލާފައި އެ ހުވަފެނީ މަންޒަރަށް ބަލަން އިރުކޮޅަކު އޮވެވުނެވެ. އެއަށްފަހު ހޫނު ފެނުން ފެންވަރާލައިގެން ނުކުމެ ނާޔަލްއަށް ނާސްތާ ތައްޔާރުކޮށްފައި މެސެޖްކޮށްލިއެވެ. ފެންޑާއަށް ނުކުމެ ވާހަކަފޮތެއް ކިޔައިލަން އިށީންއިރު ހޮޓް ޗޮކްލެޓްތަށިން އެތިފޮދެއް ބޯލައެވެ. ކުއްލިއަކަށް ފެނުނީ ރަތްކުލައިގެ ކާރެއް މަޑުކޮށްލިތަނެވެ. އެއިން ފޭބީ ރީތި އަންހެންކުއްޖެކެވެ. އިސްކޮޅުން ދިގުވެފާ މޫނަށް ފިޔާތޮށިކުލަވެރިވެފައި ހުއްޓެވެ. އެކުއްޖާ އަވަސް ފިޔަވަޅުތަކެއްގައި އައިސް ފެންޑާއަށް އެރިއެވެ.

"ތީ ކާކު؟ "ކެމީލާ އެހިއެވެ.

"ކީއްކުރަން އަހަރެން ޖަވާބު ދޭންވީ؟ އައިމް ނޮޓް ހިއާ ފޯ ޔޫ..." އެކުއްޖާ ބޮޑާކަމާއި ފޫހި ނަޒަރަކުން ކެމީލާއަށް ބަލައިލިއެވެ. އަދި ބާރަކަށް ނާޔަލްއަށް ގޮވަމުން ގެއަށް ވަނުމުން ކެމީލާ ކޮނޑުއަރުވައިލިއެވެ. އެމެރިކާ ހުރިހާ ކުދިން ގެނެސް އެކުދިންނާއިއެކު ނިދިޔަސް އޭނައަށް ކޮންކަމެއްހެއްޔެވެ. ހަމަޖެހިލައިގެން ވާހަކަފޮތް ކިޔަން އިންއިރު އެ އަންހެންކުއްޖާގެ މަތިން ހަނދާނެއް ނެތެވެ. ގަޑިއެއްހާއިރު ފަހުން ކެމީލާ ސިއްސައިގެންދާ ގޮތްވީ އެއްޗެހިތަކެއް ތަޅައިގެން ދިޔަ އަޑަށެވެ. އަންހެންކުއްޖާގެ ތޫނު ހަޅޭކުގެ އަޑުވެސް ގޭތެރޭ ގުގުމައިލިއެވެ. ބިރުން މޭގައި އަތް އަޅައިގެން އިނދެފައި ވީގޮތެއް ބަލައިލަން އެތެރެއަށް ވަނެވެ. ނާޔަލްއާއި އެ އަންހެންކުއްޖާ ގަންނަ ގަނޑެއްވެސް އެނގެނީއެއްނޫނެވެ. އޭރު އެކުއްޖާ ހާސްވެގެން ތަންކޮޅެއް ދުރުގައި އަނގަމަތީ އަތްއަޅާލައިގެން ހުއްޓެވެ.

"ޔޫ އާ ޑްރަންކް ޑާލިން. އެހެންވެއެއްނު އެގްރެސިވްވެގެން ތިއުޅެނީ. ކާމް ޑައުން ބޭބީ................" އެ އަންހެންކުއްޖާ ނާޔަލްގެ ގައިގާ ފުރަގަހުން ބައްދައިގަތެވެ.

ކެމީލާ ހުރީ ނުރުހުންވެފައެވެ. ނާޔަލްއާއި ދެމީހުން ކުރިކަމެއްކޮށްފައި އެންމެފަހުން ރާބޮއިގެން މަސްތުވެގެން ތަންތަން ހަލާކުކުރަމުން އުޅެފައި އަދި ހާސްވެގެން އުޅޭކަމަށް އެކުއްޖާ ހެދެނީ ކީއްކުރަންހެއްޔެވެ. ނަމަވެސް ކެމީލާ މޫނުމަތިން އެކަމެއް ނާންގައެވެ. އޭރު ނާޔަލް ހަމަނުޖެހޭ ވާހަކަތަކެއް ދައްކަމުންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ބައިވެރިޔާވެސް ހުރީ ހިޔަނިހެން ޖައްސާލާފައެވެ. އޭރު ނާޔަލް ހޮޑުލާ އަޑު އިވުނެވެ. އަންހެންކުއްޖާ ނުކުމެ ވާހަކަދެއްކީ އަމުރުވެރިކޮށެވެ.

"އަހަރެން އެކަނިތަ އެހީވާންޖެހެނީ؟ އާންޓް ޔޫ ދަ މެއިޑް ހިއާ؟ ޑޫ ޔޯ ވޯކް. އަހަރެން ތަނަކަށް ދާން ލަސްވެފައި މިހިރީ............" އެ އަންހެންކުއްޖާ ހޮޑު ހުރި ދިމާލަށް ބަލާފައި ފާޑަކަށް އޯކަށް ދަމާގޮތަކަށް ހަދާފައި އަނގަމަތީ އަތްއަޅަމުން ކޮޓަރިން ނުކުތެވެ.

ނާޔަލް އޮތީ ޚަބަރު ހުސްވެގެން އެނދުމައްޗަށް ދެމިފައެވެ. ކެމީލާ އެންމެ ކުރިން މާބްލްމަތީ ހުރި ހޮޑު ސާފުކުރިއެވެ. ނާޔަލްގެ ގައިގާ ފެންފޮތިލާ އޭނައަށް ވެވުނުވަރަކުން ސާފުކުރިއެވެ. ތުން ފިތާލައިގެން އިނދެއެވެ. އަދި އެންމެ ރުޅިއައީ އެކުއްޖާ އެއްވެސް އެހީއެއް ނުވެ އެތަނުން ދިޔައީތީއެވެ. ނަމަވެސް ވިސްނާލުމުން އެތާ ހުރުމުގެ އެއްވެސް ހައްގެއް ނެތްކަން ވިސްނުނެވެ.

އެދުވަހު ނާޔަލް އޮތީ ނުތެދުވެ އަބަދުހެން ނިދަ ނިދައެވެ. ވަރެއްނެތްތާގައި ބޮލުގައި ރިއްސައިގެން އުޅޭކަހަލަގޮތަކަށް ނިތްކުރީގައި އިނގިލިތަކުން ފިރުމާހަދައެވެ. ދޭތެރެއަކުން ހޮޑުލެވެއެވެ. ރަލުގެ މަތިން ހަދާންވިޔަސް މޭނުބައިކޮށް އޯކަށް ދަމާހެދިއެވެ. އާދީއްތަ ދުވަހު ހެދުނު އެ އަންހެންކުއްޖާ އެގެއަށް އައިތަން ފެނިފާ ކެމީލާ ގަސްތުކުރީ މާމައަށް ޒިޔާރަތްކޮށްލަން ދާށެވެ. ނޯޔާއަށް ގުޅައިގެން ކާރުގައި ދިޔައިރު ކެމީލާ އޭނަގެ ވާހަކަދެއްކިއެވެ.

"އެއީ އެޑްރިއާނާގެ ދަރިފުޅު. ޒޯއީ ނާޔަލްއާއިހެދި މޮޔަވެފައި ހުންނަނީ. ކެމްއާއި ދެމީހުން މެރީކުރިއިރު އޭނަހުރީ ޔޫކޭގައި. ސުއިސައިޑްވާންވެގެން ޕޮއިޒަން ބޮއިގެން އައިސީޔޫގައިވެސް އޮތް. މިހާރު އައިސްގެން އެއުޅެނީ. ވިސްނައިގެން އުޅެއްޗޭ އެހެން އުޅެފައި ކޮންމެފަދަ ގެއްލުމެއްވެސް ދީފާނެ.............." ނޯޔާގެ ވާހަކަތަކުން ކެމީލާ ހީލުމަކުން ފުއްދައިލީއެވެ.

"ޑާލިން. ތިހެން އުޅުނީމަ ފާފަވެރިއެއްނުވާނެތަ؟ އައި މީން ޒޯއީ ދޮންބެ ކައިރިއަށް ފާފަކުރަން ލާފައި. ތިންވަނަ އެއްޗަކަށް ޝައިތާނާ އިންނާނެދޯ. މިހާ ފިނިއިރު އެދެމީހުން އެކަނި އުޅޭއިރު މަޑަކުން ނުތިބޭނެ. އެނގެއެއްނު ނިއުޔޯކާސްއިން އުޅޭގޮތް. އެމީހުންނަށް އެކަހަލަ ކަންތައްތައް ކުރުން މާ ބޮޑުކަމަކަށްނުވާނެ. ޔޫ އާ ހިޒް ވައިފް އެކަމަކު ހީވާގޮތުން ދެމީހުންގެ ގުޅުމެއްނެތް. ދޮންބެ އެހެންމީހުންގެ ކައިރިއަށް ޖައްސަންޏާ ކެމް އަށް އޭގެ ފާފަ ނުހުންނާނެތަ؟ " ނޯޔާގެ ސުވާލުތަކުން ކެމީލާ ހިމޭންވިއެވެ.

"އައި ރިއަލީ ޑޯން ނޯ...." ކެމީލާ ހިންދިރުވައިލިއެވެ.

ނޯޔާ އޭނަގެ ފޯނު ހުޅުވާލާފައި ކެމީލާއަށް ފޮޓޯއެއްދެއްކިއެވެ. ކެމީލާ ދެލޯ ބޮޑުކޮށްފައި އެފޮޓޯއަށް ބަލަން އިނދެ މި ފޮޓޯ ލިބުނީ ކިހިނެއްހެއްޔޭ ކިޔާފައި ސުވާލުކުރަންފެށިއެވެ.

"ނޭގޭ. މިފޯނުން މިފޮޓޯ ދޮންބެއަށް ފޮނުވީ ކާކުކަމެއް ނޭގޭ. ކައިޒާންކަމަށްވެސް ވެދާނެ. އެއްގޮތަކަށްވެސް ނޭގޭ އެކަމަކު ކެމް ބުރުގާ ނާޅާ ކައިޒާންއާއިއެކު އުޅުނީ ކީއްވެތަ؟ "ނޯޔާ ސުވާލުކުރިއެވެ. ކެމީލާއިނީ ހިމޭންވެފައެވެ. އެފޮޓޯ ނަގާނީ ކައިޒާންއެއް ނޫނެވެ. ނަތާލީއެވެ. ނަތާލީ އެ ފޮޓޯ ނާޔަލްއަށް ފޮނުވީމަވެސް އޭނަ ހިމޭނުން ހުރީ ކީއްވެބާވައެވެ. އެކަމާއި ބެހޭގޮތުން ސުވާލެއްވެސް ނުކުރެއެވެ. އެހެރީ ނުދެނެހުރިކަމަށް ހަދާލައިގެންނެވެ. ޔަގީނެވެ. ޒޯއީ ގެއަށް ގެންނަނީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

"އެވާހަކައިގެ ހަގީގަތް ކިޔާދީފިއްޔާ އިތުރު މައްސަލައަކަށްވާނީ. އެންމެ ރަގަޅުވާނީ މި ފޮޓޯ ޑިލީޓްކޮށްފައިނުވާކަމަކަށް ހެދިއްޔާ..." ކެމީލާ އެފޮޓޯ ފޮހެލިއިރު ނަތާލީއާއިމެދު ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. ނަތާލީ އެއުޅެނީ ހާދަ ވަރަށް ޖައްސާލައިގެންނެވެ. ފިލްމެއްގެ ނުބައިބައި ކުޅޭ އަންހެނަކާއި ތަފާތެއްނެތެވެ. އެހާ ޝާހީ މުއްސަދިންވެސް ނުބައިބައި ކުޅެންޖެހޭހެއްޔެވެ. އެފަދަ ބައިކުޅެންޖެހެނީ މާޔޫސްވެ ގޮތްހުސްވެފައިވާ މީހުންނެވެ. ނަތާލީއަށް ހުރިހާ ނިއުމަތެއް ލިބުމުންވެސް ނުފުދެނީއެވެ. ކިހާ ދެރަކަމެއްހެއްޔެވެ. ނޯޔާވެސް ވިސްނިއެވެ. ކޮންމެ މީހަކު އޭނަގެ ފޯނުބޭނުންކޮށްގެން އެފޮޓޯ ފޮނުވިޔަސް އެމީހަކު އެފޮޓޯ ފޮހެލަން ހަދާން ނެތުނީއެވެ. އޭނައަކީ އެހާ ނުލަފާ އަންހެންކުއްޖެއްނޫނެވެ. އޭނަގެ ދޮންބެ ދެރަކޮށްލަން ދޮންބެގެ އަންހެނުން އެހެން މީހަކާއިއެކު ހުރި ފޮޓޯއެއް ނުވެސް ފޮނުވާނެ ނޫންހެއްޔެވެ. އަދި އެ އަންހެންކުއްޖާއަކީ އޭނަގެ އެންމެ ގާތްއެކުވެރިޔާއެވެ. ފިރިހެންކުއްޖާއަކީ އެހާ ޚާއްސަމީހެކެވެ. ކެމީލާ ގެ ވާހަކަ ހުރިގޮތުން އޭނަ މަންމައާއިމެދު ޝައްކުވިއެވެ. މަންމަ އެފަދަ ކަމެއްކޮށްފާނެއެވެ.

ނޭގެއޭ ބުނެ އެ މައުޟޫއަށް ވާހަކަ ނުދެއްކިޔަސް ކެމީލާގެ ސިކުނޑިއަށް އުދަގޫކުރުވިއެވެ. އެބުނާހެން ޒޯއީއާއި ނާޔަލް އެކަނި އެގެއަށް ދޫކޮށްފައި އޭނަ ބޭރުގައި އުޅޭއިރު އެދެމީހުންނަށް ހުރިހާ މިނިވަންކަމެއް ދެވެނީއެވެ. ނާޔަލްއާއި ޒޯއީ އުޅޭގޮތަކުން އޭނަ ފާފަވެރިވެދާނެކަމަށް ނޯޔާ އެބުނީ ދޮގެއް ނޫނެވެ. ޝޭޚު ބުނެފައިވާ ވާހަކަތައް އޭނަ ހަނދާނަށް އައެވެ. އޭނަ ބުނުއްވިގޮތުން އެ ކައިވެނި ސައްހަވާނެއެވެ. ނާޔަލް ނަމާދުނުކުރިޔަސް ކާފަރެއްކަމަށް ނުނިންމޭނެއެވެ. ކަންނެތްކަމުން ނަމާދުނުކުރާ މީހުންވެސް މުޖުތަމައުގައި އުޅެފާނެއެވެ. ނަމާދުކުރަން ޖެހޭކަމަށް ގަބޫލުކޮށް އެކަމަކު ކަންނެތްކަމުގެ ސަބަބުން ނަމާދު އެޅުމާއި ނަމާދަށް އިންކާރުކުރާ މީހާއާއި ތަފާތުވާނެއެވެ. ގަސްތުގައި ނަމާދުނުކޮށް ހުންނަމީހާވާނީ ކާފަރަކަށްކަމުގައި އެ ޝޭޚުވަނީ ބުނެފައެވެ. ވީއިރު ނާޔަލްގެ ހިތުގައިވާ އެއްޗެއް ކެމީލާއަކަށްވެސް ނޭގެއެވެ. އައި ޝޭޚު ބުނީ ކައިވެނިކުރެވިއްޖެއްޔާ ދެން އަނބިމީހާވެސް ބަލަންވާނީ ވީހާވެސް ވަރަކުން ފިރިމީހާ ގަބޫލުކުރުމަށެވެ. އޭރުން މައިންބަފައިންގެ ބަސް އަހާކުއްޖަކަށްވުމުން ސަވާބާއި ދަރުމަލިބޭނެއެވެ. އަދި މަޑުމަޑުން ފިރިމީހާ އިސްލާހުކުރުމަށް މަސައްކަތްކޮށް ހިދާޔަތް ދެއްވުމަށް ދުޢާވެސް ކުރާނީއެވެ.

އެރޭ ކެމީލާ ގެއަށް އައީ އިޝާނަމާދުވެސް ކޮށްލައިގެންނެވެ. ގެއަށް ވަންއިރު ނާޔަލް ސިޑިން ފައިބައިގެން އަންނަނީއެވެ. އަތުގައި ހުރީ ނޫކުލައިގެ ބުއިމެކެވެ. އެވެސް ވާނީ ސަރުބަތަކަށެވެ.

"ހައި...." ނާޔަލް ކުޑަކޮށް ހީލިއެވެ.

"ޒޯއީ ދިޔައީތަ؟ " ކެމީލާ ތުންފަތުގައި ދަތް އަޅައިލިއެވެ.

ނާޔަލް އެ ސުވާލަށް ޖަވާބެއް ނުދީ ހީލިއެވެ. އައިގޮތަށް އިށީދެލީ ސިޓިން ރޫމްގެ ސޯފާއެއްގައެވެ. ދިއްލާފައިވާ މަޑު އޮރެންޖް ޗާންދަލިއާއާއެކު އަލިފާނުގެ އޮރެންޖު އަލިން މުޅި ކޮޓަރިވަނީ އުޖާލާވެފައެވެ.

"ދެމީހުން ވަރަށް ކަމެއް ހިންގައިލިހެން ހީވޭ. އެކަމަކު އައި ހޯޕް ލިމިޓުން ބޭރަށް ނުދާނެކަމަށް...." ކެމީލާ އަލިފާންގަނޑުގެ ކުރިމަތީގައި ދޫލަމަތީ އިށީނެވެ.

"ދެން ކެމީލާވެސް އަހަންނާއިއެކު ތިބުނާހާ ކަމެއް ކޮށްލަން ވީނު. ނާންނާތީ ނު އެހެން އަންހެންކުދިން ގެންނަނީ؟ ދެން ހަމަ އެ މައުޟޫއަށް ވާހަކަދައްކަން ކޮންމެހެން އަހަރެމެންނަށް ޖެހޭތަ.....އާ ޔޫ ޖެލަސް އޯ ސަމްތިން؟ " ކެމީލާ އެކަމާއި އުފާވަނީކަމާއި ފުރުސަތުދޭންވެގެން ދުރަށް ދަނީކަން ރަގަޅަށް އެނގޭއިރުވެސް ނާޔަލް ވާހަކަދެއްކީ އެގޮތަށެވެ. ކެމީލާ ރުޅިއަރުވާލަންވެގެންނެވެ. ކެމީލާއަށް އުދަގޫކޮށް ގޯނާކުރަންވެސް ބޭނުމެވެ.

ކެމީލާ ފާޑަކަށް ބަލައިލާފާ ހިމޭންވިއެވެ.

އިތުރަށް އެ ވާހަކަދައްކަންވިޔަސް ހިތަށް ވަންނަ ބިރުވެރިކަމެއްގެ ސަބަބުން "ޕެނިކް އެޓޭކް" އެއް ޖެހޭވަރުވިއެވެ. އަރުތެރެ ބެދި މެޔަށްގޮތެއްވެ ހުރިހާތަނެއް އައްސިވާހެން ހީވިއެވެ. ނާޔަލް އައިސް އޭނައާއި ޖެހި ފިތިގެންކަހަލަ ގޮތަކަށް އިށީނދެ އަތްނަގާ އަތުތެރެއަށް ލެއްވިއެވެ. މޫނުގައި ހިފަހައްޓާފައި އޭނައާއި ވީ ފަރާތަށް އަނބުރައިލިއެވެ. އަދި ގުދުވެ މޫނުގައި ބޮސްދޭން އުޅުމާއިއެކު ކެމީލާ އަނގަމަތީ އަތްއެޅިއެވެ. ނާޔަލް އެ އަތް ނައްޓުވާފައި ހީލިއެވެ.

"ޑިޑް ޔޫ ސްލީޕް ވިތް ޒޯއީ؟ " ކެމީލާ ކުއްލިއަކަށް އަހާލައިފިއެވެ.

"ޔެސް........" ނާޔަލް ބުނެލިއެވެ.

"ސެވެރަލް ޓައިމްސް...." އިރުގަނޑަކުން ކެމީލާއާއި ހަތަރުކަޅިހަމަކޮށްލަމުން ދިން ޖަވާބުން ކެމީލާ އަށް ޝޮކެއްލިބުނެވެ. ކުއްލިއަކަށް ދެލޯ ބޮޑުކޮށްލާ އަނގަޔަށް ގޮތެއް ހަދައިލަމުން މޭގައި އަތް އަޅާ ބާރުކޮށްލައިފިއެވެ. އެސްފިޔަ ޖަހައިލަން ނޭގި އިނދެފައި މަޑުމަޑުން އިސްޖަހައިލިއެވެ. މިއީ ހަމަ މުސްލިމް ޒުވާނެއްހެއްޔެވެ. ހެއްދެވި ފަރާތަށް އެއްވެސް ބިރެއް ނުގަންނަނީހެއްޔެވެ. ހަމަޖެހިލާފައި އެބުނީ އޭނަ އެތައްފަހަރު އެފާފައަށް އަރައިގަތްވާހަކައެވެ. ރާބުއިމާއި ޒިނޭކުރުން ހަރާމްކުރައްވާފައިވާއިރު ނާޔަލް ގައިގާ އެކަންތައްވަނީ އަށަގެންފައެވެ. ކެމީލާއަށް އިނދެވުނީ ފޫހިވެފައި ބަލަހައްޓައިގެންނެވެ. ނާޔަލް ރީއްޗަސް ހިތް ހާދަ ކަޅެވެ.

"އިޓްސް އޯލް ޔޯ ފޯލްޓް ކެމީލާ. އަހަރެންގެ އަންހެނުންގެ ފަރާތުން އެއްވެސް އުފަލެއް ނުލިބެންޏާ ދެން ޒޯއީމެން ކަހަލަ އަންހެންކުދިންގެ ކައިރިއަށް ޖައްސައިލެވޭނެ....." އެ އިލްޒާމުން ކެމީލާ ސިއްސައިގެންގޮސް ނާޔަލްގެ މޫނަށް ބަލަންފެށިއެވެ. ހާސްކަމާއި ރުޅިވެރިކަން އަދި ހިތާމައިން ފުރިފައިވާ ދެލޮލެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ރޮއިގެންފާނެހެންނެވެ. ނާޔަލްވެސްއިނީ ބަލާށެވެ. ތަފާތު ނަޒަރެކެވެ. މަޖާވެފައެވެ. ކެމީލާއަށް ޒޯއިގެ ސަބަބުން އުދަގޫވީހެއްޔެވެ. އެކަމާއި ރުޅިއައީހެއްޔެވެ. ދެރަވެސްވީހެއްޔެވެ. ރުޅީގެ މާސްކެއް އަޅައިގެންހުރެ ކެމީލާވެސް އޭނަ ދެކެ ލޯބިވާން ފެށީކަމުގައި ހީވި ސިކުންތުކޮޅެއް އައެވެ. ނާޔަލްއަށް ހަގީގީ ސަބަބެއް ނޭގުނީއެވެ. ކެމީލާ ބިރުން އެއިނީ އޭނަގެ ސަބަބުން ނާޔަލް ފާފަތަކަށް އަރައިގަންނަނީހެން ހީވާފަދަ ގޮތަކަށް ވާހަކަދެއްކީމައެވެ.

"ނާޔަލް ނަމާދުކުރަންތަ؟ އާ ޔޫ އީވެން އެ މުސްލިމް؟ ތިހުރިހާ ފާފަތަކަށް އަރައިގަންނަން ބިރެއް ނުގަނޭތަ؟ ނޯ ފިއާ އިން ގޯޑް؟ " ކެމީލާގެ ތުންފަތް ކިރިޔާ ހަރަކާތްކުރިކަމެވެ. މަޑު މަޑު ތުންފަތަށްވެސް އަލިފާނުގެ ސަބަބުން އޮރެންޖު ވިދުމެއް އަރާފައި ހުއްޓެވެ. ބީހިލަން ހިތް ތެޅިލިއެވެ. ނަމަވެސް ކެމީލާވަނީ އެކަން މަނާކޮށްފައެވެ. އެވަރުގެ އުފަލެއް ދޭންވެސް ކެމީލާ ދެކޮޅެވެ.

"ދައްކައިގެނެއް ނޫން ނަމާދުކުރަން ޖެހޭނީ...ވަކިފަރާތަކަށް ކުރަންޖެހޭ ކަމެއް. އެކަމަކު އެހީތީ ބުނެފާނަން. އައި ޑޫ ޕްރޭ. ކުރިންވެސް ބައެއްފަހަރު ރިވާ އާއި އަދީންމެންކަހަލަ ފެމިލީ މުސްލިމްކުދިންނާއިއެކު ގޮސް މިސްކިތަށް އަރަން. މިފަހަކަށް އައިސް ކެމީލާ ނަމާދުކުރާތަން ފެނުނީމަ އިންސްޕަޔާވީ. އެހެންވެ ކުރިއަށްވުރެ ގިނައިން އެރޭ. ރެގިއުލާއެއް ނޫން ބަޓް އައި ޑޫ. ކަންނެތްކަމުން ނާރަންޏާ ނޭރެނީ. މި ޖަވާބުން ހިތްހަމަޖެހިއްޖެތަ؟ " ނާޔަލް އެއް ބުމަ އަރުވައިލިއެވެ.

އެ ޖަވާބުން ކެމީލާގެ ހިތަށް ލިބުނީ އުފަލެއް ނޫނެވެ. ހިތުގައި ހިފާ މީހަކު ބާރުކޮށްލިހެން ހީވިއެވެ. އެތައް ހާސް ރާތާގެ ބަރުދަން ސިކުނޑިއަށް ޖެހިގަނެ ސިކުނޑިއަށްވެސް އެހާ ބާރުވިއެވެ. އުފާވާނީ ނާޔަލް ކާފަރަކަށްވެފައި އެ ކައިވެނި ސައްހަ ނުވިނަމަ އެވެ. ނަމަވެސް ނަމާދުކުރާ ކަމަށްވެސް ނާޔަލް އެއްބަސްވީއެވެ. ފާފަތައް ކުރިޔަސް ނާޔަލް މުސްލިމެއްކަން ސާބިތުކޮށްދީފިއެވެ. ހާދަ ދެރައެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ. އޭނަ މޮޔަވެދާނެއެވެ. ކަކުލުގައި މޫނު ޖައްސައިލިގޮތަށް ހިމޭނުން ކަރުނަ އޮއްސާން އިންއިރު ނާޔަލް އަކަށް ވާނުވާއެއް ނޭގުނެވެ. ކެމީލާ ރޯކަމެއްވެސް ނޭގުނެވެ.

"ކެމީލާ؟ " ނާޔަލް ކެމީލާގެ ކޮނޑުގައި ހިފެހެއްޓިއެވެ. ދެވަނަ ފަހަރަށްވެސް ގޮވައިލިއެވެ. ނާޔަލްގެ އަތް ކަރުނުން ތެމުމުން ރޯކަން އެނގުނެވެ.

"ޔޫ އާ ސަޗް އެ ކްރައި ބޭބީ. ޑޫ ޔޫ ނޯ ދެޓް؟" ނާޔަލް ގެ ޖުމްލަތަކުންވެސް ކެމީލާގެ ކަރުނަތައް ހުއްޓުވައެއް ނުލެވުނެވެ. އެންމެފަހުން ދެން އުދަގޫނުކުރާނަމޭ ކިޔާފައި ނާޔަލް ދާން ހިނގައިގަތެވެ.

"ނައިޓް ކެމް......" ފިޔަވަޅުތަކުގެ އަޑު ކެނޑުމުންވެސް ކެމީލާ އެއިންގޮތަށް ރޯންއިނެވެ. ފާފައިގެ އިހުސާސްތަކުން ހިތް ގެނބި އެކަމުން ސަލާމަތްވާންގޮތެއް ދެއްވުމަށް އެދި ދުޢާކުރެވުނެވެ. މިހާ ނަފްރަތުކުރާ މީހަކާއި އާއިލާއަކާއިއެކު އުޅުމަކީ ހާދަ އުދަގޫކަމެކެވެ. އޭނަ ގެ ސަގާފަތާއި އެހާ ބީރައްޓެއްސެވެ. އެމެރިކާގައި ދިރިއުޅުނަސް ހިތަކު އެތަނަކަށް ލޯތްބެއް ނެތެވެ. ބޭނުންވަނީ ތަންކޮޅެއް ހިމޭން އަރާމު ދިރިއުޅުމެކެވެ. މުސްލިމް ސަގާފަތާއި ދީނަށް ލޯބިކުރާ ބަޔަކު އުޅޭ މުޖުތަމައެކެވެ. އެފަދަ މުޖުތަމައެއް ހޯދާނީ ކޮންތާކުންހެއްޔެވެ. އޭނަ އުޅުނު ގޭތެރެއިންވެސް އެކަމެއް ނުފެނުނެވެ. އެންމެފަހުން ތެދުވެ ފޯނު ހުޅުވާލައިގެން ގުރުއާން އަޑުއަހަންފެށިއެވެ.

ޖެހިގެން އައި ދުވަހު އިރުއޮއްސެން އުޅެނިކޮށް ވަރުގަދަ ސްނޯގެ ތޫފާނެއް އައެވެ. އެހާ ވައި ބާރެވެ. ވައިގެ ތެރޭ އުދުހެމުންދާ ބޮޑެތި ސްނޯ އެތިކޮޅުތަކާއިއެކު ވައިގެ ޒޫމް އަޑު ފަޒާގައި ހަރުލާފައިވިއެވެ. ކެމީލާ ފެންޑާއަށް ނުކުތެވެ. އެތެރެއިން ކެހެރި ހެދުންތަކާއިއެކު ކޯޓުލައިގެން ޝޯލްމަތިން ކެހެރި ތޮތްޕެއް އަޅާލައިގެންނެވެ. ބޮކި ދަނޑިތަކާއި ގަސްތައް އަދި ފެންސް ވެސް ބޯސްނޯގެ ތެރޭ ފޮރުވިގެންދާން އިރުކޮޅެއްވެސް ނުނެގިއެވެ. ހުރިހާތަނެއް ހުދުކަމުގެ ތެރެއަށް ޣަރަގުވެ ހުދު ސާލެއް އޮޅާލައިފިއެވެ. ތާޒާކަމުގެ ކޮޅެއްނެތް މާހައުލެކެވެ. އާޝޯޚުވެ މޮޔަހާވާ ރީތި މަންޒަރުތައް ނަމަވެސް ފިނިގަދަކަމުން ހަމުގެ ތެރެއަށް ފިނިކަން ވަނެވެ. ލޭވެސް ގަނޑުވިހެން ހީވިއެވެ. ކުއްލިއަކަށް ނާޔަލް އައިގޮތަށް މެދުހަށީގައި ބައްދާލުމާއިއެކު ހޫނު ނޭވާތައް މޫނަށް އެޅުނެވެ.

"ބްލިޒާޑެއްގެ ތެރެއަށް ނިކުންނާން ވެއްޖެއްޔާ ވަޔާއިއެކު މިކުއްޖާ އުދުހިގެން ހިގައިދާނެ. ފިނިކަމުން ޔޫ ވިލް ފްރީޒް ޓު ޑެތް............" ނާޔަލް ކެމީލާގެ ފިނި ކޯތާފަތުގައި އަތްތިލަ ޖައްސާލުމުން އާދައިގެ މަތިން ފޮޅުވައިލަން އުޅެފައިވެސް އެހެން ހަދާކަށް ނުކެރުނެވެ.

"ފްރީޒްއެއް ނުވާނެ އިރާދަކުރެއްވިއްޔާ. މިއުޅެނީ ގެއަށް ވަންނަން..." ކެމީލާ ބަލިކަށި އަޑަކުން ބުނެލިއެވެ.

"ޒޯއީ އައިމަ ކުއްޖަކު ވަރަށް ހިތްހަމަނުޖެހިފައި ހެން ހީވޭ. ޒޯއީ ނުގެންނާނީ ޝަރުތެއްގެ މަތިން. ނޫނީ މިހާ ފިނިގަދައިރު އަހަންނަށްވެސް ޖެހޭނީ ޕާޓްނާއެއް ގެންނަން. އެކަނި ނިދާކަށް ފަސޭހައެއްނުވާނެ......" ދޮރު ލައްޕާލުމަށްފަހު ނާޔަލް ކެމީލާގެ ދެއަތުގައި ހިފާ ގާތަށް ދަމައިލިއެވެ.

"ކޮން ޝަރުތެއް...." ކެމީލާގެ ހިތަށް ނުބައިގޮތެއްވިއެވެ. ނާޔަލް ހަމަޖެހިލާފައި ކުރިމަތިކޮށްލި ޝަރުތަށް ނޫނެކޭ ބުނަން އުޅެފައިވެސް އޭނަ ތުންފަތުގައި ދަތްއެޅިއެވެ.

"ޑޯންޓް ޑޫ ދިސް..." ނާޔަލް ހީލާފައި ތުންފަތުގައި އިނގިލި ޖެއްސިއެވެ.

"ފުރަތަމަ ހިނގާ އެއްޗެއް ކާލަން. އައިމް ސްޓާވިން......" ނާޔަލް ބުނެލިއެވެ. އޭނަ ގަދަ ނުދައްކާތީ ގައިގާ އެގޮތަށް އަތްލުން އާދައަކަށް ހަދައިފިއެވެ. ކުދި ކުދި ގޯނާތައްކުރުމަށް ހުއްދަ ލިބުނީކަމުގައި ހީކުރީއެވެ. ރުޅިންގޮސް ފަޅަފަޅައިގެން ދާވަރުވީއިރުވެސް އެކަން ނުދައްކާ އޭނަ ނާޔަލްއަށް ކާން ހެދިއެވެ. ނާޔަލްގެ ތޫނު ނަޒަރު ހުއްޓޭ ކޮންމެ ފަހަރަކު ކެމިލާގެ ހިތް ވިރޭގޮތްވެއެވެ. ބިރުގަންނަނީއެވެ. ރުޅިވެސް އާދެވެނީއެވެ. ނަމަވެސް އެ ހުރިހާ ޝުއޫރުތަކެއް ފޮރުވަން އޭނަ މަސައްކަތްކުރެއެވެ.

ކޮންމެ ގޮތެއް ވިޔަސް ސިކުނޑީގެ ކަނަކުން އިންޒާރުދިނީ ފިރިމީހާއަށް އިހުތިރާމްކުރުމަށެވެ. ވަގުތީގޮތުން ނަމަވެސް އޭނަގެ އަންބެއްގެ ގޮތުގައި ހުރިއިރު ހުރިހާ ޚިދުމަތެއްދޭން ޖެހޭނެކަމުގައެވެ. ޒޯއީމެން ކަހަލަ އަންހެންކުދިންނަށް ހިތްވަރު ލިބޭ އެއް ސަބަބަކީ އަންހެނުންގެ ވާޖިބުތައް ވެސް ރަގަޅަށް އަދާނުކުރެވޭތީއެވެ. ހިތާއި ދެކޮޅަށްވެސް އޭނަ މިހިރީ ދީނުގައިވާ ގޮތަށް އުޅުމަށެވެ. ނަފްރަތުކުރާ ޒުވާނަކު ގައިގާ އިނގިލިކުރި ބީއްސައިލަން ހިތް އެދޭނީ ކާކުހެއްޔެވެ. ނަމަވެސް އޭނަ މިހިރީ ނާޔަލް ކޮންމެ ކަމެއް ކުރިޔަސް ނޫނެކޭ ނުބުނާށެވެ. ނަފުސާއި ދެކޮޅަށް ޖިހާދެއްކުރަން ތައްޔާރަށެވެ. ކަމުގެ ހުރި އުދަގޫކަން އެނގޭނީ އޭނަގެ މަގާމުގައި ހުރި އަންހެންކުއްޖަކަށެވެ. އެހިތުގެ ފުންމިނުގައި ކައިޒާން ވާއިރު އެހެން މީހަކަށް ކުޑަވެސް ފުރުސަތެއްދޭކަށް ހިތެއް ނޭދެއެވެ.

އިޝާ ނަމާދުކޮށް ނިމިގެން ކުޑަދޮރުން ބަލައިލިއިރުވެސް ބޯކޮށް ސްނޯވެހޭތަން ފެނެއެވެ. އަދިވެސް ނާނާއެއްފަދައިން އިވެނީ ސްނޯ ތޫފާންގެ ހިތްގައިމު ގުދުރަތީ މިއުޒިކްގެ އަޑެވެ. ކެމީލާ ދެވަނަފަހަރަށްވެސް މާމަގެ ހާލު ބަލައިލަން ގުޅިއެވެ. މާމަ ބުނީ ސްނޯގެ ތޫފާން ވަރަށް ހިތްގައިމުކަމަށެވެ. އުލާ ގެނެސްދިން ހޫނު ބުއިމެއް ބޯން ކުޑަދޮރުކައިރީގައި މާމަވެސް އިނީކަމަށާއި މިހާ ރީތި މަންޒަރުތައް ފެންނާތީ އުފާވާކަމުގައި މާމަ ބުނެލިއެވެ.

"މާމަ އުފާކޮށްދެވުނީމަ ހިތަށް ހަމަޖެހުން ލިބޭ. ހުރިހާ އުފާތައް ގުރުބާންކޮށްގެންވެސް މާމަ އުފަލުގައި ބަހައްޓަން ބޭނުމީ..........." ކެމީލާ ލޮލުން އޮހުނު ކަރުނަތިކި ފޮހެލައިފިއެވެ.

އެއީ ކެމީލާގެ ހަޔާތަށް އައި އެންމެ ބިރުވެރި ރެއެވެ. ހިތުންވެސް ނުފިލާނެ ރެއެކެވެ. ބޭރުގައި އުފެދިފައިވާ ސްނޯގެ ތޫފާނާއިއެކު އެރޭ އޭނަގެ ދިރިއުޅުންވެސް ބަގުރޫޓުވެ ހުރިހާ އުފާތަކެއް ނިގުޅައިގަނެވުނުކަމަށް ހީކުރެވުނެވެ. އިޝްގީ މާހައުލެކެވެ. ފިނިގަދައެވެ. ފުޅާ ކުޑަދޮރުތަކުގެ ފަރުދާތައް ކަހާލަފައި ހުރުމުން ބޭރު ހުރުމުން ތަންކޮޅެއް އަލިކަމަށް ދައްކައެވެ. ފަޔާ ޕްލޭސްގައި އަނދަމުންދިޔަ އަލިފާނާއި ބޯކޮށް ވެހެމުންދާ ސްނޯގެ ލުއި އަޑު ކޮޓަރީގައި ހިފާލާފައިވިއެވެ. ނާޔަލްގެ ކިންގްސައިޒް އެނދުގައި އޭނައާ ކައިރީގައި އިށީނުންވެސް ވީ ކެމީލާއަށް ބޮޑު އަނިޔާއަކަށެވެ. އެއަތުގެ އެންމެ ބީހިލުމަކުންވެސް ކެމިލާގެ ގައިގާ ހުޅުރޯވިފަދައެވެ. މިހާރުވެސް އޭނަ ނޫނެކޭ ބުނެފިއްޔާ ނާޔަލް ހުއްޓާލަފާނެއެވެ. އޭނައަކީ ނާޔަލްގެ މީހެއްނޫނެވެ. ކައިޒާންގެ ހައްގެކެވެ. ނޫނެކެވެ. ގާނޫނީ އަދި ދީނީގޮތުންވެސް ކެމިލާއަކީ ނާޔަލްގެ ހައްގެއް ނޫންހެއްޔެވެ.

ނާޔަލްގެ ބީހިލުންތަކަށް ކެމީލާ އިޖާބަދިނީ ދެލޮލުން އޮހެމުން ދިޔަ ކަރުނަތަކާއިއެކުގައެވެ. ހިތުގައި ހިލަ އަޅައިގެން ހުރެއެވެ. ނިދަންޖެހުނީވެސް ބޯ ރަޖާގެ ދަށުގައި ނާޔަލްގެ އަތުތެރޭގައެވެ. ކިތަންމެ ވަރަށް ހީފިލިނަމަވެސް ހިތަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން ނިދި މަހުރޫމްވިއެވެ. ރޮއިރޮއި އޮތްވާ ވަރުބަލިވެގެން ނިދުނީ އެތައް ދަމެއް ފާއިތުވީފަހުންނެވެ. ހޭލެވިގެން ގަޑި ބަލައިލިއިރު މެންދުރު ބާރަ ޖަހައިފިއެވެ. ނާޔަލް ފެންނާކަށް ނެތެވެ. ބޯ ހިއްލައިލުމާއިއެކު ބޭރު އެއްކޮށް ހުދުވެފައިވާ މަންޒަރުފެނުނެވެ. ޝަވަރުދަށުގައި ހޫނުފެނުން ފެންވަރާލަން ހުރިއިރު އެމޫނުމަތިން ފެންނަ ހިތާމައިގެ އަސަރުތަކުން މީހަކު ހަމްދަރުދީވާނެއެވެ.

ކާހިތެއް ނުވިއެވެ. ކޮޓަރިން ނިކުންނާކަށްވެސް ބޭނުމެއްނުވިއެވެ. ނާޔަލްއާއި ކުރިމަތިލާނެ ހިތްވަރެއް ހަމަ ނެތީއެވެ. ކުޑަދޮރުކައިރީގައި ބޭރަށް ބަލަންހުއްޓާ ފަހަތުން އައިސް ނާޔަލް ކުޑަކޮށް ބައްދާލުމުން ކެމީލާއަށް އަޑުކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. ޖިންނިއެއްހެން އެގޮތަށް އައިސް ބިރުގަންނަވާލީމަ އަދި ވަކިން ރުޅިއައެވެ.

"ކީއްވެ؟ ހަމަ ބޭރަށް ނާންނާނީތަ؟ ސްޓިލް ނޮޓް އިނަފް؟ " ނާޔަލް ލާނެތް ހުނުމަކާއެކު ބުނެލަމުން ކެމީލާ އޭނައައި ދިމާލަށް އަނބުރުވާލައިފިއެވެ. ކޯތާފަތުން ތިރިއަށް ދެމި ދެމި ހުރި ކަރުނައިގެ ރޮގު ނާޔަލްއަށް ފެނުނެވެ.

"އާ ޔޫ ކްރައިން.....ވަޓް..ދަ ހެލް...." ނާޔަލް ހައިރާންވިކަހަލައެވެ.

"ރޯން ވީ ސަބަބެއް ހަމަ ނޭގޭތަ؟ އަންހެންކުއްޖަކު ނުރުހޭކަން އެނގޭއިރުވެސް ފޭރުނީމަ ވާނީ މިހެން. އަނގައިން ނުބުންޏަސް ގަބޫލުނޫންކަން އެނގެންޖެހޭނެ........" އެ ޖުމްލަތައްވެސް ވީ ހިތުގައެވެ. އެހެން ބުނާކަށް ބޭނުމެއްނުވިއެވެ.

"ވެލް. އައިމް ސޮރީ. ކައި މަތިން ހަދާންވީދޯ. ޓްރަސްޓްމީ ދުވަސްކޮޅަކުން ކައި މަތިން ހަދާންނެތިދާނެ. ކައިގެ މަންމަ އެހާ ދެކޮޅު އިރު ކިހިނެއް އޭނައާއިއެކު އުޅޭނީ....." ނާޔަލްގެ އެ ޖުމްލައިން ކެމީލާ ތުންފިތައިލިއެވެ. ނާޔަލްގެ މަންމަ ނަތާޝާއަށްވުރެ ހާސްބައި ނުބަޔެވެ. މިގޭގައި ހުއްޓަސް އެދިގު އަތް ފޯރާނެއެވެ. ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުންވެސް އޭނަ ބަލިކޮށްލާނެއެވެ. ނާޔަލްއަށް އޭނަގެ މަންމަގެ ފާޑު މިހުރިހާ ދުވަހު ނޭގުމަކީ އަޖައިބެކެވެ. ނާޔަލްގެ މަންމަ މީހަކު މަރާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ.

"ހިނގާ އެއްޗެއް ކާލަން. މިއަދު ގެއިން ބޭރަށް ދެވޭކަށްވެސް ނެތް. ބްލިޒާޑްގެ ސަބަބުން މަގުތައް ބަންދުވެފައި އޮތީ. ބޮޑެތި ގެއްލުންތަކެއްވެސް ވާނެ. އެހެންނޫނަސް ވިޒިބިލިޓީ ދަށްކަމުން ދުއްވުމަކީ ނުރައްކާތެރިކަމަށްވާނީ. ވީމަ ބްލިޒާޑް ނިމެންދެން ކައިގެން ނިދުން ދޯ އޮންނާނީ. ހެހެ..." ނާޔަލް ދެވަނަ ފަހަރަށް ބުނުމުން ކެމީލާ ހިނގައިގަތެވެ. ނާޔަލް ގެ މޫނުމަތިން ފެންނަނީ ހަމަޖެހުމެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. އޭނަ ކެމީލާ އޭނަގެ މިލްކަކަށް ހަދައިފިއެވެ. އެވަރުން ފުދޭނެނޫންހެއްޔެވެ. ނާޔަލް ބޭނުންވާވަރު ކޮށްލެވުމުން ދޫ ކޮށްލަފާނެކަން ނޭގެއެވެ. މުއްސަދިންނަށް ކެމީލާފަދަ އަންހެންކުދިންވާނީ ކުޅޭ ބުދުތަކަށެވެ. ފޫހިވުމުން އެއްލާލާނެއެވެ. ނަތާލީވެސް ދެކެނީ އެގޮތަށެވެ. ނާޔަލްގެ ހިތުން ކެމީލާއަށް މަގާމެއް ނުލިބޭނެއެވެ. އޭނައަކީ އެކަމަށް އެކަށީގެންވާ ކުއްޖެއް ނޫނެވެ.

ބްލިޒާޑާއިއެކު ކެމީލާގެ ހަޔާތްވެސް ބަދަލުވެގެން ހިނގައްޖެއެވެ. ކައިޒާންއާއިއެކު ދެކުނު ހުރިހާ ހުވަފެންތައްވެސް އެރޭ ނިމިގެން ހިނގައްޖެއެވެ.

ހަތަރު ފަސް ދުވަހެއްވާންދެން ސްނޯގެ ތޫފާން ދެމިއޮތެވެ. ވިއްސަކަށް އިންޗީގެ ބޯ މިނަށް ސްނޯވެހިފައިވާކަމަށް ޚަބަރުތަކުން ކިއެވެ. ދެމީހުން އެގޭގައި ބަންދުވެފައި ތިބިއިރު ނާޔަލް ބުނިހެން ކެއުމާއި ނިދުން ނޫންކަމެއް ނެތެވެ. ބައެއްފަހަރު ނާޔަލް ސްނޯ ކަހާލަން ނުކުމެ އުޅެއެވެ. ކެމީލާ އަޖައިބުވަނީ ނާޔަލްގެ ރީތިކަމަށް އޭނަގެ ހިތް ނުލެބި ހިތުގައި އެހާ ނަފްރަތު އުފެދިފައިވާތީއެވެ. ހިތުގައިވާ ނަފްރަތުގެ ހުޅުގަނޑު އެންމެ ތަންފުކެއްވެސް ކުޑައެއްނުވެއެވެ. ނަމަވެސް ދުޝްމިނަކާއިއެކު ކައިބޮއި ނިދާ ހަދަން ޖެހިފައިވާއިރު އޭނަގެ ކެތްތެރިކަމާއިއެކު ހައިރާންވެއެވެ. މިފަދަ ކިތަންމެ އަންހެންކުދިންނެއް މިދުނިޔޭގައި ވާނެބާވައެވެ.

މަގުތަކުން ސްނޯ ކަހާ ދަތުރު ކުރެވޭ ވަރުވުމާއިއެކު ޒޯއީ ނާޔަލްއަށް ގުޅާފައި އޭނަ އެގެއަށް އަންނާނެ ކަމުގައި ބުނުމުން ނާޔަލް ދެކޮޅުހެދިއެވެ. ފޯނު ބާއްވާފައި ނާޔަލް ނުކުތްއިރު ކެމީލާ އިނީ ފެންޑާގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން ދުރަށް ބަލާށެވެ. ދޮން ކޯތާފަތަށް މަޑު ރަތްކުލައެއް ވެރިވެފައިވިއެވެ.

"ޒޯއީ މިގެއަށް ގެންނަންތަ؟ "

"ފޯ ވަޓް؟ " ކެމީލާ ގެ މޫނުމަތިން އެއްވެސް ޝުއޫރެއް ނުފެނެއެވެ. މަތިމަރުވެފައިވާ އަންހެންކުއްޖެކޭ މިހާރު ތަފާތެއް ނުހުރެއެވެ. ގިނަފަހަރު އިންނަނީ މާޔޫސްވެ ގެއްލިފައެވެ. އެސްފިޔަތަކުގެ ފުރަގަހުގައި ފިލާ ހުންނަ ކަރުނަތައް ކޮންމެ އިރަކުވެސް ފައިބައިގަންނާނެފަދައެވެ. ނާޔަލް ކެމީލާގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވައިލިއެވެ. އޭނަގެ ދެލޮލަށް ބަލަން މަޖުބޫރުކުރުވިއެވެ. އެވަގުތު ނާޔަލްގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމުގެ އިންތިހާއެވެ. އެތޫނު ދެލޮލުގައިވަނީ ފިރިހެނުންވެސް ޖެހިލުންވާ ފަދަ ގޮތެކެވެ.

(ނުނިމޭ...)

comment ކޮމެންޓް