ސީރިއާގެ ރެފިއުޖީން ތުރުކީގައި، ދިިރިއުޅުން އާ ފެށުމަކުން!

ސިރިއާގެ ރެފިއުޖީން ތުރުކީގައި ދިރިއުޅޭ ފާތިހް ޑިސްޓްރިކްޓް ސަރަހައްދު--- ފޮޓޯ: އަލްޖަޒީރާ

ސީރިއާގެ ހަނގުރާމަ ފެށުނު ފަހުން މިއީ ހަތް ވަނަ އަހަރެވެެ. ހަނގުރާމައިގެ ސަބަބުން އަބަދުހެން ނުރައްކަލުގެ ތެރެއިން، ފުރާނަ އަތަށް ލައިގެން އެތައް ބަޔަކު ވަނީ އެ ގައުމު ދޫކޮށް ގޮސްފައެވެ. އެއް ބަޔަކު ކަނޑުމަގުން ކުދި ބޯޓުތަކުގައި އެހާމެ ނުރައްކާތެރި ދަތުރުކޮށް ޔޫރަޕަށް ވަނީ އެތެރެވެފައެވެ. އަނެއް ބަޔަކު ވަނީ ސީރިއާއާ އިންވެގެން އޮންނަ ތުރުކީއަށް ވަދެ ރައްކާތެރިކަން ހޯދައިފައެވެ.

ރައްކާތެރިކަން ހޯދުމަށް ތުރުކީއަށް ވަން ސީރިއާގެ ރެފިއުޖީންގެ އަދަދު ތިން މިލއަނަށް ވުރެ ގިނަ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އޭގެ ތެރެއިންވެސް ތުރުކީގެ އިސްތަންބޫލްގެ ޑިސްޓްރިކްޓެއް ކަމަށްވާ ފާތިހް އަކީ ސީރިއާގެ ވަރަށް ގިނަ ރެފިއުޖީންތަކެއް މިހާރު ދިރިއުޅެމުންދާ ސަރަހައްދެކެވެ. ހާއްސަކޮށް ފާތިހް ޑިސްޓްރިކްގައި ހިމެނޭ މާލްޓާ ސްޓްރީޓް މާރުކޭޓް ސަރަހައްދަށް ވަނުމުން ސީރިއާގެ ސަގާފަތް ވަރަށް ބޮޑަށް ފާޅުވެއެވެ.

ސިރިއާގެ ރެފިއުޖީން ތުރުކީގައި ދިރިއުޅޭ ފާތިހް ޑިސްޓްރިކްޓް ސަރަހައްދު--- ފޮޓޯ: އަލްޖަޒީރާ

އެ ސަރަހައްދަށް ސީރިއާ ނުވަތަ ދިމިޝްކުގެ ބާޒާރޭވެސް ކިޔައިއުޅެއެވެ. ސީރިއާގެ ރަހަތައް އެކުލެވޭ ކޮފީ ޝޮޕްތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ބޭކަރީތައް އެ ސަރަހައްދުގައި ފުރިފައިވާއިރު، މުޅިންހެން އެ ސަރަހައްދުން އިވެނީ އަރަބި ބަހުން ވާހަކަ ދައްކާ އަޑެވެ.

އެ ސަަރަހައްދުގައި ހުންނަ މޮބައިލް ފިހާރައެއްގައި މަސައްކަތް ކުރާ ސީރިއާގެ ރެފިއުޖީއެއް ކަމަށްވާ އުމަރު ރަސާމް ބުނީ ސީރިއާގެ ދާހިލީ ހަނގުރާމަ ފެށުނުތަނާހެން އެގައުމު ދޫކޮށް ދިޔަކަމަށެވެ.

ސީރިއާ ދޫކޮށް ރަސާމް އެންމެ ފުރަތަމަ ދިޔައީ ލުބްނާނަށެވެ. އެހެން ނަމަވެސް ލުބްނާންގައި ދިރިއުޅެން ރަސާމްއަށް ފަސޭހައެއް ނުވިއެވެ. ދެ އަހަރު ލުބްނާނުގައި ހުރުމަށް ފަހު ރަސާމް އެންމެ ފަހުން މިސްރާބް ޖެހީ ތުުރުކީއަށެވެ.

" ލުބްނާނުގައި އުޅެން ވަރަށް އުނދަގޫ. ލުބްނާނުގެ ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ. މީހުންވެސް އެހާ ރަނގަޅެއް ނޫން. އަހަރެން ތުރުކީގައި މިހާރު އުޅޭތާ މިހާރު މިއީ ހަތަރު ވަނަ އަހަރު. އެއްވެސް އުނދަގުލެއް މިތާ ދިމައެއް ނުވޭ،" ރަސާމް ބުންޏެވެ.

ސިރިއާގެ ރެފިއުޖީން ތުރުކީގައި ދިރިއުޅޭ ފާތިހް ޑިސްޓްރިކްޓް ސަރަހައްދު--- ފޮޓޯ: އަލްޖަޒީރާ

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސީރިއާއަށް ދާކަށް ރަސާމްވެސް ބޭނުމެއް ނޫނެވެ. ރަސާމަށް ތުރުކީން '' ރެސިޑެންޓް ކާޑެއް" ދުކޮށްފައިވާއިރު އޭނާގެ މިހާރުގެ އުއްމީދަކީ ތުރުކީގެ ރައްޔިތުކަން ހޯދުމެެވެ.

" އަހަރެން ބޭނުން، އަހަރެންގެ އާއިލާވެސް މިތަނަށް ގެންނަން. މިހާރު ވަރަށް އުނދަގޫ ސީރިއާގެ މީހުން ތުރުކީއަށް ވަންނަން ވިސާ ހޯދަން،" ރަސާމް ބުންޏެވެ.

ރަސާމްއެކޭ އެއްފަދައިން ތުރުކީގައި ދިރިއުޅެމުން އަންނަ ސީރިއާގެ ރެފިއުޖީއެއް ކަމަށްވާ އަލީ ނަޖީބްގެވެސް އުއްމީދަކީ ތުރުކީގެ ރައްޔިތުކަން ހޯދުމެެވެ.

ތުރުކީގެ ސްވީޓް ޝޮޕެއްގައި މަސައްކަތްކުރަމުންދާ ނަޖީބް އެގައުމުގައި ދިރިއުޅޭތާ މިއީ ފަސްވަނަ އަހަރެވެ.

" މިތާނގައި އަމާންކަމާއި ސުލްހަވެރިކަން އެބައޮތް. އަހަރެން ބޭނުން އަހަރެންގެ އާއިލާ މިތަނަށް ގެންނަން. އެހެން ނަމަވެސް އެކަމަށް ބޭނުންވޭ ތުރުކީގެ ރައްޔިތަކަށް ވާން،" ނަޖީބް ބުންޏެވެ.

މިދިޔަ އަހަރު ކުރި ސާވޭއަކުން ދައްކާ ގޮތުގައި ތުރުކީގައި ދިރިއުޅޭ ސީރިއާގެ ރެފިއުޖީންގެ ތެރެއިން 74 ޕަސެންޓް މީހުން، ތުރުކީގެ ރައްޔިތުކަން ބޭނުންވެއެވެ.

ސީރިއާ ހަނގުރާމަ ފެށުނު ދުވަސްވަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ތުރުކީން އޮތީ އެގައުމުގެ ބޯޑަރުތައް ސީރިއާގެ ރެފިއުޖީންނަށް ހުޅުވާލަައިފައެވެ. ނަަމެވެސް ފަހުން ތުރުކީގެ މަދަދާއެކު ސީރިއާގައި ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރިން ސީރިއާގެ އުތުރުގެ ސަރަހައްދުތައް ހިފަން ފެށުމުން ތުރުކީން ވަނީ ރެފިއުޖީން އެ ސަރަަހައްދުގައި ތިއްބުމަށް ބާރު އަޅަމުންނެެވެ.

ފާތިހް ޑިސްޓްރިކްޓްގައި ދިރިއުޅެމުންދާ ސީރިއާގެ ރެފިއުޖީންނަށް މާބޮޑު އުނދަގޫތަކެއް ކުރިމަތި ނުވިނަމަވެސް އެ ސަރަހައްދުގައި ދިރުއުޅޭ ތުރުކީގެ މީހުން ދަނީ ނުތަނަވަސްކަން އިހުސާސްކުރަމުންނެވެެ. ތުރުކީގެ ބައެއް މީހުން ދެކޭގޮތުގައި ތުރުކީގެ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ވުރެ ބޮޑަށް ރެފިއުޖީންނަށް ދަނީ އިސްކަން ދެމުންނެވެ. އޭގެ އިތުރުން އެންމެ ދަށް ވަޒީފާތަކަށް ރެފިއުޖީން ލައްވައި ކުޑަކުޑަ މުސާރަައަކަށް މަސައްކަތް ކުރަން ފެށުމުން ތުރުކީގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ވަނީ ގެއްލިފައެވެ.

ސިރިއާގެ ރެފިއުޖީން ތުރުކީގައި ދިރިއުޅޭ ފާތިހް ޑިސްޓްރިކްޓް ސަރަހައްދު--- ފޮޓޯ: އަލްޖަޒީރާ

ސީރިއާގެ ރެފިއުޖީންނާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ސަބުބުން މިދިޔަ އަހަރުވެސް ވަނީ 35 މީހުން މަރުވެފައެވެ.

ސީރިއާގެ ރެފިއުޖީން ހަމަޖެހިލައިގެން ތުރުކީގައި އުޅުމަށް "މަގު ކޮށުމަކީ' ފަސޭހަކަމެއް ނޫނެެވެ. ސީރިއާގެ ރެފިއުޖީއަކު ބުނީ ތުރުކީގައި ވިޔަފާރިއެއް ފެށުމަށް ދިމާވާ އެންމެ ބޮޑު އެއް މަައްސަލައަކީ ކުލި ބޮޑުވުން ކަމަށެވެ.

" މިތާނގައި ވިޔަފާރިއެއް ފަށަން އުނދަގުލެއް ނޫން. ތުރުކީގެ ބިންވެރިން ސީރިއާގެ މީހުންގެ އަތުން ވަރަށް ބޮޑު ކުއްޔެއް ނަގާ. މީއީ މަނާވެސް ކަމެއް. ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ވިޔަފާރި ފަށަން. ނަމަވެސް މިހާރު އަހަރެން މިއުޅެނީ ހަމަޖެހިލައިގެން،" ސީރިއާގެ ވިޔަފާރިވެރިއަކު ކިޔައިދިނެވެ.

މާލްޓާ ސްޓްރީޓް މާރުކޭޓްގައި ހުންނަ ސީރިއާގެ ގިނަ ވިޔަފާރިތަކުގެ ކަސްޓަމަރުންނަކީވެސް ސީރިއާގެ މީހުންނެވެ.

comment ކޮމެންޓް