އިމްރާން ޚާން ހުވާކުރެއްވުން ވަރަށް ކުލަގަދަކޮށް މިމަހުގެ 11ގައި ބާއްވަނީ

އިމްރާން ޚާން

އިސްލާމް އާބާދު (އޮގަސްޓް 2) : ޕާކިސްތާންގެ އިންތިޚާބު ކާމިޔާބު ކުރި ޕާކިސްތާން ތަހުރީކޭ އިންސާފް (ޕީޓީއައި) ގެ ލީޑަރު އަދި ކުރީގެ ކުރިކެޓް ތަރި އިމްރާން ޚާން އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވާނީ މި އޮގަސްޓް މަހުގެ 11 ވާ ހޮނިހިރު ދުވަހު ކަމަށާއި ހުވާކުރުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޓީއައި އިން ބުނީ އިމްރާންޚާން ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކް ގައުމުތަކުގެ ވެރިންނަށާއި ޕާކިސްތާނުގެ އަވަށްޓެރި އެހެން ގައުމުތަކުގެ ވެރިންނަށްވެސް ދައުވަތު ދިނުމަށް ހަމަޖެހިފައިވާ ކަމުގަައެވެ. މިކަމުގެ ބޭނުމަކީ އަވައްޓެރި ގައުމުތަކާ ގުޅުންތައް ރަނގަނޅު ކުރުމުގެ މަރްހަލާއެއް ފެށުމަށް މަގުފަހިކުރުން ކަމުގައެވެ. މިރަސްމިއްޔާތަށް ވަޑައިގަންނަވާ ސާކުގެ ލީޑަރުންގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ހިމެނިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޕީޓީއައިގެ ތަރްޖަމާން ފުއާދު ޗައުދަރީ ވިދާޅުވިއެވެ.

އިމްރާންޚާންގެ ޕީޓީއައިއަށް އިންތިޚާބުން ލިބުނީ 116 ގޮނޑި ކަމަށްވިޔަސް ކުދި ޕާޓީތަކާއި މުސްތަގިއްލު ފަރާތްތަކާ ކޯލިޝަން ހަދައިގެން އެޕާޓީ މިހާރުވަނީ ޕާކިސްތާނުގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދާފައެވެ. މިގޮތުން ޕާކިސްތާނުގެ ޕާލަމެންޓްގެ ދަށުގޭގައި އިންތިޚާބު ކުރަން ޖެހޭ 272 ގޮނޑީގެ ތެރޭން ޕީޓީއައިގެ ކޯލިޝަނުންވަނީ 168 ގޮނޑި ހޯދާފައެވެ. މިއީ ސަރުކާރެއް އެކުލަވާލެވޭ ވަރަށްވުރެވެސް ބޮޑު އަޣުލަބިއްޔަތެކެވެ.

ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިންވަނީ ސަރުކާރެއް އެކުލަވާލުމުގެ މަަސައްކަތް ރަސްމީކޮށް އިމްރާންޚާން އާ ހަވަލުކުރައްވާފައެވެ.

އިމްރާންޚާން ޕާކިސްތާނުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ އޭނާއަށް ފޯނުން ގުޅުއްވައި މަރްހަބާ ވިދާޅުވެފައެވެ. އިމްރާންވަނީ މޯދީ ގުޅުއްވުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. މިއީ ދެގައުމުގެ މެދުގައިވާ މައްސަލަތައް ހައްލުކުރުމަށް ވާހަކަދެއްކުމުގެ މަގު ފަހިވެގެންދާނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް އިމްރާންޚާން ވިދާޅުވިއެވެ.

"ސާކް" ޖަމްއިއްޔާ ރަނގަނޅަށް މަސައްކަތް ނުކުރަނީ ޕާކިސްތާނާއި އިންޑިޔާގެ ނުތަނަވަސްކަމާ ގުޅިގެންނެވެ. ޕާކިސްތާނާއި އިންޑިޔާގެ ވެރިން ކިތަންމެ ވަރަކަށް ބައްދަލުކުރެއްވި ނަމަވެސް ކަޝްމީރުގެ މައްސަލަ ހައްލުނުވާހާ ހިނދަކު އެގައުމުގެ ގުޅުންތައް ރަނގަނޅު ނުވާނެކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ކަޝްމީރުގެ މައްސަލަ ހައްލުނުވަނީ އެސަރަހައްދުގެ ރައްޔިތުން ބޭނުންވާގޮތަށް މައްސަލަ ހައްލުކުރަން އިންޑިޔާ ބޭނުންނުވާތީ އާއި ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް އދ.ން ފާސްކޮށްފައިވާ ގަރާރުތަކަށް އަމަލުކުރުމަށް އިންޑިޔާއިން ދެކޮޅު ހެދުމުގެ ސަބަބުންނެވެ.

އދ.ގެ ގަރާރުތައް އިންޑިޔާއަށް ގޮވާލަނީ ކަޝްމީރުގެ ރައްޔިތުން ބޭނުންވާގޮތަކަށް އެސަރަހައްދުގެ މައްސަލަ ނިންމުމުގެ އިޚްތިޔާރު އެމީހުންނަށް ދިނުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އިންޑިޔާ ގެންދަނީ މިކަމަށް އިންކާރު ކުރަމުންނެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ މޯދީ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް އިންޑިޔާއަށް ވަޑައިގެންފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް