ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ 50 ފުޓްސަލް ދަނޑެއް ހުޅުވައިފި

ދަރުބާރު ގޭގައި މިރޭ ބެއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ 50 ފުޓްސަލް ދަނޑެއް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ހުޅުއްވައި ދެއްވަވައިފިއެވެ.

ދަރުބާރު ގޭގައި މިރޭ ބޭއްވި ހަފްލާގައި ރައީސް ހުޅުވާދެއްވައިފައި ވަނީ މީގެ ކުރިން ރަސްމީކޮށް ނުހުޅުވާ އޮތް 50 ދަނޑެކެވެ. އެ ދަނޑުތަކުގެ ބޭނުން މިހާރުވެސް ރައީސްގެ އިރުޝާދުގެ ދަށުން ބޭނުން ކުރެވެމުންދިޔަ ނަމަވެސް، ރަސްމީކޮށް ހުޅުވާފައި ވަނީ މިރޭއެވެ.

މިހާތަނަށް މި ސަރުކާރުގެ ފުޓްސަލް ދަނޑު ބިނާ ކުރުމުގެ މަޝްރޫއުގެ ދަށުން 86 ދަނޑު ނިމިފައިވާ އިރު، 94 ދަނޑެއްގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ.

މިރޭ ހުޅުވި ދަނޑުތަކުގެ ރަށްތަކަށް ނިސްބަތްވާ ރަށްތަކުގެ ޒުވާނުންނާއެކު ރައީސް ޔާމީން ހާއްސަ ފޮޓޯ ސެސަޝެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މިރޭ ހުޅުވާފައިވާ ފުޓްސަލް ދަނޑުތަކުގެ ތެރޭގައި ހއ. އަތޮޅު ފަސް ދަނޑު، ހދ. އަތޮޅުގެ ފަސް ދަނޑު، ށ. އަތޮޅުގެ ހަތަރު ދަނޑު، ނ. އަތޮޅުގެ ހަ ދަނޑު، ރ. އަތޮޅު ދެ ދަނޑު، ޅ. އަތޮޅުގެ ދެ ދަނޑު، ކ. އަތޮޅުގެ ދެ ދަނޑު، މ. އަތޮޅުގެ ދެ ދަނޑު، ފ. އަތޮޅުގެ ދެ ދަނޑު، ލ. އަތޮޅު ތިން ދަނޑު، ގއ. އަތޮޅުގެ ދެ ދަނޑު، ގދ. އަތޮޅުގެ ހަ ދަނޑު، މާލެއާއި ހުޅުމާލޭގެ ފަސް ދަނޑުގެ އިތުރުން ބ. އަތޮޅުގެ ދަނޑަކާއި، އދ. އަތޮޅުގެ ދަނޑަކާއި ލަންކާގައި ގާއިމް ކުރި ދަނޑެއް ހިމެނެއެވެ.

މިރޭ ބޭއްވި ހަފްލާގައި ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ރާއްޖޭގެ ކުޅިވަރު އާއިލާގެ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް