ނަވާޒް ޝަރީފްގެ ހާލު ރަނގަޅުވުމުން އަނބުރާ ޖަލަށް ގެންގޮސްފި

ނަވާޒް ޝަރީފް އަދި ދަރިކަނބަލުން މަރިޔަމް ނަވާޒް ފްލައިޓްގައި

ކޮރަޕްޝަންގެ ކުށް ސާބިތުވެގެން ޖަލަށްލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ސިއްޙީ ހާލު ބޮޑުވެގެން އޭނާ ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ހާލު ރަނގަޅުވުމުން އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ނަވާޒް ޝަރީފަށް ކުރިމަތިވީ ހިތްޕުޅުގެ އާލާސްކަންފުޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕަންޖާބް ޕްރޮވިންސްގެ ހޯމް މިނިސްޓަރު ޝައުކަތު ޖާވިދު ވިދާޅުވީ ނަވާޒް ޝަރީފް އަނބުރާ ޖަލަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރުންނާ މަޝްވަރާކުރުމަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

ނަވާޒް ޝަރީފަކީ ކުރިން ލަންޑަންގައި ހިތްޕުޅުގެ ބައިބާސް އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެކެވެ. ނަވާޒް ޝަރީފުގެ އިތުރުން އޭނާގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް ވެސް ވަނީ ކޮރަޕްޝަންގައި ބައިވެރިވި ކަން ސާބިތުވެގެން ޖަލަށްލާފައެވެ. އެބޭފުޅުން ޖަލަށްލީ ޖަލަށް ލިޔަސް ހެޔޮކަމަށް ލަންޑަންގައި ތިއްބަވާފައި ދާދިފަހުން އެނބުރި ގައުމަށް ވަޑައިގަތުމުންނެވެ.

ނަވާޒް ޝަރީފްވަނީ ތިން ފަހަރެއްގެ މަތިން ޕާކިސްތާނުގައި ބޮޑުވަޒީރުކަން ކުރައްވައިފައެވެ.

comment ކޮމެންޓް