އިންޑިއާގެ ފުޓުބޯޅަ ޓީމު އޭޝިއަން ގޭމްސްއަށް ނުފޮނުވަން ނިންމުމުން ކޯޗު ފާޑު ކިޔައިފި

އިންޑިއާ ގައުމީ ޓީމުގެ ކޯޗު ކޮންސްޓެންޓައިން --- ސަން ފައިލް ފޮޓޯ/ ހުސައިން ސިނާން، އިމޭޖަސް.އެމްވީ

އިންޑިއާގެ 23 އަހަރުން ދަށުގެ ޒުވާން ފުޓުބޯޅަ ޓީމު މިފަހަރުގެ އޭޝިއަން ގޭމްސްއަށް ނުފޮނުވަން އެގައުމުގެ އޮލިމްޕިކް ކޮމިޓީން ނިންމުމާ ގުޅިގެން ގައުމީ ޓީމުގެ ކޯޗު ސްޓިފަން ކޮންސްޓެންޓައިން ފާޑު ކިޔައިފި އެވެ.

އިންޑޮނޭޝިއާގެ ޖަކާޓާގައި އޮގަސްޓް 18 އިން ސެޕްޓެންބަރު ދެވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްއަށް އިންޑިއާގެ ފުޓުބޯޅަ ޓީމު ނުދާނެ ކަމަށް އެގައުމުގެ އޮލިމްޕިކް ކައުންސިލްގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ އިރު، އިންޑިއާ ގައުމީ ޓީމުގެ ކޯޗު ކޮންސްޓެންޓައިން ބުނެފައި ވަނީ އެކަން ރަސްމީކޮށް އަދި އަންގާފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް އެކަން އެގޮތަށް ނިންމުމަކީ އިންޑިއާގެ ފުޓުބޯޅައަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި، އެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށް ވެސް ކޯޗު ބުންޏެވެ.

ބަންގާޅުގައި އަންނަ މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާ އިން ފަރިތަކުރުންތަކަށް އޮސްޓްރޭލިއާގައި ކޭމްޕް ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓެންޓައިން ބުނެފައި ވަނީ އެންމެފަހުން ނިމިދިޔަ އޭޝިއަން ގޭމްސް އަކީ މާޒީ ކަމަށާއި އެ މުބާރާތުގައި ފުޓުބޯޅަ ޓީމަށް އެންމެ އެދެވޭ ކާމިޔާބީއެއް ހޯދިފައި ނެތް ނަމަވެސް، މިހާރު އިންޑިއާގެ ފުޓުބޯޅަ ބަދަލުވެއްޖެ ކަމަށެވެ.

މީގެ ހަތަރު އަހަރު ކުރިން 2014 ވަނަ އަހަރު ސައުތު ކޮރެއާގެ އިންޗިއޯންގައި ބޭއްވި އޭޝިއަން ގޭމްސްގެ ފިރިހެން ފުޓުބޯޅަ އިވެންޓް އިންޑިއާއިން ނިންމަލީ މެޗަކުން މޮޅު ނުވެ އެވެ.

ކޮންސްޓެންޓައިން ބުނެފައި ވަނީ މީގެ ކުރިން އޭޝިއަން ގޭމްސްގައި އިންޑިއާއިން ވާދަކުރާ ފުޓުބޯޅަ ޓީމަށް މާ ބޮޑު އުންމީދެއް ނެތް ނަމަވެސް، މިހާރު އިންޑިއާގެ ފުޓުބޯޅަ އޮތް ހިސާބުން ގްރޫޕް ސްޓޭޖު ފަހަނަ އަޅާ ދިއުމަށް ބޮޑު ފުރުސަތެއް އެބައޮތް ކަމަށެވެ. އަދި އޭޝިއަން ގޭމްސްއަކީ ޒުވާން ކުޅުންތެރިންނަށް ލިބިގެންދާނެ މުހިއްމު ތަޖުރިބާއެއް ކަމަށް ވެސް ކޯޗު ކޮންސްޓެންޓައިން ބުނެފައިވެ އެވެ.

އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓަކީ 1998 ވަނަ އަހަރުން ފެށިގެން ރާއްޖެއިންވެސް ބައިވެރިވަމުން އަންނަ އިވެންޓެކެވެ. އެހެން ނަމަވެސް މިފަހަރުގެ އޭޝިއަން ގޭމްގެ ފިރިހެން ފުޓުބޯޅަ އިވެންޓްގައި ރާއްޖެއިން ވެސް ބައިވެރިނުވާނެ އެވެ. އޮލިމްޕިކް ކޮމިޓީން ބުނެފައި ވަނީ ރާއްޖެ އިން މިފަހަރު ފުޓުބޯޅަ އިވެންޓްގައި ބައިވެރިނުވުމަށް ނިންމި ނިންމުމަކީ ސްޕޯޓްސް ކައުންސިލާއި އޮލިމްޕިކް ކޮމިޓީގެ އިތުރުން އެފްއޭއެމް ވެސް މަޝްވަރާކޮށް ނިންމި ނިންމުމެއް ކަމަށެވެ.

comment ކޮމެންޓް