އެމްޓީސީސީ އަށް 13 މިލިޔަންގެ ފައިދާއެއް

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އިސް ވެރިން.--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްތައް ކުރަމުން އަންނަ އެމްޓީސީސީ އަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 13 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ދެ ވަނަ ތިން މަހު އެމްޓީސީސީ އަށް ލިބުނު ފައިދާ އާ އަޅާ ބަލާއިރު 47 ޕަސެންޓް ނުވަތަ 11.57 މިލިޔަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް 24.58 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނެވެ.

އެމްޓީސީސީން ނެރުނު އެ ކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައި ވަނީ، އޭޕްރީލުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 301.50 މިލިޔަން ރުފިޔާ ކަމަށެވެ. އަހަރުން އަހަރަށް ބަލާއިރު އާމްދަނީ ވެސް ވަނީ ދެ ވަނަ ކުއާޓަރުގައި 11.74 ޕަސެންޓް ނުވަތަ 40.1 މިލިޔަން ރުފިޔާ ދަށަށް ގޮސްފަ އެވެ.

އާމްދަނީ އާއި ފައިދާ ދަށަށް ދިޔައީ، އެ ކުންފުނިން އާ ޕްރޮޖެކްޓުތައް ނެގި އަދަދު މަދުވުމުން ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. އެ ކުންފުނިން ބުނީ އާ ޕްރޮޖެކްޓުތައް މަދުވުމުން، ކޮންސްޓްރަކްޝަން ދާއިރާ އިން ލިބުނު އާމްދަނީ ދެ ވަނަ ކުއާޓަރުގައި 31 ޕަސެންޓް ވެއްޓުނު ކަމަށެވެ. އަދި ލޮޖިސްޓިކްސް އާއި ބައެއް އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ.

ބިން ހިއްކުމުގެ ޕްރޮޖެކްޓްތަކުން އެމްޓީސީސީ އަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރު ވަނީ ދެ ގުނަ އިތުރުވެފައި ކަމަށް އެ ކުންފުނިން ބުނެ އެވެ. ނަމަވެސް، އެހެން ދާއިރާތަކުން ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔުމާއި، އަލަށް ގެނާ މަހާޖައްރާފް ޑްރެޖަރާއި އެކު އިންޓަރެސްޓާއި އޮޕަރޭޓިން ހަރަދުތައް ބޮޑު ވުމުން ކުންފުނީގެ ޖުމްލަ ފައިދާ ދަށަށް ދިޔައީ އެވެ.

comment ކޮމެންޓް