އުރީދޫއަށް ދެވަނަ ކުއާޓަރުގައި 125 މިލިޔަން ރުފިޔާގެ ފައިދާއެއް

އުރީދޫން އާންމުންނަށް ހިއްސާ ވިއްކި ފަހުން ބޭއްވި ދެ ވަނަ އަހަރީ ޖަލްސާގެ ތެރެއިން.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫއަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 125 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ދެމުން އަންނަ ކުންފުނިން މިއަދު ނެރުނު އެ ކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައި ވަނީ، އޭޕްރީލުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 491 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫއަށް ލިބުނު އާމްދަނީ ވަނީ 11 ޕަސެންޓް އިތުރު ވެފައެވެ.

އަހަރުން އަހަރަށް ބަލާއިރު އާމްދަނީ އިތުރުވި ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެ ވަނަ ކުއާޓަރުގެ އާމްދަނީ ވަނީ ކުޑަ މިންވަރެއް ދަށްވެފައެވެ.

މީގެ 13 އަހަރު ކުރިން ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި ޚިދުމަތްދޭން ފެށި ކުންފުނިން ބުނީ، ފުރަތަމަ ކުއާޓަރަށް ވުރެ އާމްދަނީ ދަށްވީ، އެ ދުވަސްވަރަކީ ޓޫރިޒަމް ދަށް ދުވަސްކޮޅަކަށް ވުމުން ރޯމިން އިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ.

އުރީދޫން ވަނީ އާންމުންނަށް ހިއްސާ ވިއްކުމަށް ފަހު، އެ ކުންފުނިން ބޭއްވި ދެ ވަނަ އަހަރީ ޖަލްސާގައި މިދިޔަ އަހަރު ލިބުނު ފައިދާ އިން، ހިއްސާދާރުންނަށް 428 މިލިއަން ރުފިޔާ ބަހަން ނިންމާފަ އެވެ.

comment ކޮމެންޓް