އައިއެސްއިން ސީރިއާގެ 36 އަންހެނުންނާއި ކުޑަކުދިން ރަހީނުކޮށްފި

ސީރިއާ ހަނގުރާމައިގެ ސަބަބުން ގެދޮރު ނެތިފައިވާ ބައެއް ކުދިން ކޭމްޕެއްގައި -- ފޮޓޯ: ރޮއިޓާސް

ދިމިޝްގު (ޖުލައި 31): ސީރިއާގެ ހުޅަނގުދެކުނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން 30 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ރަހީނުކޮށްފި ކަމަށް އެގައުމުގެ މީޑިއާއަކުން ބުނެފި އެވެ.

ސީރިއާގެ ސުވައިދާ ޕްރޮވިންސުގެ ސުވައިދާ24 ނޫހުން ރިޕޯޓު ކުރި ގޮތުގައި އެމީހުން ރަހީނުކޮށްފައި ވަނީ މި މަހުގެ 25ގައި އައިއެސްއިން އެޕްރޮވިންސަށް ދިން ބޮމުގެ ހަމަލާތަކަށް ފަހުގަ އެވެ. އައިއެސްގެ ހަނގުރާމަވެރިން އަމިއްލައަށް މަރުވެގެން ދިން އެހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އައިއެސް އިން ވަނީ 36 އަންހެނުންނާއި ކުޑަކުދިން ރަހީނު ކޮށްފަ އެވެ. އަދި ބައެއް އަންހެނުން ސަލާމަތްވެފައިވާ ކަމަށާއި ނަމަވެސް ދެ މީހަކު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

މީގެ އިތުރުން ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ އެމީހުން ސަލާމަތް ކުރުމަށް އައިއެސްއާ މަޝްވަރާ ކުރަމުން ކަމަށް ސީރިއާގެ ނޫސްތަކުގައިވެ އެވެ.

އައިއެސްއިން މީގެ ކުރިން އިރާގާއި ސީރިއާގައި ހިފާފައިވާ ސަރަހައްދުތަކުގައި ދިރިއުޅެމުން ދިޔަ މީހުންގެ އަދަދު 10 މިލިއަނަށް އަރަ އެވެ. ނަމަވެސް އެޖަމާއަތުން މީގެ ކުރިން ހިފާފައި އޮތް ގިނަ ސަރަހައްދުތަކުން މިހާރު އެޖަމާއަތުގެ ބާރު ވަނީ ކަނޑުވާލާފައި އެވެ. (ބީބީސީ)

comment ކޮމެންޓް