ރޮނާލްޑޯ ނެތްތަން ފޫބައްދާނީ ބޭލް: ލޮޕެޓެގީ

ގެރެތު ބޭލް ޗެމްޕިއަންސް ލީގުގެ ޓްރޮފީއާއެކު --- ފޮޓޯ/ އޭޕީ

ރެއާލް މެޑްްރިޑްގައި ނުވަ އަހަރު ހޭދަކުރުމަށްފަހު ޔުވެންޓަސްއަށް ބަދަލުވެފައިވާ ޓީމުގެ ތަރިި، ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބައްދާނީ ވޭލްސް ފޯވަޑް ގެރެތު ބޭލް ކަމަށް ޓީމާ އަލަށް ހަވާލުވި ކޯޗު، ހުލެން ލޮޕެޓެގީ ބުނެފިއެވެ.

ޖެހިޖެހިގެން ތިން ފަހަރު ރެއާލްއާއެކު ޗެމްޕިއަންސްލީގުގެ ތަށި އުފުލާލުމަށްފަހު ކޯޗު ޒައިނުއްދީން ޒިދާން މަގާމުން އިސްތިއުފާ ދިނުމުން ހުސްވެފައިވާ މަގާމަށް ލޮޕެޓެގީ ހަމަޖައްސާފައި ވަނީ މިދިޔަ ޖޫން މަހުގައެވެ. އޭގެ ކުރިން ސްޕެއިން ކޯޗު ކަމުގައި މަސައްކަތް ކުރަމުން ރެއާލްއާ ހަވާލުވާން އޭނާ އެއްބަސްވުމުން، ގައުމީ ޓީމުން ވަނީ މަގާމުން ވަކިކޮށްފައެވެ.

ޒިދާންގެ ކޯޗުކަމުގެ ދަށުގައި ބޭލްއަށް ފުރަތަމަ 11އިން ގިނަ ފަހަރަށް ޖާގަ ލިބިފައި ނުވި ނަމަވެސް، މިހާރު ރޮނާލްޑޯ ނެތުމުން ބޭލްއަށް އިތުރު ފުރުސަތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން ރެއާލް ދޫކޮށްލަން ބޭލް ބޭނުންވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނި ނަމަވެސް، މިހާރު އޭނާ ހިތްހަމަ ޖެހިގެން ހުރި ކަމަށް ކޯޗު ލޮޕެޓެގީ ވަނީ ބުނެފައެވެ.

ލޮޕެޓެގީ ބުނެފައި ވަނީ ރޮނާލްޑޯއަކީ ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭގައި ރެއާލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ނަމަވެސް، އޭނާ ދާން ބޭނުންވުމުން ކްލަބުން ފޮނުވާލި ކަމަށެވެ. އަދި އެ މަގާމު ފޫބެއްދުމަށް ހުރިހާ ހުނަރެއްވެސް ބޭލްގެ ކިބައިގައި ހުރި ކަމަށްވެސް ލޮޕެޓެގީ ބުނެފައިވެއެވެ.

ލޮޕެޓެގީ އިތުރަށް ބުނެފައި ވަނީ ރެއާލްގެ ކުރިއަށް ކުޅޭ ކަރިމް ބެންޒެމާއާއި ބޭލްއަކީ ވަރަށް ގުޅޭ ދެ ކުޅުންތެރިންކަމަށާއި، ކުރިއަށް އޮތް ސީޒަންގައި އެ ގުޅުން ފެންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޓޮޓެންހަމްއިން ބޭލް ރެއާލްއަށް ބަދަލުވެފައި ވަނީ 2013 ވަނަ އަހަރު 87 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭރު އޭނާއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް ރެއާލްއާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު ފައިނަލްގައި ހިތްގައިމު ގޯލެއްވެސް ޖަހައިފައެވެ.

comment ކޮމެންޓް