ސެމްސަންގުގެ އާމްދަނީ ހަތަރު ޕަސެންޓު ދަށަށް

ސްމާޓް ފޯނު ވިއްކައިގެން ބޮޑު ފައިދާއެއް ހޯދަމުން އަންނަ ސައުތު ކޮރެއާގެ ކުންފުނި ސެމްސަންގަަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ހަތަރު ޕަސެންޓު ދަށަށް ހިނގައްޖެއެވެ.

ސެމްސަންގުން އާންމު ކޮށްފައިވާ މިދިޔަ ކުއާޓަރުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 13.36 ބިލިއަން ޑޮލަރެވެ.

ސެމްސަންގުން ބުނީ ކުންފުނީގެ އާމްދަނީ ދަށަށް ގޮސްފައިވަނީ ލަފާކޮށްފައިވާ މިންވަރަށް ސްމާޓްފޯނުގެ ވިޔަފާރި ކުރިއަރައި ގޮސްފައި ނުވާތީ ކަމަށެވެ. އެކުންފުނިން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެރުނު ގެލެކްސީ އެސް9 އަށް ލިބޭނެކަމަށް ލަފާކޮށްފައިވާ މިންވަރަށް ސަޕޯޓު ނުލިބޭ ކަމަށް ވެސް ސެމްސަންގުން ވަނީ ބުނެފައެވެ.

އެސް9 އަކީ 2012 ވަނަ އަހަރު އެކުންފުނިން އެސް3 ނެރުނު ފަހުން އެންމެ ފިނި ތަރުހީބު ލިބުނު ގެލެކްސީ އާއިލާގެ ފޯނަށް ވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ފޯނުގެ ވިޔަފާރި ދަށްވި ނަމަވެސް ސެމްސަންގު ޓީވީއިން ލިބުނު ފައިދާ ވަނީ އިތުރުވެފައެވެ. ވޯލްޑްކަޕާ ދިމާކޮށް ސެމްސަންގު ޓީވީ ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް ސެމްސަންގުން ބުނެއެވެ.

comment ކޮމެންޓް