ރައީސް މައުމޫނަކަށް ދެން ޕީޕީއެމްއެއް ނުުހޯދޭނެ: އަދުރޭ

ރައީސް މައުމޫނާ އަބްދުއްރަހީމް ސަލާން ކުރައްވަނީ ---- ސަން ފައިލް ފޮޓޯ

ޕީޕީއެމް މިހާރު އޮތީ ޕީޕީއެމް އެމީހެއްގެ ޢިޔާދަތުގެ ދަށުގައި އޮތުން މަޖުބޫރު ބޭފުޅެއްގެ އަތްމަތީގައި ކަމަށާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަކަށް ދެން އެ ޕާޓީއެއް ނުހޯދޭނެ ކަމަށް ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ 'ނަޔާ ޖަގަހަ 2' ހުޅުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އަދުރޭ ރޭ ވިދާޅުވީ ޕީޕީއެމްއަކީ ރައީސް މައުމޫނުގެ ޕާޓީއެއް ކަމަށް ބަޔަކު ބުނެ ޕީޕީއެމް ހޯދަން އުޅުނު ނަމަވެސް އެކަން ނުވާނެ ކަމަށެވެ. އެއީ ޕީޕީއެމްއަކީ ޕީޕީއެމްގެ ޢީޔާދަތުގެ ދަށުގައި އޮތުން މަޖުބޫރު ޕާޓީއެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެބަވިދާޅުވޭ ރައީސް މައުމޫނު ނޫޅުއްވައޭ އިތުރު ޕާޓީއެއް ހަދާކަށް. ރައީސް މައުމޫނުގެ ޕާޓީއެއް އެބައޮތޭ. އެއީ ޕީޕީއެމްއޭ. އެ ޕާޓީއޭ ހޯދާނީ. އަޅުގަނޑު ދަންނަވާނީ ހޯހޯއޭ އެކަމެއް ނުވާނޭ. ޕީޕީއެމްއެއް ދެން އަނބުރާ އެމީހުން އަތަކަށް ނުދާނޭ،" އަދުރޭ ވިދާޅުވި އެވެ.

އެމްއާރްއެމްގެ ނަމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ---

އަދުރޭ އެހެން ވިދާޅުވީ މައުމޫނު ރިފޯމް މުވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ހިންގަމުންދާ ހަރަކާތަށް ފާޑު ވިދާޅުވަމުންނެވެ.

ޕީޕީއެމުން އެންމެ ފުރަތަމަ ކޮންގްރެސް އަކަށް ކުރިމަތިލީ އިރު ޕާޓީގެ މެމްބަޝިޕް 3000 އަށް ނާރާ ކަމަށާއި އެ އަދަދު 10،000 އަށް އިތުރުކުރީ ރައީސް ޔާމީން ރާއްޖޭގެ އުތުރުރަށާއި ދެކުނަށް ދަތުރުކޮށްގެން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް އޮންނަން ޖެހޭނީ ރައީސް ޔާމީންގެ އަތްޕުޅުގައި ކަމަށް އަދުރޭ ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވީ ވެސް ވަރަށް ގިނަ ސަބަބުތަކަކާ އެކު ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ޕީޕީއެމްގެ ރިޔާސީ ޓިކެޓް [ރައީސް ޔާމީން] އަށް ވުރެ ހައްގު އެހެން އެއްވެސް ބޭފުޅަކު ދިވެހިރާއްޖޭގައި ނުހުންނާނެ. ޕީޕީއެމް ޕީޕީއެމްއަކަށް ހަދަން އެއަށް ވުރެ ގިނަ މަސައްކަތް ކުރެއްވި ބޭފުޅެއް ނުހުންނާނެތީ. ޕީޕީއެމް ޕީޕީއެމްއަކަށް ހަދަން އެއަށް ވުރެ ގިނަ ޚަރަދު ކުރެއްވި ބޭފުޅެއް ނުހުންނާނެތީ. އެހެންވެގެން މި ސަބަބުތަކަށް ޓަކައި އަޅުގަނޑުމެން ޕާޓީ ޓިކެޓް ރައީސް ޔާމީނަށް އަރުވަން އަޅުގަނޑުމެންގެ ކައުންސިލުން އިއްތިފާގުވީ،" އަދުރޭ ވިދާޅުވި އެވެ.

ޖުލައި 30, 2018: ސެޕްޓެެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަށް ހިންގުމަށް ވެރިކަން ކުރާ ޕާޓީ، ޕިޕީއެމް އިން "ނަޔާ-2" ނަމުގައި މައްޗަންގޮޅީގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދުު އަފްރާހް

އަދުރޭ ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި ވިދާޅުވީ އިބޫއަށް އިސްލާމީ ޝަރީއަތް ގާއިމް ކުރާނަމޭ ވިދާޅުވާކަށް ނުކެރޭނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ ރަށްރަށަށް ވަޑައިގެން އިބޫ ވައުދުވުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން އިބޫއާ ކުރެއްވި ސުވާލުތަކަށް ޖަވާބުދޭން ޖެހޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އިސްލާމީ ޝަރީއަތް މިގައުމުގައި ގާއިމް ކުރާނަމޭ ވިދާޅުވާކަށް ނުކެރޭނެ. ހަމަ ލާހިކެއް ނޫން ވިދާޅުވާކަށް. އެއީ ހުޅަގުނގެ ގައުމުތަކުން އެމީހުންނަށް އޮތް ތާއީދު ގެއްލިދާނެތީ މީގެން އެއްވެސް ކަމެއް ކުރާކަށް ނުކެރޭނެ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އިބޫ ވެރިކަމަށް ވަޑައިގަތަސް ނަޝީދު ބުނާ ގޮތް ނޫންގޮތެއް ނުހެދޭނެ ކަމަށެވެ. އަދި މިގައުމުގައި މަރުގެ ހުކުމް ތަންފީޒު ކުރާނަމޭ ވިދާޅުވާ ކަށް ވެސް އިބޫއަށް ނުކެރޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދުރޭ ތުހުމަތު ކުރައްވާ ގޮތުން އިދިކޮޅު ފަރާތްތައް އޮތީ ބޭރުގެ ނުފޫޒުގެ ދަށުގަ އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން:އަދުރޭ ވިދާޅުވީ އިބޫ ރަށްރަށްގޮސް ވައުދުތައް ވުން ހުއްޓާލަން ޖެހޭ ކަމަށް -- ފޮޓޯ/ އެމްޑީޕީ

ރައީސް ޔާމީން އިބޫއާ ކުރިމަތި ކުރެއްވި ސުވާލުތަކަށް އިބޫ ޖަވާބުދޭން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ރަށްރަށްގޮސް ވައުދުވުން ހުއްޓާލަން އަދުރޭ ވަނީ އިބޫއަށް ގޮވާލައްވައިފަ އެވެ.

"އެއީ ވައުދު ވިޔަކަސް ނުފުއްދޭނެކަން ދިވެހި ރައްޔިތުން މިތިބީ ގަބޫލުކޮށްގެން. ދެހާސް އަށް ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ވެގެނެ ކޮން ވައުދެއްތޯ ނުވަނީ." އަދުރޭ ވިދާޅުވި އެވެ.

comment ކޮމެންޓް