އުރީދޫ ސުޕަނެޓުގެ ހިދުމަތް އައްޑޫ ސިޓީ އަށް ތައާރަފުކޮށްފި

އުރީދޫ ސުޕަނެޓުގެ ހިދުމަތް އައްޑޫ ސިޓީ އަށް ތައާރަފު ކުރުން --- ފޮޓޯ: އުރީދޫ

އުރީދޫ ސުޕަނެޓުގެ ޚިދުމަތް އައްޑޫ ސިޓީ އަށް ތައާރަފުކޮށްފި އެވެ.

ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑާ އެކު އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް މިހާރު އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫ ފޭދޫ އަށް ލިބެ އެވެ. އުރީދޫ އިން ބުނީ އެ ސިޓީގެ އިތުރު ސަރަހައްދުތަކަށް ވެސް ވަރަށް އަވަހަށް ސުޕަނެޓުގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ 13 ވަނަ އަހަރީ ދުވަހާ ގުޅިގެން އައްޑޫ ސިޓީ އަށް ސުޕަނެޓުގެ ހިދުމަތް ދޭން ފައްޓައި އުރީދޫ އިން ވަނީ އައްޑޫގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެ ޕްރޮމޯޝަނުގެ ދަށުން އަންނަ މަހުގެ 30ގެ ކުރިން މަރަދޫ އަދި މަރަދޫ ފޭދޫގައި ސުޕަނެޓުގެ ހިދުމަތް ހިޔާރު ކުރާ މީހުންނަށް 13 މަސް ވަންދެން ސުޕަނެޓު ޕެކޭޖުން 50 ޕަސެންޓު ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް އުރީދޫ އިން ބުނެ އެވެ.

އުރީދޫ އިން ބުނީ ސުޕަނެޓުގެ ހިދުމަތް ދިނުމަށް އެއްވެސް އެކްޓިވޭޝަން ފީ އެއް އަދި ޑިޕޮސިޓެއް ވެސް ނުނަގާނެ ކަމަށެވެ.

"އުރީދޫގެ އަމާޒަކީ، އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ހަޔާތަށް އިތުރު ކުރިއެރުމާއި ތަރައްގީ ފޯރުކޮށްދިނުން. ފާއިތުވެ ދިޔަ 13 އަހަރުތެރޭގައި ދިވެހި ރާއްޖޭގެ މުވާސަލާތީ ނާރެސް ވަރުގަދަކޮށް، ދިވެހި ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދިނުމަށް އުރީދޫ އިން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައި. އަދި ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާ އެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެންދިޔައީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް،" އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވި އެވެ.

ސުޕާނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމަށް އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭންއަކާ އެކު ސުޕަނެޓްގެ ރައުޓަރު ލިބޭނެ ގޮތް ހަމަޖައްސައިފަ އެވެ.

މަރަދޫ އަދި މަރަދޫ ފޭދޫގައި ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި އުރީދޫގެ އިންފްރާސްޓްރަކްޗާ ޕާޓްނާއަކީ އައްޑޫ ކޭބަލް ކޮމިއުނިކޭޝަން އެވެ.

comment ކޮމެންޓް