ސާފް ޗެމްޕިއަންޝިޕަށް ގައުމީ ސްކޮޑު އިއުލާނުކޮށްފި

ރާއްޖޭ ގައުމީ ޓީމުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ސްކޮޑު އިއުލާން ކޮށްފިއެވެ.

މިއަދު އެފްއޭއެމްއިން އިއުލާން ކުރި ސްކޮޑުގައި ރާއްޖޭ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިފައެއް ނުވެއެވެ. އޭގެ އިތުރުންވެސް މީގެ ކުރިން ސްކޮޑުގައި ހިމެނުނު އަހުމަދު ރިޒުވާން (ރިޒޭ) މިފަހަރުވެސް ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.

ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެންމެފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، މެޗު ޕްރެސްއަށް ނުދިއުމުން ދަގަނޑޭ ޓީމުން ބޭރުކޮށްފައިވާ އިރު، އޭގެ ފަހުން ގައުމީ ޓީމުގެ ކޯޗާއި ދަގަނޑޭއާ ދެމެދު ބަހުގެ ހަމަލާތަކެއް ގޮސްފައިވެއެވެ. އަދި މި ފަހަރު ސާފް ޗެމްޕިއަންޝިޕަށް ދަގަނޑޭ ނުދާނެކަމަށް އޭރުވެސް ވަރަށް ބޮޑަށް ބެލެވުނެވެ.

އެފްއޭއެމްއިން މިއަދު އިއުލާނުކޮށްފައި ވަނީ ފަރިތަކުރުންތައް ފެށުމަށް ޕްރިލިމިނަރީ ސްކޮޑެކެވެ. އެ ސްކޮޑުގައި ހިމެނިފައި ވަނީ 30 ކުޅުންތެރިންނެވެ.

ޕްރިލިމިނަރީ ސްކޮޑުގައި ގައުމީ ކޯޗު ޕީޓާ ސެގަޓް ވަނީ ހަތަރު ކީޕަރުން ހިމަނާފައެވެ. އޭގެ ތެރޭގައި މާޒިޔާގެ ފުރަތަމަ 11ގައި މިހާރު ކުޅެމުންދާ ހުސަައިން ޝަރީފާއި މާލޭ ލީގުގައި ޔޫވީގެ ގޯލް ބެލެހެއްޓި ހަސަން ތޮލާލް (ޓޮޕްލަކް)ވެސް ހިމެނެއެވެ.

އޭގެ އިތުރުންވެސް އީގަލްސްގެ ގޯލްކީޕަރު މިފްދާދު އަހުމަދާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ މުހައްމަދު ފައިސަލްވެސް ސެގަޓްގެ ސްކޮޑުގައި ހިމަނާފައިވެއެވެ.

އެންމެފަހުން ބޫޓާނާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު މެޗުގައިވެސް ސްކޮޑުން ފުރުސަތު ލިބުނު ކްލަބް ގްރީން ސްޓްރީޓްސްގެ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޔާމީނަށް މި ފަހަރުވެސް ސްކޮޑުން ފުރުސަތު ދީފައިވާ އިރު، އީގަލްސްއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަސަން ރާއިފް އަހުމަދު (ހަންނަ)ވެސް މިފަހަރުގެ ސްކޮޑުގައި ހިމެނުނެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު މިހާރު ފިޓްކޮށް ކުޅެމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)ވެސް ޓީމުގައި ހިމަނާފައިވާ އިރު، ފަހަތަށް ކުޅެމުން އަންނަ މޫސާ ޔާމީން (ޔާންބެ)އަށްވެސް ސެގަޓްގެ ސްކޮޑުންވެސް ޖާގަ ހޯދިފައިވެއެވެ.

ސާފް ސުޒުކީ ކަޕްގެ ނަމުގައި ސެޕްޓެމްބަރު 4-15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ބަންގާޅުގައެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގައެވެ.

ރާއްޖެއާއެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފައެވެ.

ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.

ސްކޮޑުގައި ހިމަނާފައިވާ ކުޅުންތެރިން:

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

  • މުހައްމަދު ފައިސަލް (ގޯލް ކީޕަރު)
  • އަކްރަމް އަބްދުލްޣަނީ (އަކޫ)
  • މުހައްމަދު އުމައިރު
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • އަލީ ފާސިރު (ސެންޓޭ)
  • ރިހާމް އަބްދުލްޣަނީ (ބޮބީ)

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

  • މުހައްމަދު މުޖުތާޒް (މުޖޭ)
  • ހުސައިން ޝަރީފް (ގޯލްކީޕަރު)
  • އަލީ ސަމޫހު (ސަމުއްޓޭ)
  • މުހައްމަދު އިރުފާން (އިރޭ)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • ނާއިޒް ހަސަން (ދާދު)
  • އަހުމަދު އިމާޒް (އާއްކޮ)
  • މޫސާ ޔާމީން (ޔާންބެ)

ކްލަބު އީގަލްސް

  • ހުސައިން ޝިފާއު މުހައްމަދު
  • މުހައްމަދު ނާއިމް
  • އަހުމަދު ނޫމާން (ހެލްމެޓް)
  • މުހައްމަދު އާރިފް (ބަކާ)
  • ހަސަން ރާއިފް އަހުމަދު (ހަންނަ)
  • މިފްދާދު އަހުމަދު (ގޯލްކީޕަރު)

ޓީސީ ސްޕޯޓްސް ކްލަބު

  • އިބްރާހީމް ހަސަން ވަހީދު (އިއްބެ)
  • އަބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
  • މުހައްމަދު އައްޒާމް
  • މުހައްމަދު ސާމިރު
  • އައްޒާމް އަބްދުﷲ

ވިކްޓަރީ ސްޕޯޓްސް ކްލަބު

  • ހުސައިން ނިހާން (ނިހާޓް)

ޔުނައިޓެޑް ވިކްޓަރީ

  • ހަސަން ތޮލާލް (ގޯލްކީޕަރު)

ކްލަބު ގްރީން ސްޓްރީޓްސް

  • މުހައްމަދު ސާއިފް
  • އަބްދުﷲ ޔާމީން
  • މުހައްމަދު ސަމްދޫހް
comment ކޮމެންޓް