ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އަހަދު ތަމީމީ ދޫކޮށްލައިފި

ފަލަސްތީނުގެ އުމުރުން 17 އަހަރުގެ އެކްޓިވިސްޓު އަހަދު ތަމީމީ-- ފޮޓޯ: އަލްޖަޒީރާ

ފަލަސްތީނުގެ އުމުރުން 17 އަހަރުގެ އެކްޓިވިސްޓު އަހަދު ތަމީމީގެ މަައްޗަށް އިސްރާއީލުން ކުރި އަށް މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ދޫކޮށްލައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަހަދު ހައްޔަރު ކުރީ އޭނާ އިސްރާއީލުގެ ސިފައިންގެ މީހެއްގެ މޫނުމަތީގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމުންނެވެ. އޭރު އެނާގެ އުމުރުން ވީ އެންމެ 16 އަހަރެވެ.

އާންމުވި ވީޑިއޯގެ ސަބަބުން އިސްރާއީލުން ވަނީ އަހަދުގެ މައްޗަށް ސިފައިންގެ މީހަކަށް ހަމަލާ ދިނުމާއި ސިފައިންގެ ވާޖިބަށް ހުރަސް އެޅުން ފަދަ 12 ދައުވާއެއްކޮށްފައެވެ. ޕްރޮސެކިއުޓަރުންނާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އޭގެ ތެރެއިން ހަތަރު ދައުވާއަށް އިއުތިރާފުވުމުން އަހަދުގެ މައްޗަށް ކުރި އަނެއް އަށް ދައުވާ ވަނީ އަނބުރާ ގެންގޮސްފައެވެ.

އަހަދުއަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، އޭރު އޭނާ ބަންދުގައި ހުރިތާ ތިން މަސްވެފައި ވުމުން އޭނާ އިތުރަށް ތަންފީޒު ކުރަން ބާކީ އޮތީ ފަސް މަސް ދުވަހު އެވެ.

އަހަދާއި އޭނާގެ ދެބެންގެ ދެދަރި ނޫރު ތަމީމީ އިސްރާއީލުގެ ސިފައިންގެ މީހަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ނެގީ އޭނާގެ މަންމަ ނަރީމާން އެވެ. އޭގެ ސަބަބުން ނަރީމާންގެ މައްޗަށް ވެސް ވަނީ އަށް މަހުގެ ޖަލު ހުކުމްކޮށް 1،500 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

އިސްރާއީލުގެ ޕްރިޒަން ސާވިސްގެ ތަރުޖަމާނު އައްސަފު ލިބްރާޓީ ބުނީ އަހަދު އާއި އޭނާގެ މަންމަ ނަރިމަން ދޫކޮށްލީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އަހަދު ތަމީމީ ހައްޔަރު ކުރުމާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ މީހުން ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ. އަހަދު ހައްޔަރު ކުރުން ވެގެން ދިޔައީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު އަމަލު ކުރާ ގޮތް ދުނިޔެއަށް އަނެއްކާވެސް ހާމަވެގެން ދިޔަ ހާދިސާ އަކަށެވެ. (އަލްޖަޒީރާ)

comment ކޮމެންޓް