ޓްވިޓާ ބޭނުންކުރާ މީހުން މަދުވެ، ހިއްސާގެ އަގު ވެއްޓިއްޖެ

ހިއްސާގެ އަގު ވެއްޓުނު ނަމަވެސް، ދެ ވަނަ ކުއާޓަރުގައި ރެކޯޑް ފައިދާއެއް ލިބުނު.

ޖޫން މަހު ނިމުނު މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ޓްވިޓާ ބޭނުންކުރި މީހުންގެ އަދަދު ދަށްވުމުން، އެ ކުންފުނީގެ ހިއްސާގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ.

ދެ ވަނަ ކުއާޓަރު ނިމުނުއިރު، ޓްވިޓާ ބޭނުން ކުރާ މީހުންގެ އަދަދު އުޅެނީ 335 މިލިޔަނުގައެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، އެއް މިލިޔަން މަދު އަދަދެކެވެ.

ތަފާސްހިސާބުތައް އިއުލާނު ކުރުމާ އެކު، ޓްވިޓާގެ ހިއްސާގެ އަގު ވަނީ 20 ޕަސެންޓް ވެއްޓިފައެވެ. އަގު ވެއްޓުމުން، ޓްވިޓާގެ ހިއްސާގެ އަގު މިހާރު ހުރީ ގާތްގަނޑަކަށް 35 ޑޮލަރުގައެވެ.

ހިއްސާގެ އަގު ވެއްޓުނު ނަމަވެސް، ދެ ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 100 މިލިޔަން ޑޮލަރުގެ ރެކޯޑް ފައިދާއެއް ލިބިފައެވެ. ދެ ވަނަ ކުއާޓަރުގެ ވިޔަފާރި ވެސް ވަނީ ކުރީގެ ތިން މަހަށް ވުރެ 24 ޕަސެންޓް އިތުރުވެ، 711 މިލިޔަން ޑޮލަރަށް އަރާފައެވެ.

ނިމުނު ކުއާޓަރަކީ އާންމުކޮށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުން ދިޔަ މި ކުންފުންޏަށް މެދުނުކެނޑި ފައިދާވި ތިން ވަނަ ކުއާޓަރެވެ.

ޓްވިޓާއިން ބުނީ އެއީ ބޭނުންކުރާ މީހުންގެ އަދަދު މަދުވެގެން ކުރިމަތިވި ކަމެއް ނޫން ކަމަށެވެ. އަދި ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށް ހިސާބުތަކުން ދެއްކީ ގިނަ އަދަދެއްގެ ފޭކް އެކައުންޓްތައް ދެ ވަނަ ކުއާޓަރުގައި ޑިލީޓު ކުރުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

comment ކޮމެންޓް