ޕާކިސްތާނުގެ އެންމެ ބޮޑު ދެ ޕާޓީ އިން ބަލި ގަބޫލުކޮށް، އިމްރާންގެ ކާމިޔާބީ ބަލައިގެންފި

އިމްރާން ޚާން

އިސްލާމް އާބާދު (ޖުލައި 28) : ޕާކިސްތާނުގައި ބުދަ ދުވަހު ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރީ އިމްރާން ޚާންގެ "ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީ ކަން އެގައުމުގެ އެންމެ ބޮޑު ދެޕާޓީ ކަމަށްވާ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފުގެ މުސްލިމް ލީގް ނަވާޒް (ޕީއެމްއެލްއެން) ޕާޓީއާއި އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ބަލި ގަބޫލުކޮށްފި އެވެ.

ނަމަވެސް ޕާކިސްތާނުގެ އާންމު އިންތިޚާބުގައި އެންމެ މަދުން ވޯޓު ލިބުނު ކުދި ޕާޓީތަކުން ވަނީ އިމްރާން ޚާންގެ ޕާޓީން އިންތިޚާބު ކާމިޔާބުކުރީ މަކަރާއި އޮޅުވާލުމެއްގެ ތެރެއިން ކަމަށް ބުނެ އެކަމާދެކޮޅަށް އިޙްތިޖާޖް ކުރަން އަންނަ ހަފްތާގައި މަގުތަކަށް ނުކުންނާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

މި ކުދި ޕާޓީ ތަކަކީ ޕާކިސްތާނުގެ ސިޔާސީ މަސްރަހަށް މާބޮޑު ބާރެއް ފޯރުވޭވަރުގެ ޕާޓީތަކެއް ނޫންކަމުން މިއީ އިމްރާން ޚާންއަށާއި ޕާކިސްތާނުގެ އިންތިޚާބާ ބެހޭ ކޮމިޝަނަށް މާބޮޑު ގޮންޖެހުމަކަށް ނުވާނެކަމަށް މުރާސިލުން ބުނެ އެވެ. ކުދި ޕާޓީތަކުން މުޒާހަރާ އަށް ނުކުންނަކީ އަލުން އިންތިޚާބު ބާއްވައި ދިނުމަށް ގޮވާލާ މަގުމަތި ހަލަބޮލިކޮށް އިޙްތިޖާޖް ކުރުމަށެވެ.

ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ރަސްމީ ނަތީޖާ އަދި އިޢްލާނެއް ނުކުރެ އެވެ. ނަމަވެސް އިމްރާމް ޚާންގެ ތަހްރީކޭ އިންސާފް ޕާޓީން ވަނީ ޕާލަމެންޓްގެ ދަށުގޭގައި އިންތިޚާބު ކުރަން ޖެހޭ 272 ގޮނޑީގެ ތެރޭން 118 ގޮނޑި ކާމިޔާބުކޮށްފައި ކަމަށާއި ނަމަވެސް އެޕާޓީއަށް ވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބޭ ކަމަށްވެ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފުގެ މުސްލިމް ލީގް ނަވާޒް (ޕީއެމްއެލްއެން)ގެ އިސް ވެރިއެއް ކަމަށްވާ ހަމްޒާ ޝަހްބާޒް ޝަރީފް ވިދާޅުވީ ތަހްރީކޭ އިންސާފް ޕާޓީން އިންތިޚާބު ކާމިޔާބުކުރި ކަމަށް ގަބޫލުކުރައްވާ ކަމުގަ އެވެ. މިއާއެކު މުސްލިމް ލީގް ޕާޓީ ޕާލަމެންޓްގައި ހަރަކާތްތެރިވާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުސްލިމް ލީގް ޕާޓީއަށް ލިބުނީ ޕާލަމެންޓްގެ 63 ގޮނޑި އެވެ. ބޭނަޒީރު ބުއްޓޫގެ ޕީޕީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ 44 ގޮނޑި އެވެ.

އިމްރާން ޚާނަކީ 1992 ވަނަ އަހަރު ބޭއްވި ބައިނަލްއަގްވާމީ ކުރިކެޓް މުބާރާތުގައި ޕާކިސްތާނަށް ކްރިކެޓުން ވޯލްޑް ކަޕްގެ ތަށި ހޯއްދައި ދެއްވި އެ ގައުމުގެ މަޝްހޫރު ކުރިކެޓް ތަރިއެވެ. އޭނާ މަތީ ތަޢްލީމް ޙާސިލް ކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވާސިޓީންނެވެ. އިމްރާން ޚާން އޭނާގެ ސިޔާސީ ޕާޓީ ކަމަށްވާ ތަހްރީކޭ އިންސާފް އުފައްދަވައި ސިޔާސީ މައިދާނަށް ވަދެވަޑައިގެންފައި ވަނީ 1996 ވަނަ އަހަރު އެވެ.

އިމްރާން ޚާނަކީ އޭނާގެ ޒުވާން ދުވަސްވަރު ޕްލޭ ބޯއީ ސްޓައިލަށް އުޅުންބަހައްޓަވައި ގިނަ އަންހެނުންތަކަކާ ލޯބީގެ ގުޅުންތައް ބާއްވައި ކުޅިމަޖަލުގައި އުޅުއްވި ބޭފުޅެއް ނަމަވެސް ޒުވާން ދުވަސްވަރު ދިޔުމުން އޭނާގެ އުޅުން އިސްލާޙް ކުރައްވައި ޕާކިސްތާނުގެ ސިޔާސީ މަސްރަހަށް ވަދެވަޑައިގެން ރައްޔިތުންގެ އިތުބާރު ހޯއްދަވަން މަސައްކަތް ކުރައްވާފައިވެ އެވެ. މިހާރު އިމްރާން ޚާނަކީ އުމުރުން 65 އަހަރުގެ ހަރުދަނާ ޝަޚްސިއްޔަތެއްގެ ބޭފުޅެކެވެ.

އިމްރާން ޚާން އަށް އިންތިޚާބު ކާމިޔާބުކުރެވުނީ ސިފައިންގެ ބާރުގައި ވޯޓަށް ނުފޫޒު ފޯރުވައިގެން ކަމަށް ކުރެވޭ ތުހުމަތުތައް ސިފައިންގެ ރަސްމީ ތަރްޖަމާން ވަނީ ދޮގު ކުރައްވައިފަ އެވެ. ޕާކިސްތާނުގެ ސިފައިންނަކީ ސިޔާސީ ޕާޓީތަކުގެ ކޯޅުންތައް ބޮޑުވެ ގައުމަށް ނުރައްކާވާ ހާލަތްތައް މެދުވެރިވާ ކަމަށް ބުނެ އަސްކަރީ އިންގިލާބުތައް ގެނަސްގެން އެތަށް ފަހަރަކު ވެރިކަން ފޮރޮޅާލާފައިވާ މުއައްސަސާއެކެވެ. މީގެ އިތުރުން ޕާކިސްތާނުގެ ޝަރުއީ ދާއިރާގެ މައްޗަށް ވެސް އެދާއިރާއަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭނުންކޮށްގެން ސިޔާސީ ކަންކަމަށް ބާރާއި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރެވިފަ އެވެ.

ޕާކިސްތާނުގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނާއި ހިންގުމުގެ ގާބިލްކަންނެތް ކަމުގެ ތުހުމަތު ކުރެވިފަ އެވެ. ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ވެރިކަން ދުކޮށްލައްވަން ޖެހުނީ ވެސް ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެންނެވެ. ޝަރީފް މިހާރު ހުންނެވީ ޖަލުގަ އެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު ޖަލު ހުކުމް ތަންފީޒު ކުރުމަށް ޓަކައި އެނބުރި ގައުމަށް ވަޑައިގެންފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް