އިންޑިއާއާ އެކު އިތުރަށް ގުޅުން ބަދަހިކުރަން ތައްޔާރު: ޝީ ޖިންޕިން

ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ) އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ (ވ) --- ފޮޓޯ: ޒިންހުއާ

އިންޑިއާއާ އެކު އިތުރަށް ގުޅުން ބަދަހިކުރަން ތައްޔާރަށް ހުންނެވި ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޝީ ޖިންޕިން މިހެން ވިދާޅުވީ ސައުތް އެފްރިކާގެ ޖޮހޭނަސްބާގްގައި ބޭއްވި 10 ވަނަ ބްރިކްސް ސަމިޓްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރަ މޯދީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝީ ޖިންޕިން ވިދާޅުވި، ދެ ގައުމުގެ ދެމެދުގައި އޮންނަ އިތުބާރު އިތުރުކޮށް، ދެ ގައުމުން ޚިޔާލު ތަފާތުވާ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުން ރަނގަޅުކޮށް ދެގައުމަށް ފައިދާވާ ފަދަ ގުޅުންތައް ބަދަހި ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.

މީގެ އިތުރުން ދެ ގައުމުގެ ރައްޔިތުން ބައްދަލުކޮށް ސަގާފީ ކަންކަން ހިއްސާ ކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވި އެވެ.

އޭނާ ވަނީ ޗައިނާ އަދި އިންޑިއާ އަކީ ވެސް އިންސާނުން ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރި ބޮޑެތި ހަޟާރަތްތައް އުފެދުނު ދެ ގައުމުކަން ފާހަގަ ކުރައްވާފަ އެވެ.

ޖޮހޭނަސްބާގްގައި މޯޑީ އާއި ޖިންޕިން ބައްދަލުކުރައްވާފައިވާ އިރު މިއީ ތިން މަސް ދުވަހުގެ ތެރޭގައި އެ ދެ ބޭފުޅުން ބައްދަލުވި ތިންވަނަ ފަހަރެވެ. މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޗައިނާގެ ވޫހަންގައި އެ ދެ ބޭފުޅުން ނުރަސްމީކޮށް ބައްދަލުވެފައިވެ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އެ ބައްދަލުވުމަށް ފަހު މޯދީ ވިދާޅުވެފައި ވަނީ އެ ބައްދަލުވުމަކީ ޗައިނާ އާއި އިންޑިއާގެ ގުޅުން ބަދަހިވެގެން ދިޔަ މުހިންމު ބައްދަލުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމަށް ފަހު ދެ ގައުމުގެ ދެމެދުގައި އޮންނަ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ކަމަށް ވިދާޅުވެފައިވެ އެވެ.

ޗައިނާ އަދި އިންޑިއާ އަކީ ދުނިޔޭގެ އިގްތިސާދީ ދެ ގަދަ ބާރެވެ. އެހެން ކަމުން އެ ދެ ގައުމުގެ ދެމެދުގައި ވަނީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފަ އެވެ.

comment ކޮމެންޓް