މެލްކޮމް "ހައިޖެކް" ކުރުމުގެ މާފެއްގެ ގޮތުން ބޭނުމީ މެސީ!

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ --- ފޮޓޯ/ އޭޕީ

ފްރާންސްގެ ބޯޑޯއަށް ކުޅުމުންދިޔަ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު މެލްކޮމް ބާސެލޯނާއާ ގުޅުނީ ރޯމާއަށް ފޮނި އުންމީދުތަކެއް ދިނުމަށްފަހުގައެވެ.

ރޯމާއިން މެލްކޮމްގެ އޭޖެންޓާއެކު ހުރިހާ ވާހަކަތަކެއްވެސް ނިއްމާ، ޑީލް ނިންމަން މަދު ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް، މެލްކޮމްގެ ސޮއި ބާސާއިން ހޯދީ ރޯމާގެ ބިޑް "ހައިޖެކް" ކުރުމަށްފަހުފައެވެ.

ބާސާއިން އުމުރުން 21 އަހަރުގެ މެލްކޮމްގެ ސޮއި ހޯދައިފައި ވަނީ 36.5 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ ބާސާއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ބާސާއިން މެލްކޮމް ގެންދިއުމުގައި ކަންތައް ކުރި ގޮތާ ގުޅިގެން އިންތިހާއަށް ހިތްހަމަ ނުޖެހިފައި ހުރި ރޯމާގެ ރައީސް ޖޭމްސް ޕަލޯޓާ ބުނެފައި ވަނީ ބާސާއަކީ މީހުން ވަރަށް އިހުތިރާމް ކުރާ ކްލަބެއް ކަމަށާއި، އެފަދަ ކްލަބަކުން ޓްރާންސްފާ މާކެޓްގައި ކަންކުރަން ނުޖެހޭ ފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެއީ އަބަދުވެސް ބާސާއިން ކަންތައްތައް ކުރަމުންދާ ގޮތް ކަމަށްވެސް ރޯމާގެ ރައީސް ނެރެފައިވާ ބަޔާނުގައިވެއެވެ.

ޕަލޯޓާ ބުނެފައި ވަނީ މެލްކޮމްގެ ޓްރާންސްފާއާ ގުޅިގެން ބާސާއިން މާފަށް އެދުނު ނަމަވެސް އޭނާ ބާސާއަށް މާފްކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އެކަމަށް މާފްކުރަންޏާ ކުރާނީވެސް ދެ ޝަރުތަކާއެކުގައި ކަމަށްވެސް ޕަލޯޓާ ބުނެފައިވެއެވެ.

ޕަލޯޓާ ބުނެފައި ވަނީ އެ ދެ ޝަރުތުގެ ތެރެއިން ފުރަތަމަ ޝަރުތަކީ މެލްކޮމް އަނބުރާ ދިނުން ކަމަށާއި، އެކަން ނުވާނެކަން އެނގޭ ކަމަށެވެ. ބާސާއަށް މާފްކުރާނެ ދެވަނަ ޝަރުތަކީ ހެޔޮ ހިތުން މެސީ އެ ކްލަބަށް ދިނުން ކަމަށްވެސް ރޯމާގެ ރައީސް ޕަލޯޓާ ބުނެފައިވެއެވެ.

ޕަލޯޓާ ބުނެފައި ވަނީ މެލްކޮމް ފުރަތަމަ ބޭނުންވީ ބާސާއަށް ދާން ނޫން ކަމަށާއި، ބޯޑޯއިން ބޮޑު އަގެއް ހޯދުމަށް މެލްކޮމްގެ ޑީލް އަނބުރާލީ ކަމަށެވެ. ޕަލޯޓާ ބުނެފައި ވަނީ ކުޅުންތެރިއަކު ހޯދުމަށް މާކެޓްގައި މަސައްކަތް ކުރުމަކީ ރޯމާއިން ނުރުހޭ ކަމެއް ނޫން ނަމަވެސް، ޓްރާންސްފާ ނިންމަން ގަޑިއިރަކަށް ވެފައި ވަނިކޮށް ބިޑް "ހައިޖެކް" ކުރުމުން އެކަން ބަލައި ނުގަންނާނެ ކަމަށެވެ.

މެލްކޮމް ބޯޑޯއަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އޭގެ ކުރިން އެނާ ކުޅެފައި ވަނީ ކޮރިންތިއަންސްއަށެވެ. ބޯޑޯއާއެކު މިހާތަނަށް މެލްކޮމް ވަނީ 84 މެޗު ކުޅެ، 20 ގޯލް ޖަހައިފައެވެ.

comment ކޮމެންޓް