މިނިވަންކަމާއި ޚާރިޖީ ސިޔާސަތު

އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވި ދިވެހި ވަފުދު-- ފޮޓޯ: ޓުވިޓާ

އަދުގެ ދުނިޔޭގައި ފައިހަމަ ކުރުމަށް އެންމެ މުހިއްމު ކަމަކީ އެއްގައުމު އަނެއްގައުމާ ގުޅުން ބަދަހިކުުރުމެވެ. ގުޅިގެން މަސައްކަތް ކުރުމެވެ. މިއީ "ޖިއޯ ޕޮލިޓިކްސް" ނުވަތަ "ގްލޯބަލް ޕޮލިޓިކްސްގެ" އެންމެ މުހިއްމު އެއް ސިފައެވެ. ގްލޯބަޕް ޕޮލިޓިކްސް ނުވަތަ ޖިއޯ ޕޮލިޓިކްސް ފުރިހަމަ ވަނީ ޚާރިޖީ ސިޔާސަތު ތަކާއެކުއެވެ. މި ސިޔާސަތު ތަކަކީ އެއްގައުމު އަނެއް ގައުމާ ގުޅުން ބަދަހިކުރަން ކަނޑައަޅާފައިވާ ގޮތްތަކެވެ.

ގަައުމެއްގެ ގޮތުގައި ބަލަނީ ބޯޑަރެއް އޮވެ، ރައްޔިތުން ދިރިއުޅޭ، އަމިއްލަ މުސްތަގިއްލު ގޮތްތަކެއް ގެންގުޅޭ މީހުންނަށެވެ. މިނިވަން މުސްތަގިއްލު ގައުމަކަށް ވަނީ އެހެން ގައުމުތަކުން ގައުމުގެ މިނިވަންކަން ބަލައިގަތުމުންނެވެެ. ގައުމެއްގެ މިނިވަންކަން ދެމެެއްޓުމުގައި އެންމެ މުހިއްމު ކަމަކީ ހަރުދަނާ ޚާރިޖީ ސިޔާސަތެއް އޮތުމެވެ.

މިނިވަން ކަމާއި ޚާރިޖީ ސިޔާސަތަކީ ގުޅިލާމެހިފައިވާ ދެ ކަންތަކެވެ. ރާއްޖޭގެ ލިޔެވިފައި އޮތް ތާރީޚަށް ބަލާއިރު 11 ވަނަ ގަރުނުން ފެށިގެންވެސް، އަދި އޭގެ ކުރިންވެސް ރާއްޖެއިން ބޭރުގެ ގައުމުތަކާ ގުޅުން ބަދަހިކުރަމުން ގޮސްފައިވާކަން ފެންނަން އެބައޮތެވެ. މިއިން ދޭހަވަނީ އޭރުވެސް ދިވެހިންނަކީ މިނިވަން މުސްތަގިއްލު ބައެއް ކަމެވެ.

ގައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރަންވާނީ އަނެއްގައުމުން އައިސް އެތެރޭގެ ކަންކަމާ ބެހުމުގެ ފުރުސަތު ނުލިބޭނެ ފަދައަކުންނެވެ. ގައުމުގެ އެތެރޭގައި އުފެދޭ މައްސަލަތައް ހައްލު ކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ދިނުމަކީ މިނިވަންކަމަށް ލިބޭނެ އުނިކަމެކެވެ. މުސްތަގިއްލު ކަމަކީ އެތެރޭގެ މައްސަލަތައް އަމިއްލައަށް ހައްލު ކުރެވުމެވެ. ދާޚިލީ މައްސަލަތަކުގައި ބޭރު ގައުމުތައް ނުބެއްސުމެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު މިނިވަންކަން ގެއްލިގެން ގޮސްފައި ހުރި ކޮންމެ ފަހަރަކުވެސް އަދި މިނިވަންކަން ގެއްލިގެން ގޮސްދާނެ ކަމުގެ ބިރު ހީވި ކޮންމެ ފަހަރަކުވެސް ދިވެހިންގެ ބަޔަކު ވަނީ އެތެެރޭގެ މައްސަލަތައް ހައްލު ކުރުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތު ދީގެން ރާޢްޖޭގެ ކަންކަމާ ބަސްބުނަން ގެނެސްފައެވެ. މިއީ ގައުމިއްޔަތަށް ލިބޭނެ އުނިކަމެކެވެ. ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އޮތް ހުރަހެކެވެ.

ދިވެހި ގައުމު މިނިވަންވިތާ 53 އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު، މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިއްމު އެއް ކަމަކީ ގައުމުގެ ހާރިޖީ ސިޔާސަތެވެ. ވަކި ފަރާތަކަށް ނުޖެހި، ވަކި ފަރާތަކަށް ބަރޯސާނުވެ އޮތް އޮތުމެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާގައި ދިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިގޮތުގައި، ގައުމުގެ ޚާރިޖީ ސިޔާސަތު އެކުވެރި ގައުމުތަކަށް އެނގިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ މާ ބޮޑު އަސްކަރިއްޔާއެއް އޮތް ބައެއް ނޫން. ފޮރިން ޕޮލިސީ ނުވަތަ ޑިޕްލޮމަސީ އަކީ އަޅުގަނޑުމެންގެ ފުރަތަމަ އައްޑަނަ. ނުވަތަ ފަސްޓް ލައިން އޮފް ޑިފެންސް،" މިނިވަންކަމާ ޚާރިޖީ ގުޅުމާ ލާމެހިފައި އޮތް މިންވަރު ސިފަކޮށްދެއްވަމުން އެ ބޭފުޅާ ވިދާޅުވިއެވެ.

"މުޅި ދުނިޔެ މިދަނީ ބަވަނަވަމުން. ރާއްޖެ މި އޮތް ސަރަހައްދަކީ ވަރަށް ތަފާތު ބަދަލުތައް އަންނަމުންދާ ސަރަހައްދެއް. މި ހުރިހާ ކަމަކަށް އެންމެ މުހިއްމު ކަމަކީ ހިކުތްތެރި ޕޮރިން ޕޮލިސީ އެއް."

މިސާލަކަށް ބަލާނަމަ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފެށިފައި މިއޮތީ އެކަމުގައި ޚާރިޖިއްޔާގެ ވަރަށް ބޮޑު ރޯލެއް އޮވެގެންނެވެ. އޭގެ ކުރިން ރާއްޖެއަށް ބޭރު ފައިސާ ލިބުނު އެއް ގޮތަކީ ލަންކާއަށް ހިކިމަސް އެކްސްޕޯޓު ކުރުމެވެ. ނަމަވެސް ދިމާވި މައްސަލައެއްގެ ސަބަބުން މި ވިޔަފާރި ހުއްޓި ރާއްޖެ އިނދަޖެހުމާ ދިމާއަށް ދިޔައެވެ. ނަމަވެސް އޭރުގެ ޑިޕްލޮމޭޓުން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ އަކީ މިއަދު މި ދެކޭ "ރަންބިސް އަޅާ ކުކުޅެވެ."

"ބޭރުގައުމެކާ ވާހަކަ ދައްކަން ޖެހުނީމާ ބަޔެއްގެ ހުއްދަ ހޯދަން ޖެހުން، ވަކި އިގްތިސާދީ މަސައްކަތްތަކެއް ކުރިއަށް ގެންދަން ޖެހުނީމާ ވަކި ބައެއްގެ ހުއްދަ ހޯދަން ޖެހުން، މިއީ ދެރަވަރު ކަންތައް ނޫންތޯ؟ ގައުމަށް އިސްކަން ދީފައި، ދެން މިކިޔާ ކުލަތައް އަންނަންވާނީ،" ކުރިން ވާހަކަ ދެއްކެވި ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ. ބޭރު ގައުމަކަށް ދިޔުމުމުން އަޅުގަނޑުމެންވާނީ "ގައުމުގެ އެމްބެސެޑަރުން" ނަށެވެ.

"ގައުމުގެ މިނިވަންކަން ގެއްލޭނީ ހަމައެނަކި ގައުމަށް ބަޔަކު އެރުމުންނެއް ނޫން. އަނެއް ކަމަކީ އަޅުގަނޑުމެން އެ ކަން 'ގްރާންޓެޑް' ކޮށްނެގުން."

އެތެރޭގައި ކިތަންމެ މައްސަލަތަކެއް ހުރި ނަމަވެސް ގައުމުން ބޭރަށްދިއުމަށްފަހު، ކޮންމެ މީހަކުވެސް ވާހަކަ ދައްކަންވާނީ ގައުމަށް އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާނެ ފަދައަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެވާހަކަތައް ދައްކަންވާނެެ. ހައްލު ކުރެވޭނީ މައްސަލައިގެ ވާހަކަ ދެކެވިގެން. އެކަމަކު ބޭރުގައި އެހެން ގައުމެއްގައި ގަައުމުގެ އަގުވައްޓާލައިގެން ނުވާނެ."

"ދެހާސް އަށަކުން ފެށިގެން ވަރަށް ބޮޑެތި ފިއްތުންތައް އާދޭ. އެހެން ގައުމުތަކުން އެތައް ހާސް އަހަރަކުން ގެނައު ބަދަލުތައް އަޅުގަނޑުމެން ގެންނަން މިއުޅެނީ ދެ އަހަރުން ނޫނީ ފަސް އަހަރުއުމުން. މިހާރު މިކިޔާ ޔޫރޯ ސެންޓްރިކް ސިސްޓަމަކަށް ކުއްލިއަކަށް ގައުމު ބަދަލު ކުރުމަކީ ފަސޭހަކަމެއް ނޫން." މިކަންކަމުގެ ސަބަބުން ގައުމަށް ޕްރެޝަރު ކުރިމަތިވާ ކަމަށާއި މިނިވަންކަން ދެމެހެއްޓުމަށް ގޮންޖެހުން ކުރިމަތިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.

މިފަދަ ކަންތައްތަކަކީ ފޮރިން ޕޮލިސީ ތަންފީޒު ކުރުމުގައިވެސް ގޮންޖެހުންތައް ދިމާވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ރާއްޖޭގެ އަގު ނުވަތަ "ބްރޭންޑް"ގެ އަގު ހިފެހެއްޓުމަކީ ދިވެހިންގެ ޒިންމާއެކެވެ. ބައިވެރިވެފައިވާ މުވާހަދާތަކަށް ބޯލެނބި ނަމަވެސް ރާއްޖޭގެ އަގު ބޭރުގައި ވެއްޓި އަމިއްލަ ވަންތަ ކަމަށް ބުރޫ އަރާނެ ގޮތަކަށް ކަން ކޮށްގެން ނުވާނެއެވެ.

ބޭރުގެ ފަރާތްތަކުން، ގައުމުގެ ވެރިންނަށް "އިންޒާރުދީ" ކަން ކުރަންވީގޮތް ކިޔައިދީ ހެދުމަކީ ބައެއް ބޭފުޅުންގެ ނަޒަރުގައި އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެފަދަ އަމަލު ތަކަކީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ނުފޫޒު ފޯރުވުން ކަމުގައި އެފަދަ ފަރާތްތަކުން ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް