ޕާކިސްތާނުގެ އާއްމު އިންތިހާބުން އިމްރާން ޚާންގެ ޕާޓީ ކާމިޔާބީ އިއުލާންކޮށްފި

ޕާކިސްތާންގެ އާއްމު އިންތިހާބު ކާމިޔާބު ކުރީ ޕީޓީއައިއިން ކަމަށް އިމްރާން ޚާން ވަނީ ވިދާޅުވެފައި -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (ޖުލައި 26): ޕާކިސްތާނުގައި އިއްޔެ ބޭއްވި އާއްމު އިންތިހާބު ކާމިޔާބު ކުރީ ތަހްރީކް އީ އިންސާފް (ޕީޓީއައި)އިން ކަމަށް އެޕާޓީގެ ލީޑަރު އިމްރާން ޚާން އިއުލާން ކުރައްވައިފި އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި އިމްރާން ޚާން ވަނީ ޕީޓީއައިއަށް ކާމިޔާބީ ލިބިފައިވާ ކަމަށާއި، އެހެންކަމުން ޕާކިސްތާނަށްތަކައި އޭނާ ދެކިލައްވާ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވިދާޅުވެފައި އެވެ.

"އަޅުގަނޑު މިމަސައްކަތް ފެށީ 22 އަހަރު ކުރިން އަދި އަޅުގަނޑު މިގައުމަށްޓަކައި ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރުސަތު މިއަދު ވަނީ ލިބިފައި،" އިމްރާން ޚާން ވިދާޅުވި އެވެ.

ޕާކިސްތާނުގެ ޑޯން ނޫހުގައިވާ ގޮތުން އެއިންތިހާބުގެ 49 ޕަސެންޓު ވޯޓު ގުނާފައިވާ އިރު، ނުރަސްމީ ނަތީޖާއިން ދައްކާ ގޮތުގައި ޕީޓީއައިއިން ވަނީ މިހާތަނަށް 119 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން)އަށް ލިބިފައި ވަނީ 61 ގޮނޑި އެވެ.

ޕާކިސްތާނުގައި އެއް ޕާޓީއަކަށް ވެރިކަން ކުރެވޭނީ މަޖިލީހުގެ 137 ގޮނޑި ކާމިޔާބު ކުރެވިގެންނެވެ.

ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން އެއިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުން ލަސްކުރުމުގެ ސަބަބުން ބައެއް ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.

އަދި ޕީއެމްއެލް-އިން ވަނީ ބައެއް މަރުކަޒުތަކުގައި ވޯޓު ގުނަން ފެށުމުގެ ކުރިން އެޕާޓީގެ މެމްބަރުން ބޭރުކޮށްފައިވާ ކަމަށާއި ވޯޓުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެފައި އެވެ.

އެތުހުމަތުތަކަށް ރައްދު ދެއްވަމުން އިމްރާން ޚާން ވަނީ އިއްޔެގެ އިންތިހާބަކީ ޕާކިސްތާނުގެ ތާރީހުގައިވެސް ބޭއްވި އެންމެ އިންސާފުވެރި އިންތިހާބު ކަމަށް ވިދާޅުވެފައި އެވެ. އަދި އޭނާ ވެރިކަމަށް ވަޑައިގެންނެވުމުން އެތުހުމަތުތައް ތަހުގީގު ކުރަން އަމުރު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައި އެވެ.

މީގެ އިތުރުން އިމްރާން ޚާން ވަނީ އޭނާގެ ވެރިކަމުގައި ގައުމުގެ އެންޓި ކޮރަޕްޝަން އިދާރާތައް ވަރުގަދަކޮށް، ޓެކްސް ފައިސާ ރައްކާތެރިކޮށް، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރު ކުރާނެ ކަމަށް ވިދާޅުވެފައި އެވެ.

އަދި އިންޑިއާއިން ޕާކިސްތާނާ އެކު ގުޅުން ބަދަހި ކުރަން ބޭނުން ނަމަ އެގައުމުން ވެސް އޮންނާނީ އެކަމަށް ތައްޔާރަށް ކަމަށް ވިދާޅުވެފައި އެވެ.

comment ކޮމެންޓް