މިިނިވަން ދުވަހާ ގުޅިގެން ބައެއް ކުށްވެރިންގެ އަދަބު ލުއިކޮށްދޭން ރައީސް ނިންމަވައިފި

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް ޔާމީން

ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުކުމް ތަންފީޒުކުރަމުންދާ ބައެއް ކުށްވެރިންގެ އަދަބު ލުއިކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އަދަބު ލުއިކޮށްދިނުމަށް ނިންމާފައި ވަނީ މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތުހަމަވާ މީހުންނަށް ކަމަށެވެ. އަދި އަދަބު ލުއިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި އެމީހުންގެ ބެލެނިވެރިންނާ އިންޓަވިއު ކުރުމަށްފަހު ކަނޑައެޅިފައިވާ ޚާއްސަ ޝަރުތުތަކަކާ އެކުގައި ކަމަށެވެ.

އަދަބު ‏‏ލުއިކޮށްދެއްވާފައިވާ މީހަކު، ޝަރުތަކާ ޚިލާފުވެއްޖެނަމަ، އެމީހަކަށް ‏‏އަދަބު ލުއިކޮށްދިންދިނުން ބާތިލުވުމާއެކު، ރައީސުލްޖުމްހޫރިއްޔާ، އެމީހަކަށް އަދަބު ލުއިކޮށްދެއްވުމުގެ ކުރިން އެމީހަކު ހުރި ހާލަތަށް ރުޖޫއަވެގެންދާނެ ކަމަށާއި، އަދި ‏‏އަދަބު ލުއިކޮށްދެއްވި ހުކުމުގެ ތަންފީޒުނުވެ ބާކީ އޮތް މުއްދަތު ތަންފީޒު ކުރަންޖެހޭނެ ކަމަށް ‏ވެސް ރައީސް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އަދަބު ލުއިކޮށްދެއްވުމުގައި މީހަކު މެރުމުގެ ކުށާއި، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި، ޓެރަރިޒަމްގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ހުކުމްތައް ތަންފީޒުކުރަމުންދާ ނުވަތަ ކުރަންޖެހިފައިވާ މީހުން ހިމެނިފައިނުވެއެވެ.

އަަދަބު ލުއިކޮށްދޭން ނިންމަވާފައިވާ ނަމަވެސް، ހުކުމުގައި އަނބުރާ ދައްކަން ޖެހޭ ކަމަށް ބުނެފައިވާ ފައިސާއެއް ދެއްކުމަށް ލުޔެއް ދެއްވާފައި ނުވެ އެވެ.

ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިންގެ އަދަބު ލުއި ކުރުމަށް ރައީސް ޔާމީން ނިންމަވާފައިވާއިރު، ޑްރަގް މައްސަލަތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލާފައިވާ މީހުން ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒު ނުކުރަނީސް ލުއި ދެވިދާނެ ގޮތައް މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމަށް ގާނޫނަށް ދާދި ފަހުން ވަނި އިސްލާހު ގެނެސްފަ އެވެ.

comment ކޮމެންޓް