ޕާކިސްތާނުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އިމްރާން ޚާން

ނުރަސްމީ ވަގުތީ ނަތީޖާ އިއުލާން ކުރުމާ އެކު އިމްރާން ޚާނަށް ތާއިދު ކުރާ ފަރާތްތަކުން އުފާ ފާޅު ކުރަނީ -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (ޖުލައި 26): ޕާކިސްތާނުގައި އިއްޔެ ބޭއްވި އާއްމު އިންތިހާބުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އިމްރާން ޚާންގެ ތަހްރީކް އީ އިންސާފް (ޕީޓީއައި) އިން ކަމަށް ވަގުތީ، ނުރަސްމީ ނަތީޖާއިން ދައްކައިފި އެވެ.

ޕާކިސްތާނުގެ ޑޯން ނޫހުގައިވާ ގޮތުން އެގައުމުގެ 47 ޕަސެންޓު ވޯޓުލާ މަރުކަޒުތަކުގެ ވޯޓު މިހާތަނަށް ގުނާފައިވާ އިރު، ޕީޓީއައި އިން ވަނީ 113 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން)އަށް ލިބިފައި ވަނީ 64 ގޮނޑި އެވެ.

އެގައުމުގައި ކޯލިޝަނެއް ހެދުމަކާ ނުލައި، އެއް ޕާޓީއަކަށް އެގައުމުގެ ވެރިކަން ކުރެވޭނީ 137 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

އެއިންތިހާބުގައި ތިން ވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އަށް މިހާތަނަށް ލިބިފައި ވަނީ 43 ގޮނޑި ކަމަށް ޑޯން ނޫހުގައިވެ އެވެ. އެޕާޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލާވަލް ބުއްޓޫ ޒަރުދާރީ އެވެ.

ނަމަވެސް ވޯޓުލާ ނިމުނު ފަހުން 12 ގަޑިއިރަށް ވުރެ ގިނަ އިރުވެފައިވީ ނަމަވެސް ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ރަސްމީ ނަތީޖާއިން އިއުލާންކޮށްފައި ނުވާތީ ބައެއް ޕާޓީތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ޕީއެމްއެލް-އެން އިން ވަނީ ވޯޓު އޮޅުވާލަން އުޅޭ ކަމުގެ ތުހުމަތުކޮށްފަ އެވެ.

"އަޅުގަނޑުމެން މިނަތީޖާ ގަބޫލެއް ނުކުރާނަން. އަޅުގަނޑުމެން މިކަން ބަލައެއް ނުގަންނާނަން. އަދި ރައްޔިތުން އެމީހުންގެ ހައްގުތައް އަނބުރާ ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ،" ޕީއެމްއެލް-އެންގައި މިހާރު އިސްކޮށް ހުންނަވާ ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝެހެބާޒް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ ރަސްމީ ނަތީޖާ އާއްމު ކުރުން ލަސްވަނީ އެގައުމުގައި އަލަށް ބޭނުން ކުރާ އިލެކްޓްރޯނިކް ރިޕޯޓިން ސިސްޓަމް ފެއިލް ވުމުގެ ސަބަބުން ކަމަށް ބުނެފަ އެވެ. އަދި ވޯޓު އޮޅުވާލަން މަސައްކަތް ނުކުރާ ކަމަށް ބުނެފަ އެވެ.

ޕާކިސްތާނުގައި އިއްޔެ ވޯޓުލުމުގެ ކުރިން ވެސް ޕީއެމްއެލް-އިން ވަނީ އިންތިހާބުގައި މައްސަލަތައް އުޅޭ ކަމަށް ބުނެފަ އެވެ. އެގޮތުން އެއިންތިހާބުގައި ޕީޓީއައިއަށް ކުރި ލިބޭނެ ކަން ޔަގީން ކުރުމަށް ޓަކައި އެގައުމުގެ އަސްކަރިއްޔާ އިން ކޯޓުތަކާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެއިންތިހާބު ކެމްޕެއިން ތެރޭގައި ތަފާތު ޕާޓީތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 179 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި އިއްޔެ ވޯޓުލާ މަރުކަޒެއް ކައިރިއަށް ވެސް އަމިއްލައަށް މަރުވެގެން ހަމަލާއެއްދީ 31 މީހަކު މަރާފައިވެ އެވެ.

comment ކޮމެންޓް