ރިޗާލްސަން އެވަޓަންއަށް، ރޯމާގެ ބިޑް "ހައިޖެކް"ކޮށް ބާސާއިން މެލްކޮމް ގެންގޮސްފި

ބާސާއާ ގުޅުނު މެލްކޮމް އެ ކްލަބުން ދައްކާލަނީ --- ފޮޓޯ/ އޭޕީ

ވަޓްފޯޑަށް ކުޅެމުންދިޔަ ބްރެޒިލްގެ ރިޗާލްސަން އެވަޓަންއަށް ބަދަލުވި އިރު، ފްރާންސްގެ ބޯޑޯއަށް ކުޅުމުންދިޔަ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު މެލްކޮމް ބާސެލޯނާއާ ގުޅިއްޖެއެވެ.

ބާސާއިން މަލްކޮމްގެ ސޮއި ހޯދައިފައި ވަނީ ރޯމާއިން އޭނާ ހޯދުމަށް ކުރި ބިޑް، ފަހުވަގުތު "ހައިޖެކް" ކޮށްގެންނެވެ. ރޯމާގެ ސްޕޯޓިން ޑިރެކްޓަރު މޮންޗީ ބުނެފައި ވަނީ މީގެ އެއް ދުވަސް ކުރަން މެލްކޮމްގެ އެޖެންޓާއި ރޯމާއާ ދެމެދު އެއްބަސްވުމަކަށް އައި ނަމަވެސް، ފަހުން ބޯޑޯއިން އޭނާގެ އަގުބޮޑު ކުރި ކަމަށެވެ. ރޯމާއިން އޭނާގެ އަގުބޮޑު ކުރީ ބާސާއިން ބިޑްކުރަން ފެށުމުން ކަމަށްވެސް ރޯމާއިން ވަނީ ބުނެފައެވެ.

ބާސާއިން އުމުރުން 21 އަހަރުގެ މެލްކޮމްގެ ސޮއި ހޯދައިފައި ވަނީ 36.5 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ ބާސާއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މެލްކޮމް ބޯޑޯއަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އޭގެ ކުރިން އެނާ ކުޅެފައި ވަނީ ކޮރިންތިއަންސްއަށެވެ. ބޯޑޯއާއެކު މިހާތަނަށް މެލްކޮމް ވަނީ 84 މެޗު ކުޅެ، 20 ގޯލް ޖަހައިފައެވެ.

ނިމިދިޔަ ޕްރިމިއާ ލީގުގެ ސީޒަންގައި ވިދާލި ރިޗާލްސަން އެވަޓަންއަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ އަގެއްގެ ގޮތުގައި މީޑިއާއިން ރިޕޯޓް ކޮށްފައި ވަނީ 50 މިލިއަން ޕައުންޑެވެ.

ރިޗާލްސަން ޕްރިމިއާ ލީގަށް ފުރަތަމަ ތައާރަފްކޮށްފައިވަނީ ވެސް މިހާރު އެވަޓަންގެ ކޯޗު މާކޯ ސިލްވާއެވެ. އޭނާ ވަޓްފޯޑުގެ ކޯޗުކަމުގައި ހުރި އިރު، ރިޗާލްސަން ޓީމަށް ގެނެސްފައި ވަނީ ފުލިމިނީސްއިން 11.5 މިލިއަން ޕައުންޑުގެ އަގަށެވެ.

މިދިޔަ ސީޒަންގެ ކުރީކޮޅުގައި ރިޗާލްސަންގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނު ނަމަވެސް، ފަހުން އޭނާގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަންގެ ލީގުގެ ފުރަތަމަ 12 މެޗުގައި އޭނާ ވަނީ ފަސް ގޯލް ޖަހައިފައެވެ. އެހެން ނަމަވެސް ނޮވެމްބަރަށްފަހު ރިޗާލްސަންއަށް ގޯލެއް ޖެހިފައެއް ނުވެއެވެ.

އުމުރުން 21 އަހަރުގެ ރިޗާލްސަންއަކީ މިހާރު އެވަޓަންގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. މީގެ ކުރިން އެވަޓަންގެ އެންމެ އަގުބޮޑު ކުޅުންތެރިއަކީ މިދިޔަ އަހަރު ސްވަންސީން އެޓީމާ ގުޅުނު ގިލްފީ ސިގަޑްސަންއެވެ. ސިގަޑްސަން އެވަޓަންއާ ގުޅިފައި ވަނީ 45 މިލިއަން ޕައުންޑުގެ އަގެއްގައެވެ.

comment ކޮމެންޓް