އިބޫ ވެރިކަމަށް ހޮވިއްޖެނަމަ ނަޝީދަށް ނައިބުކަން ދީފަ އިސްތިއުފާ ދެއްވާނެ: އަޒްލީން

ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ރުމާލު 2ގައި ވާހަކަފުޅު ދައްކަވަނީ--ފައިލް ފޮޓޯ/ ފަޔާޒް މޫސާ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަށް ލިބިވަޑައިގެންފިނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނައިބު ރައީސްކަން ދެއްވުމަށްފަހު ވެރިކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އަތޮޅު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ، ރައީސް ޔާމީން ނޫން އެހެން ބޭފުޅަކަށް ދޭ ވޯޓަކީ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށްދޭ ވޯޓްއެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނޫން އެހެން އެއްވެސް ބޭފުޅަކަށް ވޯޓު ދޭން ޖެހޭނެ އެއްވެސް ހުއްޖަތެއް އޮތްކަމަށް ގަބޫލުފުޅު ނުކުރެއްވޭކަމަށް އަޒްލީން ވިދާޅުވިއެވެ.

"އަބްދުއްރަހީމް ވިދާޅުވިހެން ރައީސް ޔާމީނާ ދެކޮޅަށްދޭ ވޯޓަކީ އިސްލާމް ދީނާ ދެކޮޅައްދޭ ވޯޓެއް. ސަބަބަކީ ދެން ރިޔާސީ އިންތިޚާބުގައި ބައިވެރިވާ ބޭފުޅުންނަކީ އިސްލާމް ދީން ނޫން ދީނެއް މި ގައުމަށް ގެންނަން އުޅުނު ބައެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ، ތަރައްގީއާއި ތަހުޒީބު ގެނެސްދެއްވީ ރައީސް ޔާމީން ކަމަށާއި ތަރައްގީ އިތުރަށް ބޭނުންވާނަމަ ދިވެހި ރައްޔިތުން ރައީސް ޔާމީނަށް ވޯޓް ދޭން ޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، ހުޅުވިގެންމިދިޔަ ޖަގަހައިން ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުން ބާރު ސްޕީޑުގައި ކުރިއަށް ދާނެކަމަށާއި އެކަން ކުރަން ބޭނުންވާ އެޕާޓީގެ މެންބަރުނަށް އެ ޖަގަހައިން އެ ފުރުސަތު އޮންނާނެކަމަށެވެ.

"މި ހުޅުވިގެން ދިޔަ ޖަގަހައާއެކު ޕާޓީގެ މަސައްކަތް ތައް އިތުރަށް ފޯރީގައި ކުރިޔަށްދާނެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ހޮވާނެ ވެރިޔަކީ ރައީސް ޔާމީން،" އޭނާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވީ، ހުޅުވިގެން މިދިޔަ ޖަގަހަ އަކީ މާލޭގައި ދިރި އުޅޭ އަތޮޅު ތަކުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުވިގެން ދިޔަ ޖަގަހައެއް ކަމަށެވެ.

comment ކޮމެންޓް