ރާއްޖެއަށް އެތެރެކުރަން އުޅުނު އަށް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އަށް އެތެރެ ކުރަން އުޅުނު ބައެއް މަސްތުވާތަކެތި--- ފޮޓޯ/ ކަސްޓަމްސް

މި މަހު ރާއްޖެ އައި ފަސިންޖަރުންގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން 8.25 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި މަހު 18 ވަނަ ދުވަހު ބަންގްލަދޭޝްގެ ދާކާއިން ރާއްޖެ އައި އުމުރުން 30 އަހަރުގެ ބަންގްލަދޭޝް މީހެއްގެ އަމަލުތައް ހުރި ގޮތުން އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައި ހުރި ހަތަރު ޕާރްސަލް ފެނިފައިވާ ކަމަށެވެ.

އަދި އެތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާއިރު، އަތުލައިގަތް އެ ތަކެތީގެ ބަރުދަނުގައި 5.46 ކިލޯ ހުރިކަމަށްވެއެވެ.

ދެވަނަ ކޭސްގައި ޓެންޒޭނިއާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެން މީހެއްގެ އަމަލުތައް ހުރި ގޮތުން އޭނާ ބަލައި ފާސްކުރިއިރު އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައި ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި މަހުގެ 19 ވަނަ ދުވަހު ދެ ވަނަ ކޭސް ހިނގިއިރު އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާއިރު، އަތުލައިގަތް އެ ތަކެތީގެ ބަރުދަނުގައި 2.05 ކިލޯ ހުރި ކަމަށް ވެއެވެ.

ތިން ވަނަ ކޭސްގައި އިންޑިއާއިން ރާއްޖެއައި 31 އަހަރުގެ ދިވެއްސެއްގެ އަތުންވެސް ވަނީ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. ކަސްޓަމްސް އަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން މި މީހާގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ތެރޭގައި ފޮރުވާފައިވާ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ ތަކެތީގެ ބަރުދަނުގައި 771 ގްރާމް ހުރިއެވެ.

ކަސްޓަމްސްއިން ބުނީ އެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފައިކަމަށެވެ.

comment ކޮމެންޓް