ނަވާޒް ޝަރީފްގެ ކިޑްނީ ފެއިލްވުމުގެ ނުރައްކާ އޮތް ކަމަށް ބުނެފި

ނަވާޒް ޝަރީފް އަދި ދަރިކަނބަލުން މަރިޔަމް ނަވާޒް ވަނީ ހައްޔަރުކޮށްފައި --

ރާވަލްޕިންޑީ (ޖުލައި 23): ޕާކިސްތާނުން މިމަހުގެ 13ގައި ހައްޔަރު ކުރި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކިޑްނީ ފެއިލްވުމުގެ ނުރައްކާ އޮތް ކަމަށް އޭނާގެ ހާލު ބެއްލެވި ހެލްތް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ނޫސްތަކުގައިވާ ގޮތުން ނަވާޒް ޝަރީފްގެ ލޭގައި ޔޫރިއާ ނައިޓްރޮޖެން ހުންނަ މިންވަރު ވަނީ ނުރައްކާ މިންވަރަކަށް އިތުރުވެފައި އެވެ. އަދި އޭނާގެ ހިތުގެ ވިންދު ޖެހުމަށް ބަދަލު އައިސް، މާބޮޑަށް ދާހިއްލާ، ހަށިގަނޑުން ފެން މަދުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އެހެންކަމުން ނަވާޒް ޝަރީފަށް ފަރުވާ ދިނުމަށް ރާވަލްޕިންޑީގައި ހުންނަ ހިތުގެ ހޮސްޕިޓަލަށް އޭނާ ބަދަލު ކުރުމަށް ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސްގެ އޮފިޝަލުން ވަނީ އެދިފަ އެވެ.

ނަވާޒް ޝަރީފް ހައްޔަރު ކޮށް، 10 އަހަރަށް ޖަލަށްލީ ލަންޑަނުގައި ހުރި ހަތަރު ފްލެޓެއް ބައްލަވައިގެންނެވީ ނާޖާއިޒު ގޮތަކަށް ކަމަށް ޕާކިސްތާނުގެ އެކައުންޓެބިލިޓީ ކޯޓުން ނިންމުމުންނެވެ. އަދި އެކުށް ކުރުމުގައި އެހީތެރިވުމުގެ ސަބަބުންނާއި މައްސަލައިގެ ޝަރީއަތަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން އޭނާގެ ދަރިކަނބަލުން މަރްޔަމް ނަވާޒްގެ މައްޗަށް ވެސް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ނަވާޒް ޝަރީފް ބޮޑުވަޒީރުކަމުން ދުރުކުރީ ވެސް ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެންނެވެ.

އެ މައްސަލަތައް ފެންމަތިވީ 2015 ވަނަ އަހަރު ލީކުކޮށްލި ޕެނަމާ ޕޭޕާސްއާ ގުޅިގެންވެ. އެ ލިޔެކިޔުންތަކުގައިވާ ގޮތުން ނަވާޒް ޝަރީފްގެ އާއިލާއިން ލަންޑަނުގައި ހުރި ފްލެޓުތައް ގަނެފައި ވަނީ އެ މީހުންނާ ގުޅުން ހުރި އޮފްޝޯ ކުންފުނިތަކެއް މެދުވެރިކޮށެވެ.

comment ކޮމެންޓް