ރައީސްގެ އަމާޒަކީ ސިޔާސީ ބަދަލެއް އަޔަސް ފުލުހުންނަށް ނިކަމެތިކަމެއް ނުލިބޭނެ ގޮތް ހެދުން: އަޒްލީން

ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ސަން ފޮޓޯ. ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަމާޒަކީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަދަލެއް އަޔަސް ފުލުހުންނަށް ނިކަމެތިކަމެއް ނުލިބޭނެ ގޮތް ހެއްދެވުން ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

ހިދުމަތުގައި އުޅެނިކޮށް ޝަހީދުވެފައިވާ ފުލުހުންގެ ހަނދާން އާކުރުމަށް "ޕޮލިސް މެމޯރިއަލް ޑޭ" ފާހަގަ ކުރުމަށް މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންގެ އެތެރޭގެ ކަންތައްތައް ރަނގަޅު ކުރުމަށް އަދި ގައުމަށް އަންނަ އިގްތިސާދީ ބަދަލުތަކާ އެއްހަމަ ކުރުމަށް ޓަކައި އެތެރޭގެ ވަސީލަތްތައް ރަނގަޅު ކުރުމަށް ޓަކައި އަބަދު ވެސް ރައީސް ޔާމީން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ދާދިފަހުން ވެސް ފުލުހުންނަށް ހިތްހަމަޖެހުމާ އެކު ހިދުމަތުގައި ސާބިތުކޮށް ދެމިތިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފުލުހުންގެ ހިދުމަތްތަކަށް އިތުރު ވަސީލަތްތައް ދެއްވާފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"އެގޮތުން ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ އަމާޒަކީ ދިވެހި ރާއްޖޭގެ ފުލުހުންނަކީ މި ދެންނެވި ގޮތުގެ މަތިން ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން އެއްވެސް ފުލުހަކަށް ނިކަމެތިކަމަކާއި ހާސްކަމެއް ކުރިމަތި ނުވާނެ ގޮތުގެ މަތިން ސާބިތުކަމާ އެކު ކުރިއަށްދާ މުވައްސަސާއަކަށް ފުލުހުން ހެދުމަށް ޓަކައި ދުރު ރާސްތާގެ ސިޔާސަތުތަކެއްގެ އަމާޒު ހިއްޕެވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ކަނޑައަޅުއްވައިފައިވާ ކަމެއް." އަޒްލީން ވިދާޅުވި އެވެ.

ފުލުހުންގެ މެމޯރިއަލްޑޭ ފާހަަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

އަޒްލީން ވިދާޅުވީ މުސްތަގުބަލުގައި އެއްވެސް ފުލުހަކީ އެ ފުލުހަކު ދިރިއުޅުއްވަމުންގެންދަވާ އެޕާޓްމަންޓަކުން ގައުމަށް އަންނަ އެއްވެސް ބަދަލަކާ ގުޅިގެން ނުކުމެގެންދާން ޖެހޭނެ އެއްވެސް ހިތާމަވެރި ހާދިސާއެއް ދިމާނުވާނެ ބަޔަކަށް ހެދުމަށް ރައީސް ޔާމީން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ފުލުހުންގެ މުވައްސަސާގެ މިނިވަންކަން ކަށަވަރުކުރި ޒަމާނެއް މީގެ ކުރިން ފެނިފައިނުވާ ކަމަށާއި އަދި ސިޔާސީ ގޮތުން ފުލުހުންނަށް އައިސްފައިވާ ނުފޫޒުތައް ރައީސް ޔާމީން ވަރަށް ބޮޑަށް ކުޑަކުރައްވާފައިވާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

"ކަމާ ބެހޭ ސީދާ އެކަމަށް ގާނޫނީ ވާޖިބު އަދާކުރަން ޖެހޭ ފަރާތްތަކަށް ފިޔަވައި މެނުވީ ފުލުހުންގެ މައްޗަށް އަމުރު މައުރޫފެއް މިހާރު ނުހިންގޭ ކަމީ ފުލުހުންގެ މިނިވަން މުސްތަގިއްލުކަން އަޅުގަނޑުމެން މިއަދު ފަހުރުވެރިވާކަމެއް." އަޒްލީން ވިދާޅުވި އެވެ.

comment ކޮމެންޓް