ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީ، ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓަރާއި އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީ ބައްދަލުކުރައްވާފައި ވަނީ މިއަދު ޑިފެންސް މިނިސްޓްރީގައެވެ.

އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީގެ އެ އިޙްތިރާމްގެ ޒިޔާރަތަކީ، އެމަނިކުފާނު މިހާރު ރާއްޖެ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޑިފެންސް މިނިސްޓަރުގެ އަރިހަށް ކުރެއްވި ޒިޔާރަތެކެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ މިއަދު އޮތް އެ ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ އަސްކަރިއްޔާއާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮތް ބަދަހި ގުޅުމާއި ބެހޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ތަމްރީނުތައް ހިންގުމާއި ގުޅޭގޮތުންނާއި، އަސްކަރީ ދާއިރާއިން ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމަށް އެހީތެރިވެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްއާ ބައްދަުކުރައްވަނީ / ފޮޓޯ: ޑިފެންސް މިނިސްޓްރީީ

މި ބައްދަލުކުރެއްވެވުމުގައި، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރާއި، ޑިޕާޓްމަންޓް އޮފް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑައިރެކްޓަރ ޖެނެރަލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި، ޑިޕާޓްމަންޓް އޮފް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް އަބްދުލްމަތީން އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް ވަނީ ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްއާވެސް ބައްދަލުކުރައްވާފައެވެ.

އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީ ރާއްޖެވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވާނީ މާދަމާއެވެ.