ޖަޒްލާން އެކްސިޑެންޓްވީ ގެއަށް ދިޔަ މަގުމަތީގައި، އެންމެނާ ގުޅޭ އެކުވެރިއެއް!

ރޭ ހުޅުމާލޭގައި ސައިކަލެއް ކަހާލައިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި، މުހައްމަދު ޖަޒްލާން ---

ރޭ ހުޅުމާލޭގައި ސައިކަލެއް ކަހާލައިގެން ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ޅ. އޮޅުވެލިފުށި ހުވަނދުމާގެ މުހައްމަދު ޖަޒްލާން، 18 ވަނީ ނިޔާވެފައެވެ. ޖަޒްލާނުގެ ބޮލަށް ބޮޑެތި އަނިޔާތަކެއްވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެ އެކްސިޑެންޓް ހިގާފައިވަނީ ރޭ ރައްޓެހި ކުދިންތަކަކާ އެއްކޮށް އުޅުމަށް ފަހު ގެއަށް ދިޔަ މަގުމަތީގައި 9:15 ހާއިރުއެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ޖަޒްލާނުގެ ހާލު ސީރިއަށް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ޖަޒްލާނު ދިރިއުޅެމުން ދަނީ އޭނާގެ މަންމަ އާއި ބައްޕައާ އެކު ކަމަށް އާއިލާގެ މީހަކު 'ސަން' އަށް ބުންޏެވެ. އަދި މިވަގުތު މަންމަ އާއި ބައްޕަވީ އިންޑިއާގައި ކަމަށްވެސް އެމީހާ ބުންޏެވެ.

ޖަޒްލާނަކީ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅޭ ކުއްޖެކެވެ. ރަފީ ޖަމިއްޔާއިން ބުނީ ޖަޒްލާނަކީ އެންމެނާވެސް ވަރަށް ގުޅިގެން އުޅޭ ވަރަށް އެހީތެރިވެދޭ ކުއްޖެއް ކަމަށެވެ. އަދި ޖަމިއްޔާގެ ކަންކަމުގައިވެސް ބުނެލާއިރަށް ވަގުތުން ކަންކަން ކޮށްދޭ ކުއްޖެއް ކަމަށް ރަފީ ޖަމިއްޔާއިން ބުންޏެވެ.

ރަފީ ޖަމިއްޔާއިން ޖަޒްލާނަށް އެވޯޑް ހަވާލު ކުރަނީ ---

" ޖަޒްލާނަކީ ވަރަށް ގިނަ އިރު ވަގުތު ހޭދަކުރާ ކުއްޖެއް ޖަމިއްޔާގެ ކަންކަމުގައި. ޖަޒްލާނަށް ވަނީ ޖަމިއްޔާގެ ފަރާތުން މިދިއަ ފެބުރުއަރީ މަހު އެވޯޑެއްވެސް އަރުވާފައި. އެއީ ޖަމިއްޔާގެ ކަންކަމުގައި އިސްކަމެއް ކަމުގައި ދެކިގެން ހިދުމަތް ކުރާތީ،" ރަފީ ޖަމިއްޔާއިން ބުންޏެވެ.

ޖަޒްލާން ނިޔާވެފައިވަނީ މަގު ހުރަސްކޮށް އަޅާފައި އޮންނަ ހޮޅިތައް ފޮރުވަން ސިމެންތިން އުސްކޮށް ހަދާފައި އޮތް ބަމްޕަރެއްގެ މަތިން ކައްސާލައިގެން ވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.

"އޭނަގެ ކަންފަތުންނާއި ނޭފަތުން އަދި ސިކުޑިން ވެސް ލޭ އައިސްފައިވާ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ. އެ ހޮސްޕިޓަލުން މާ ލަނުންނޭ އޭނަ އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ،" ޖަޒްލާނުގެ ރައްޓެއްސަކު 'ސަން' އަށް ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި މަސައްކަތް ކުރަމުން ދިޔަ ޖަޒްލާނަކީ ރައްޓެހިންނާވެސް ވަރަށް ގުޅޭ ކުއްޖެއް އެންމެނަށްވެސް އެހީތެރިވާ ކުއްޖެއް ކަމަށް އޭނާގެ ރައްޓެހިން ބުނެ އެވެ.

ޖަޒްލާނަކީ ސައިކަލު ރޭސް ޖެހުމަށް ލޯބި ކުރާ ކުއްޖެއްކަން އޭނާގެ ސޯޝިއަލް މީޑިއާ އެކައުންޓްތަކަށް ބެލުމުން އެނގެއެވެ. ޖަޒްލާންގެ އިންސްޓަގްރާމްގެ ޕްރޮފައިލްގައި ލިޔެފައިވަނީ ރޭސް ޖެހުމަކީ އާޓެއް ކަމަށެވެ.

އޭނާވަނީ ސައިކަލު ރޭސް ޖެހި ވަރަށް ގިނަ ފޮޓޯތައްވެސް ސޯޝިއަލް މީޑިއާގައި ޝެއާކޮށްފައެވެ.

ޖަޒްލާނުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ މިރެ އިޝާ ނަމާދަށް ފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައެވެ.

comment ކޮމެންޓް