ސަލާހް ރާއްޖޭގެ ރީތިކަމުގައި ޖެހިއްޖެ!

ސަލާހް ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ---

މިސްރުގެ ފުޓުބޯޅަ ތަރި، މުހައްމަދު ސަލާހް ވޯލްޑް ކަޕަށްފަހު ޗުއްޓީ ހޭދަކޮށްލުމަށް އައީ ދިވެހިރާއްޖޭގެ ހިތްގައިމުކަމުގެ ތެރެއަށެވެ.

ލިވަޕޫލާއެކު ކާމިޔާބު ސީޒަނަކަށްފަހު ވޯލްޑް ކަޕް އެންމެ ކާމިޔާބު ނޫން ނަމަވެސް، ސަލާހްގެ ޗުއްޓީ އޭނާއަށް ވަރަށް ކަމުގޮސްފިކަން ޔަގީނެވެ. އޭނާގެ މީސްމީޑިއާ ބަލާލުމުން އެކަން ޔަގީން ކުރެވެއެވެ.

ރާއްޖޭގައި ސަލާހް ހޭދަކުރި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާ ނަގައިފައިވާ ފޮޓޯތައް، ފަހަރަކު ފޮޓޯއެއް އޭނާ ޕޯސްޓް ކުރަމުންދާ އިރު، ހުރިހާ ފޮޓޯއަކުންވެސް ދައްކުވައިދެނީ ރާއްޖޭގެ ރީތި މޫދާއި ހިތްގައިމު ދޮންވެލި ގޮނޑުދޮށްތަކެވެ.

ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ސަލާހްގެ އިންސްޓާގްރާމްގައި އޭނާ ކޮށްފައިވާ އެންމެފަހުގެ ހަ ޕޯސްޓަކީވެސް ރާއްޖޭގެ މަންޒަރުތަކެވެ. އޭނާގެ ޗުއްޓީގެ އުސްއަލިތަކެވެ.

އިންސްޓާގްރާމްގައި ޕޯސްޓް ކޮށްފައިވާ ހަ ފޮޓޯގެ ތެރެއިން ހަތަރު ފޮޓޯއެއްގެ ދިވެހިންގެ ރަސްމީ ބުއިން ކަމަށްވާ ކުރުނބައެއް އޭނާ ބޭނުން ކޮށްފައިވެއެވެ. އަނެއް ފޮޓޯގައި އޭނާ ޖެޓްސްކީއެއް ދުއްވާ މަންޒަރު ދައްކުވައިދިން އިރު، ދެން އޭނާ އަޕްލޯޑް ކޮށްފައިވާ ފޮޓޯއަކީ މޫދު ކުޅިވަރުގައި ބޭނުންކުރާ ކަނދުފޮއްޗެއްގައި އިނދެ ނަގާފައިވާ ފޮޓޯއެކެވެ.

ސަލާހްގެ ފޮޓޯތަކުގައި އޭނާއާއެކު މިސްރުގެ ފޯވަޑަށް ކުޅޭ އަހުމަދު ހަސަން މައުގޫބް ޓެގްކޮށްފައިވާ އިރު، ފެންނަ ފެނުމަށް ލަފާކުރެވެނީ ޗުއްޓީ ހޭދަކުރުމުގައި ދެކުޅުންތެރިން ވާދައަށް އުޅޭ ކަމަށެވެ.

ސަލާހްގެ ފޭސްބުކްގައިވެސް އެ ފޮޓޯތައް ޕޯސްޓްކޮށްފައިވާ އިރު، ދިވެހީންގެ ގިނަ ބަޔަކުވެސް ދަނީ ފޮޓޯތައް ޝެއާކޮށް ކޮމެންޓްވެސް ކުރަމުންނެވެ. ހާއްސަކޮށް އެ ފޮޓޯތަކާއެކު ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެސް ވެގެންދާނެކަން ޔަގީނެވެ.

މިސްރާއި ލިވަޕޫލްގައި ވިދަމުން އަންނަ ސަލާހް ވަނީ މިދިޔަ ސީޒަންގައި ކުޅުނު 51 މެޗުން 44 ގޯލް ޖަހައިފައެވެ. ލިވަޕޫލާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ދަތުރުކުރި ސަލާހަކީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

comment ކޮމެންޓް