އިންޑިއާގެ ސްމާޓްފޯނު މާކެޓުގައި ޒިއޯމީ އާއި ސެމްސަންގު ކުރި ހޯދައިފި

އިންޑިއާގައި ސްމާޓް ފޯނުގެ މާކެޓު ކުރިއަރަމުން އަންނަ އިރު، ވާދަވެރި ބްރޭންޑުތަކުގެ މެދުގައި އޮންނަ ވާދަވެރިކަންވެސް އިންޑިއާގައި ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް މެދުފަންތީގެ ފޯނުތައް އުފައްދާ ކުންފުނިތަކުން ދަނީ އިންޑިއާގައި އެމީހުންގެ ފެކްޓަރީތައް ގާއިމްކޮށް މާކެޓް ޑޮމިނޭޓްކުރަން މަސައްކަތް ކުރަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިންޑިއާގެ ސްމާޓްފޯނު މާކެޓް ޑޮމިނޭޓްކޮށްފައިވަނީ ސެމްސަންގު އަދި ޒިއޯމީ އިންނެވެ. ކޮންމެ ކުންފުންޏަކުންވެސް ވަނީ 9.9 މިލިއަން ސްމާޓްފޯނު އިންޑިއާއަށް އެތެރެކޮށްފައެވެ.

މި ދެ ކުންފުނީގެ ހިއްސާ އިންޑިއާގެ ސްމާޓްފޯނު މާކެޓުގައި އޮތް މިންވަރަށް ބަލާއިރު ކޮންމެެ ކުންފުންޏަކަށް 30 ޕަސެންޓު ލިބެއެވެ. ޒިއޯމީއަށް އޮތް ޑިމާންޑު 106 ޕަސެންޓު އިތުރު ވިއިރު ސެމްސަންގަށް އޮތް ޑިމާންޑު ވަނީ 47 ޕަސެންޓު އިތުރުވެފައެވެ.

ސެމްސަންގުން އިންޑިއާގައި ދާދިފަހުން ވަނީ ފެކްޓަރީއެއް ވެސް ހުޅުވައިފައެވެ. މިއީ އެގައުމުގެ ރައްޔިތުންނަށް މިހާރަށްވުރެ ހެޔޮ އަގުގައި ފޯނުތައް ވިއްކުމަށް އެޅި ފިޔަވަޅެކެވެ.

ސެމްސަންގުގެ އެންމެ ވާދަވެރި އެޕަލްއަށް އުޅެނީ އިންޑިއާގައި ކުރި ނޭރިގެންނެވެ. ޚާއްސަކޮށް އެޕަލްގެ އުފެއްދުންތައް އަގުބޮޑުކަމުން އިންޑިއާގެ މާކެޓުގައި ޑިމާންޑެއް ނެތެވެ. އެޕަލް އިން މިހާރު މަސައްކަތް ކުރަނީ އަގުހެޔޮ އުފެއްދުންތަކެއް އުފައްދައިގެން އޭޝިއާ ސަރަހައްދުގައި އެޕަލްއަށް އޮތް ޑިމާންޑު އިތުރު ކުރެވޭތޯއެވެ.

comment ކޮމެންޓް