ތުއްތުކުދިން އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދިނުމަށް ގާލްޑައިޑުން ވަރުގަދަ ހަރާކާތްތަކެއް!

''ސްޓާ އައުޓިން 2018''ގެ ނަމުގައި ގާލްގައިޑުން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: ގާލްގައިޑް އެސޯސިއޭޝަން

ތުއްތުކުދިން އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދިނުމަށް ވަރުގަދަ ހަރަކާތްތަކެއް މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

''ސްޓާ އައުޓިން 2018''ގެ ނަމުގައި މިއަދު ހެނދުނު 07:30 އިން ފެށިގެން ހަވީރު 05:30 އަށް ހުޅުމާލެ ގާޒީ ސްކޫލުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ސްކޫލުތަކުގެ ގާލް ގައިޑްގައި ހިމެނޭ އުމުރުން ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ގާލް ގައިޑް އެސޯސިއޭޝަނުން "ސަން"އަށް މައުލޫމާތު ދެމުން އެ އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ ހަރަކާތުގައި 540 ދަރިވަރުންނާއި 150 ގާލް ގައިޑް ލީޑަރުން ބައިވެރިވި ކަމަށެވެ.

''ސްޓާ އައުޓިން 2018''ގެ ނަމުގައި ގާލްގައިޑުން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: ގާލްގައިޑް އެސޯސިއޭޝަން

ގާލްގައިޑް އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވީ މިއީ ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މިއީ އެ ހަރާކާތްތައް އެގޮތަށް ކުރިއަށްގެންދިޔަ ހަތަރަވަނަ އަހަރު ކަމަށެވެ.

މިއަހަރުގެ ހަރަކާތުގެ ތީމްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދުނިޔޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ މައުލޫމާތާއި ކުދިން އަމިއްލައަށް އިސްނަގައިގެން ކުރެވޭނެ ކަންތައްތަކާ ބެހޭ މައުލޫމާތު ދިނުމެވެ.

''ސްޓާ އައުޓިން 2018'' ގެ ނަމުގައި ގާލްގައިޑުން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: ގާލްގައިޑް އެސޯސިއޭޝަން

"މިއީ އެއް ދުވަސް ކުދިން އެކުދިންގެ މައިންބަފައިންނާ ނުލައި ހޭދަ ކުރާ ދުވަހެއް. މިއަދު އަޅުގަނޑުމެން ވާނީ ކުދިން އަމިއްލައަށް އުޅޭނެގޮތާއި އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްކޮށްދިނުމަށް ހަރަކާތްތައް ކުރިއަށް ގެންދެވިފައި،" ގާލްގަައިޑް އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް