އެއާފޯސް ވަންގެ މަތިންދާބޯޓުތަކުގެ ޑިޒައިން ބަދަލުކުރައްވަން ޓްރަމްޕް ނިންމަވައިފި

އެއާފޯސް ވަންގެ މަތިންދާބޯޓެއް ފޮޓޯ -

އެމެރިކާގެ ރައީސުން ދަތުރުފުޅު ކުރައްވާ ރަސްމީ މަތިންދާބޯޓުތައް ކަމަށްވާ "އެއާފޯސް ވަން"ގެ ޑިޒައިނަށް ބަދަލުގެންނަން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

މިހާރު ބޭނުން ކުރަމުންދާ އެއާފޯސް ވަންގެ ފްލައިޓުތަކުގެ ޑިޒައިނަކީ 1962 ވަނަ އަހަރުން ފަށައިގެެން ބޭނުން ކުރަމުން އަންނަ ޑިޒައިނެކެވެ. އެ ޑިޒައިނުގައި ހުންނަނީ ހަމައެކަނި ނޫކުލަ އާއި ހުދު ކުލަ އެވެ.

މިދިޔަ އަންގާރަ ދުވަހު "ސީބީއެސް ނިއުސް" އިން ދެއްކި ޓްރަމްޕްގެ އިންޓަވިއުއެއްގައި އޭނާއާ ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވަނީ އެއާފޯސް ވަންގެ ޒަމާންވީ އެ ޑިޒައިން ބަދަލު ކުރަން އޭނާ ނިންމަވާފައިވާ ކަން އިއުލާނު ކުރައްވާފަ އެވެ.

"އެ ޑިޒައިން ވެގެންދާނީ އެންމެ މަތީ ފެންވަރުގެ، ދުނިޔޭގެ އެންމެ ވަރުގަދަ ޑިޒައިނަށް. ރަތާއި ހުދާއި ނޫ ކުލަ ހުންނާނީ. އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޓްރަމްޕް ވިދާޅުވިއެވެ.

އެއާފޯސް ވަންގެ ޑިޒައިން ރަތް ހުދު އަދި ނޫކުލައަށް ބަދަލު ކުރަން ޓްރަމްޕް ނިންމެވީ އެ ކުލަތަކަކީ އެމެރިކާގެ ދިދައިގައި ހިމެނޭ ކުލަތަކަށް ވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަލަށް ތައްޔާރު ކުރި އެއާފޯސް ވަންގެ ޖެޓުތައް އުފައްދަނީ މަތިންދާބޯޓު އުފެެއްދުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށްވާ ބޮއިން އިންނެވެ. އާ ޑިޒައިނާއެކު އެ ޖެޓުތައް ތައްޔާރުކޮށް ނިމޭނީ 2024 ވަނަ އަހަރު އެވެ.

މިހާރު ބޭނުން ކުރާ އެއާފޯސް ވަންގެ ޖެޓުތަކަކީ 1987 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ޖެޓުތަކެކެވެ.

ޖޯން އެފް ކެނެޑީގެ ވެރިކަމުގައި ކަނޑައެޅި ޑިޒައިން ބަދަލުނުކޮށް ބަހައްޓަން އެންމެ ފުރަތަމަ ނިންމެވީ އެމެރިކާގެ ކުރީގެ ރައީސް ރޮނާލްޑް ރޭގަން އެވެ.

comment ކޮމެންޓް