ހަސަން ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ކޯޓަށް ހާޒިރު ކުރުމަށް މާލެ ގެންނަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ހައްޔަރު ކުރި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކުރީގެ އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހަސަން ސައީދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

މި ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ ފުލުހުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރަން އުޅުމުން ފުލުހުންނަށް ފިލައިގެން އުޅެފައިވާ ކަމުގެ ތުހުމަތުގައެވެ.

މިއަދު ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ހަސަން ސައީދުއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަހުން އޭނާގެ މައްޗަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ މިންގަނޑުން އެ ދައުވާ ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ދައުވާކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާއި ދެވަނަ ނަމްބަރުގެ ރޯމް އެކެއްގެ (1) ގެ ދަށުންނެވެ.

ހަސަން ސައީދުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބާ ބެހޭގޮތުން ގޮތެއް ކަނޑައެޅުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް އެންމެ އެކަށީގެންވަނީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް ކަމަށެވެ. ހަސަން ސައީދު ބަންދުގައި ހުންނަތާ ފަސް މަސްވެފައިވާއިރު އޭނާގެ ފަރާތުން އެދިފައި ވަނީ ހުކުމް ގޭބަންދަށް ލުއި ކުރުމަށެވެ. ނަމަވެސް ހުކުމް ކޮށްފައި ވަނީ ދައުލަތުން އެދުނު ގޮތަށެވެ.

މި މައްސަލައިގައި ހަސަން ސައީދުއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހަ ފުލުހުންނާއި ސިއްރުން ހެކިބަސް ދިން ސުޕްރީމް ކޯޓުގެ ދެ މުވައްޒަފުންގެ ހެކިބަސް ނަގާފައިވެއެވެ.

ހަސަން ސައީދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ތެރެއިންނެވެ.

ހަސަން ސައީދުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ހުކުމްކޮށްފައިވާއިރު މި މަހުގެ 10 ވަނަ ދުވަހު އޭނާ ވަނީ ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމުން ވަކިކޮށްފައެވެ.

comment ކޮމެންޓް