ތިލަދުންމައްޗަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި

ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި އެނެމް ފަހު ރަށެއްގެ ގޮތުގައި ހަނިމާދޫއަސް ވަޑައިގަތް އެ ރަށުގެ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތިލަދުންމައްޗަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ. އަދި ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވިއެވެ.

ރައީސްގެ ދަތުރުފުޅުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތަށް ހުޅުއްވައިދެއްވިއެވެ.

އެ ދަތުރުފުޅުގައި ރައީސް ހއ. ކެލައަށް ވަޑައިގެން ކެލާގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި ހއ. ބާރަށަށް ވަޑައިގެން އެރަށުގައި ހަދާފައިވާ މެރީނާ ސްޓައިލުގެ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވައި، ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ.

އަންގާރަ ދުވަހު ފެއްޓެވި އެ ދަތުރުފުޅުގައި ރައީސް ވަނީ ތިލަދުންމަތީގެ ހަތް ރަށަކަށް ވަޑައިގެންފައެވެ. އަދި ކޮންމެ ރަށެއްގައި ވެސް ރައީސް ވަނީ އެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

comment ކޮމެންޓް