އިސްރާއީލަކީ ޔަހޫދީންގެ ދައުލަތެއް ކަމަށް ކަނޑައަޅާ ބިލު ފާސްކޮށްފި

އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެގައުމަކީ ޔަހޫދީންގެ ދައުލަތެއް ކަމަށް ކަނޑައަޅާ ބިލު ފާސްކޮށްފައި -- ފޮޓޯ: ރޮއިޓާސް

ގުދުސް (ޖުލައި 19): އިސްރާއީލަކީ ޔަހޫދީންގެ ދައުލަތެއް ކަމަށް ކަނޑައަޅާ ބިލު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކޮށް، ގާނޫނަކަށް ހަދައިފިއެވެ.

އެ ބިލު ފާސްކުރުމަށް މަޖިލީހުގެ 62 މެމްބަރުން ވޯޓުދެއްވި އިރު އެ ބިލާ ދެކޮޅަށް 55 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިއަދަކީ އެގައުމަށާއި ޔަހޫދީންނަށްވެސް ތާރީހީ ދުވަހެއްކަމަށް ވިދާޅުވެފައެވެ.

އެ ބިލުގައި ވަނީ އިސްރާއީލުގެ ގައުމީ ބަހަކީ ޢިބްރީ ބަސް ކަމަށާއި މުޅި ގުދުސަކީ އެ ގައުމުގެ ވެރިރަށް ކަމަށް ބުނެފައެވެ. އަދި ޔަހޫދީން އާބާދުކުރުން އިތުރުކުރުމަކީ ގައުމީ މަސައްކަތެއް ކަމަށް ނިިންމާފައެވެ.

މީގެ ކުރިން އަރަބި ބަހަކީވެސް އިސްރާއީލްގެ ގައުމީ ބަހެކެވެ. ނަމަވެސް މިއަދު ފާސްކުރި ގާނޫނާއެކު އެ ގައުމުގެ އަރަބި ބަހަށް ދީފައިވާ ދަރަޖަ ވަނީ ދަށްކޮށްފައެވެ.

އިސްރާއީލުގައި ދިރިއުޅޭ އަރަބީންގެ އާބާދީ 1.8 މިލިއަނަށް އަރައެވެ. އެއީ އެ ގައުމުގެ އާބާދީގެ 20 ޕަސެންޓެވެ.

އެ ބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އޭގެ ސަބަބުން އިސްރާއިލުގައި ދިރިއުޅޭ އަރަބީންނާ މެދު ތަފާތުކުރުންތައް ގެންގުޅުމަށް މަގުފަހިވާނެ ކަމަށް ބުނެފައިއެވެ.

އިސްރާއީލުގެ ގާނޫނު އަސާސީގައިވާ ގޮތުން އެ ގައުމުގައި ދިރިއުޅޭ އަރަބީންނަށް ވެސް ހަމަހަމަ ހައްގުތައް ދޭން ޖެހެއެވެ. ނަމަވެސް އަރަބިން ވަނީ އެ މީހުންނަށް ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ތަފާތުކުރުންތައް މިހާރުވެސް ގެންގުޅޭ ކަމަށް ބުނެފައިއެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް