އަނެއްކާވެސް އިންމަ މާޔޫސްކޮށްލީ ކުޅުންތެރިން!

މާޒިޔާގެ ކޯޗު އިންމަ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާޒިޔާ ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މި ހަފްތާގައި ކުޅުނު މެޗުން އެޓީމު ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި ގަދަ ބާރެއްގެ ގޮތުގައި ފެނިގެންދިޔަ މާޒިޔާއިން މީގެ ކުރިން އަބަދުވެސް ފެންނަނީ ރޫހު ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. ކްލަބަށް 100 ޕަސެންޓް ދޭ ކުޅުންތެރިން އެކުލެވޭ ކްލަބެއްގެ ގޮތުގައެވެ.

މި ސީޒަންގައި މާޒިޔާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައި ނުވާ އިރު، ތަށި ދިފާއުކުރަން މާލޭ ލީގަށް ނުކުމެ އެޓީމުން ނިންމާލީ ލީގުގެ ތިންވަނައިގައެވެ. ދިވެހި ޕްރިމިއާ ލީގުގެ ފެށުންވެސް ދަށެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން މާޒިޔާއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. އާއްމުކޮށް ލީގަށް ވާދަކުރާ މާޒިޔާއަށް އުނދަގޫ ހިސާބެއްގައެވެ.

ޓީސީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކޯޗު އިސްމާއީލް މަހެފޫޒު (އިންމަ) ބުނީ ޓީމުގެ ކުޅުން ވަރަށް ދަށް ކަމަށާއި، ދަނޑުމަތީގައި އެއް ކަމެއް ނުކުރާ ކުޅުންތެރިންވެސް ތިބި ކަމަށެވެ.

"ހިތްހަމައެއް ނުޖެހޭ އެއްވެސް ވަރަކަށް. ޓީމުން މިއަދު އަޅުގަނޑު ހިތްހަމަ ޖެހޭ ގޮތަށް ރަނގަޅު އެއް ކަމެއްވެސް ނުކުރޭ. ފުރަތަމަ ލިބުނު ފުރުސަތުތައް ބޭނުންވެސް ނުކުރޭ. ދެ ކުޅުންތެރިއަކު އެބައުޅޭ ހިނގާލަ ހިނގާލާ. އެއްވެސް ކަމެއް ކުރިތަނެއް ނުފެނޭ ޓީމުން. މުޅި ޓީމު އެއްކޮށް ވަރަށް ދަށް. ހާއްސަކޮށް އިންޑިވިޖުއަލް ކުޅުންތެރިންގެ ކުޅުން ވަރަށް ދަށް،" އިންމަ ބުންޏެވެ.

ނިމިދިޔަ މާލޭ ލީގުގެ ދެވަނަ ބުރުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން 1-0އިން ބަލިވުމުންވެސް އިންމަ ބުނީ ކުޅުންތެރިންގެ އެޓިޓިއުޑް މައްސަލަތަކެއް އުޅޭ ކަމަށެވެ. އެކަންކަން ބަލާ ހައްލު ކުރާނެ ކަމަށް އެ މެޗަށްފަހު އިންމަ ބުނެފައިވާ އިރު، އަނެއްކާވެސް މާޒިޔާއަށް މި ދިމާވީ ހަމަ އެ މައްސަލައެވެ.

"ވަރަށް މާޔޫސް.. ވަރަށް މާޔޫސް... ލީގުގައި ކުޅުނު އެންމެ ދަށް މެޗު ޓީސީ މެޗަކީ. މި ކުޅުނު ކުޅުން ކުޅެގެން ލީގަށް ވާދައެއް ނުކުރެވޭނެ. ރަނގަޅުކުރަން އެބަ ޖެހޭ މިއަށްވުރެ،" އިންމަ ބުންޏެވެ.

މާޒިޔާއަށް މާލޭ ލީގުގެ ބޮޑު ބައެއްގައި ކުޅުނު އިޓަލީގެ ކީޕަރު މައުރީސިއޯ ބޮއެރްޗިއޯގެ އިތުރުން، ކްލަބުގައި ދެވަނަ ސީޒަނެއް ހޭދަކުރަމުންދާ މިލޯސް ކޮވަސެވިޗްވެސް ޑިސިޕްލިން މައްސަލަތަކެއްގެ ސަބަބުން މާލޭ ލީގުގެ ތެރެއިން ފޮނުވާލައިފައިވާ އިރު، މިހާރު މާޒިޔާގައި ހުރި ހަމައެކަނި ބޭރު ކުޅުންތެރިއަކީ ކުރިން ޓީސީއަށް ކުޅުނު ކޯނެލިއަސް ސްޓެވާޓެވެ.

ބިދޭސީ ކުޅުންތެރިން މާޒިޔާގައި މަދު ނަމަވެސް އެޓީމުގައި ވަރުގަދަ ލޯކަލް ކުޅުންތެރިންތަކެއް ހިމެނެއެވެ. ހާއްސަކޮށް މާލޭ ލީގަށް ޓީމު ވަރުުގަދަ ކުރުމަށް ނާއިޒް ހަސަން (ދާދު) ފަދަ ވަރުގަދަ ކުޅުންތެރިން ވަނީ ޓީމަށް ގެންގޮސްފައެވެ. ދާދުގެ ކުޅުންވެސް އެންމެ އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ފެނިފައިނުވާ އިރު، އިންމަ ހައްލުކުރަން ބުނި އެޓިޓިއުޑް މައްސަލައަށް އަވަސް ހައްލެއް އެބަ ބޭނުންވެއެވެ.

comment ކޮމެންޓް