ހަމަނުޖެހުމަށް މަގުފަހިވާގޮތަށް ހުންނަ ވާހަކަތައް ފޭސްބުކުން ރިމޫވް ކުރަނީ

ދޮގު ވާހަކަތަކާއި ހަމަނުޖެހުމަށް މަގުފަހިވާގޮތަށް ފޭސްބުކްގައި ލިޔެފައި ހުންނަ ވާހަކަތަކާއި ކޮށްފައި ހުންނަ ޕޯސްތުތައް ރިމޫވްކުރަން ނިންމައިފިއެވެ.

ފޭސްބުކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕްލެޓްފޯމުގައި ލިޔެފައި ހުންނަ ބައެއް ވާހަކަތަކުގެ ސަބަބުންނާއި ކޮށްފައި ހުންނަ ބައެއް ޕޯސްޓުތަކުގެ ސަބަބުން މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދި ހަމަނުޖެހުމަށް މަގުފަހިވާ ކަމަށެވެ. އަދި ބައެއް ފަހަރު މިފަދަ ވާހަކަތަކުގެ ސަބަބުން މާރާމާރި ފަދަ އަމަލުތަކަށް މަގުފަހިވާ ކަމަށް ބުނެފައިވެއެވެ.

ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމަށް މަގުފަހިވާގޮތަށް ނުވަތަ ހިތްވަރުދޭ ގޮތަށް ކޮށްފައި ހުންނަ ޕޯސްޓުތައް ރިމޫވްކުރާނެ ކަމަށް ފޭސްބުކް އިން ވަނީ ބުނެފައެވެ.

މިފަދަ ޕޯސްޓުތައް އެކިގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާއެކު ރިވިއުކޮށް މުޖުތަމައަށް ގެއްލުންދޭފަދަ ގޮތެއްގައި ޕޯސްޓުކޮށްފައިވާނަމަ އެ އެއްޗެއް ފޭސްބުކުން ނަގާނެ ކަމަށް ވަނީ ބުނެފައެވެ.

އެ ޕޯސްޓުތަކުގެ ސައްހަކަމާމެދު އެކި ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކާނެ ކަމަށާއި ފޭސްބުކުން ކަނޑައަޅާ ކަންތަކުގެ މައްޗަށް ބަލައި ޕޯސްޓް ރިމޫވް ކުރާއިރު އޮރިޖިނަލް ޕޯސްޓުގެ އިތުރަށް އޭގެ ޑުބްލިކޭޓް ޕޯސްޓެއް އުޅޭނަމަ އެ ޕޯސްޓުތައްވެސް ޑިލީޓް ކުރެވޭނެ ކަމަށް ފޭސްބުކް އިން ބުނެއެވެ.

ފޭސްބުކް މެދުވެރިކޮށް ބައެއް ގައުމުތަކުގައި ފިތުނަ އުފައްދަން މަސައްކަތް ކުރާކަން ފާހަގަ ވެފައިވާއިރު ދާދި ފަހުން ސްރީލަންކާގައި ވަނީ މިފަދަ މައްސަލައެއް ފެންމަތިވެފައެވެ. މުސްލިމުންނާއި ބުދިސްޓުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރި ޕޯސްޓެއްގެ ސަބަބުން އެ ޕޯސްޓު ރިމޫވްކޮށް ފޭސްބުކް ޕްލެޓްފޯމުތައް އެ ގައުމުގައި ވަގުތީގޮތުން ބްލޮކު ކުރިއެވެ.

comment ކޮމެންޓް