ތުރުކީން ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދޫޣާން ގައުމާ މުހާތަބުކުރައްވަނީ -- ފޮޓޯ: ރޮއިޓާސް

އަންކާރާ (ޖުލައި 19): ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން މީގެ ދެ އަހަރު ކުރިން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލައިފިއެވެ.

ތުރުކީ ސަރުކާރުން އެފަދައިން ނިންމީ އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެރިކަމުގެ ދެވަނަ ދައުރަކަށް ވަޑައިގަތް ފަހުންނެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި އުރުދުޣާނާއި އިދިކޮޅު ފަރާތްތަކުންވެސް ވަނީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ކުއްލި ހާލަތު އުވާލައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ 20 ޖުލައި 2016ގައި އެގައުމުގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކު ބަޣާވާތް ކުރަން މަސައްކަތް ކުރުމުން، އޭގެ ފަސް ދުވަސް ފަހުންނެވެ. އަދި އޭގެ ފަހުން ރައީސް އުރުދުޣާން ވަނީ ކުއްލި ހާލަތު ހަތް ފަހަރަށް ދިގު ދައްމާލައިފައެވެ.

ތުރުކީގެ ސަރުކާރުން ބުނާ ގޮތުގައި ނާކާމިޔާބުވި ބަޣާވާތުގެ ފަހަތުގައި ވަނީ އެމެރިކާގައި ހުރި ދީނީ އިލްމުވެރިޔާ ފަތުހުﷲ ގުލެންއެވެ. އަދި އެގައުމުން ވަނީ އޭނާއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކިކޮށް، ބައެއް މީހުން ޖަލަށް ލާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ބުނާ ގޮތުގައި ތުރުކީން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ވަޒީފާއިން ވަކި ކުރި މީހުންގެ އަދަދު 107،000އަށް އަރައެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 50،000އަށް އަރައެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް