ބްރަހްމަޝްތުރާގެ ކާސްޓާ ޑިމްޕަލްވެސް ގުޅިއްޖެ

ބަތަލާ ޑިމްޕަލް---

ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބްރަހްމަޝްތުރާ"ގެ ކާސްޓާ ކުރީގެ މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާ ގުޅިއްޖެއެވެ.

ދެކުނު އިންޑިއާގެ ތަރި ނާގުރްޖުނާ އަކިނޭނީވެސް ވަނީ ދާދި ފަހުން ފިލްމުގެ ކާސްޓާ ގުޅިފައެވެ. ޑިމްޕަލް ބްރަހްމަޝްތުރާގެ ކާސްޓާ ގުޅުނުކަން ޕްރޮޑިއުސަރު ކަރަން ޖޯހަރު ކުރި ޓްވީޓްގައި ވަނީ ބުނެފައެވެ.

ޑިމްޕަލް ފިލްމުގެ ކާސްޓާ ގުޅުނު ނަމަވެސް އޭނާ އަދާކުރާނެ ރޯލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ޚަބަރުތައް ބުނާގޮތުގައި އޭނާ ފެނިގެންދާނީ ނާގުރްޖުނާއާ އެކުގައި ކަމަށެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ގިނަ މަންޒަރުތައް ބަލްގޭރިއާގައި ނެގުމަށް ހަމަޖެހިފައިވާއިރު އެ ފިލްމަކީ ތިން ފިލްމުގެ ސީރީޒްއެއްގެ ގޮތުގައި އުފައްދާ ފިލްމެކެވެ.

އެ ފިލްމަކީ އެޑްވެންޗަރަސް ފިލްމެކެވެ. "ބްރަހްމަޝްތުރާ" އަކީ ބެލުންތެރިންނަށް ކަމުދާ އަދި ގިނަ ބައެއްގެ ތައުރީފު ލިބޭނެ ފިލްމަކަށްވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

ފިލްމުގެ ފުރަތަމަ ބައި ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް