"ކަސޯޓީ"ގައި ކޮމަލިކާގެ ރޯލުން ހީނާ ފެނިދާނެ؟

ކޮމަލިކާގެ ރޯލުން ހީނާ ހާން ފެންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ---

"ކަސޯޓީ ޒިންދަގީ ކޭ" އަކީ ދިވެހިން ވެސް އެއް ޒަމާނެއްގައި ވަރަށް ފޯރިއާ އެކު ބެލި ހިންދީ ޑްރާމާ ސީރީޒް އެކެވެ.

އެކްތާ ކަޕޫރުގެ އެންމެ މަގްބޫލުވި ޑްރާމާ ކަސޯޓީ އަލުން އުފައްދަން އުޅޭކަން މިހާރު ކަށަވަރުވެފައިވާއިރު މިވަގުތު އެންމެ ބާރަށް ދެކެވެމުން އަންނަ ވާހަކައަކީ ޑްރާމާގެ ކާސްޓުންގެ ވާހަކައެވެ.

އެ ވާހަކަތަކަށް އިތުރު ފޯރިކަމެއް ގެނެސްދިނީ ކަސޯޓީގައި ނުބައި މީހެއްގެ ރޯލު އަދާކުރި ކޮމަލިކާގެ ރޯލަށް ހީނާ ހާން ހަމަޖައްސައިފިކަމަށް މީޑިއާ ބައެއް ރިޕޯޓްތައް ބުނުމުންނެވެ.

"ޔޭ ރިޝްކާ ކިހާ ކެހެލާތާ ހޭ"ގައި އަކްޝަރާގެ ރޯލު ކުޅުނު ހުނަރުވެރި ބަތަލާ ވަނީ "ބިގް ބޮސް 11"ގައި ވެސް ވާދަކޮށްފައެވެ. އޭނާގެ ނުފެންނަ ފަރާތް ބިގް ބޮސް އިން ފެނުއިރު އެ ރޯލަށް އެންމެ އެކަށީގެންވަނީ އޭނާ ކަމަށްވެސް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

އެކަމާ ގުޅޭ ގޮތުން ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ހީނާ ބުނީ ޑްރާމާގެ ވާހަކަތަކެއް އެކްތާ ދެއްކި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކޮމަލިކާގެ ރޯލު އަދާކުރާނެ ތަރިއެއް ހާމަވާނެ ކަމަށެވެ.

"ކަސޯޓީ ޒިންދަގީ ކޭ"ގެ ލީޑް ރޯލު ކުޅުނީ ޝްވޭތާ ތިވާރީ އާއި ސިޒާން ހާނެވެ. އެ ޑްރާމާ ސިލްސިލާ އަކީ 2001ގައި ދައްކަން ފެށި ޝޯ އެކެވެ.

comment ކޮމެންޓް