ނިއުދިއްލީ އާއި ސިންގަޕޫރުގައި ވެސް ވޯޓު ފޮށި ބަހައްޓަން ނިންމައިފި

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް، އިންޑިއާގެ ނިއު ދިއްލީއާއި ސިންގަޕޫރުގައި ވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ނިއުދިއްލީ އަދި ސިންގަޕޫރުގައި ވޯޓް ފޮށި ބަހައްޓަން ނިންމިކަން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "ސަން" އަށް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

އަކްރަމް ވިދާޅުވީ، ނިއުދިއްލީ އަދި ސިންގަޕޫރުގައިވެސް ބަހައްޓާނީ އެންމެ ވޯޓްފޮއްޓެއް ކަމަށެވެ.

ކުރިން އެ ކޮމިޝަނުން ނިންމީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާ އާއި މެލޭޝިޔާ އަދި އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. ސްރީލަންކާގައި ދެ ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.

ކުރިން އެންމެ ހަތް ރިސޯޓްގައި ވޯޓް ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމައިފައި އޮތްނަމަވެސް، އެ ނިންމުންމުންވެސް އިލެކްޝަން ކޮމިޝަނުން ވަނީ ބަދަލުގެނެސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ވަނީ ރިޔާސީ އިންތިޚާބުގައި ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި މީހުން ރަޖިސްޓްރީވާންޖެހޭނެ ކަމަށް ކޮމިޝަނުން ކަނޑައެޅި އަދަދު މުރާޖާކޮށްފައިވާ ކަމަށެވެ. އެގޮތުން އެ އަދަދު މުރާޖާ ކުރުމަށްފަހު 100 ދިވެހީން ވަޒީފާ އަދާކުރާ ރިސޯޓުތަކުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓުމަށް އެއްބަސްވެފައިވާ ރިސޯޓުތަކުގައި ރީ ރަޖިސްޓްރީކުރަން ފުރުސަތު ހުޅުވާލުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާނުކޮށް އިލެކްޝަން ކޮމިޝަނުން ވަނީ މިދިޔަ ހޯމަ ދުވަހު ގެޒެޓް ކޮށްފައެވެ.

ގެޒެޓުގައި ވާގޮތުން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ޖުމްލަ 128 ވޯޓު ފޮށި ބަހައްޓައެވެ.

އޭގެ އިތުރުން ހަތަރު ޖަލެއްގައި ވޯޓު ފޮށި ބަހައްޓައެވެ. އެއީ މާލެ ޖަލު މާފުށީ ޖަލު، ދޫނިދޫ ޖަލު އަދި އައްސޭރި ޖަލުގައެވެ.

comment ކޮމެންޓް