ގިނަ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމަނީ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ---

ގިނަ އަދަދެއްގެ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމާ މެދު އަންނަ ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިރޭ "ސަން" އަށް ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމުން ބައެއް ސިޔާސީ ޕާޓީތަކުގައި ކަންބޮޑުވުންފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކޮމިޝަނާ ބައްދަލުކޮށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ކަންބޮޑުވުންފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތު ކޮމިޝަންގެ ތިން މެމްބަރަކު އެކި އަތޮޅުތަކުގައި ހަރަކާތްތެރިވަމުން. އެހެންކަމުން އަންނަ ހަފްތާގައި މާލެ ދިޔުމަށްފަހު އެކަމާ ގުޅޭގޮތުން ކޮމިޝަނުން ގޮތެއް ނިންމާނަން،" އަކުރަމް ވިދާޅުވިއެވެ.

ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް

  • ކުރަމަތި އައިލެންޑް ރިސޯޓް
  • ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
  • ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާ
  • ބަނޑޮސް މޯލްޑިވްސް
  • ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ
  • ކުރެއްދޫ އައިލެންޑް ރިސޯޓު
  • ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް

ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމުމުން ސަރުކާރު ހިންގާ ޕީޕީއެމް އިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުރަހީމު އަބްދުﷲ (އަދުރޭ) ވިދާޅުވީ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް އެ ޕާޓީން ގަބޫލުނުކުރާ ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

comment ކޮމެންޓް