ހަތް ރިސޯޓަށް ވުރެ ގިނަ ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އަދުރޭ ގޮވާލައްވައިފި

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ސެޕްޓެމްބަރު ހަމު ބާއްވާ ރިޔާސީ އިންތިޚާބުގައި ހަތް ރިސޯޓަށް ވުރެ ގިނަ ރިސޯޓްތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމު އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

އަދުރޭ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ ހަތް ރިސޯޓްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ޕީޕީއެމްއިން ގަބޫލުނުކުރާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާނުކޮށް އިލެކްޝަން ކޮމިޝަނުން ވަނީ މިދިޔަ ހޯމަ ދުވަހު ގެޒެޓް ކޮށްފައެވެ.

ގެޒެޓުގައި ވާގޮތުން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ޖުމްލަ 128 ވޯޓު ފޮށި ބަހައްޓަ އެވެ.

އޭގެ އިތުރުން ހަތަރު ޖަލެއްގައި ވޯޓު ފޮށި ބަހައްޓަ އެވެ. އެއީ މާލެ ޖަލު މާފުށީ ޖަލު، ދޫނިދޫ ޖަލު އަދި އައްސޭރި ޖަލުގަ އެވެ. ވޯޓޫ ފޮށި ބަހައްޓާ ގޮތަށް އިލެކްޝަނުން ނިންމާފައިވަނީ ހަތް ރިސޯޓެއްގަ އެވެ.

ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް

  • ކުރަމަތި އައިލެންޑް ރިސޯޓް
  • ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
  • ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާ
  • ބަނޑޮސް މޯލްޑިވްސް
  • ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ
  • ކުރެއްދޫ އައިލެންޑް ރިސޯޓު
  • ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް

ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމުމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޕާޓީތަކުން ބުނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ގިނަ ރިސޯޓުތަކެއްގައި ވޯޓު ފޮށި ބަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ގިނަ އަދަދަކަށް ދިވެހީން ވަޒީފާ އަދާކުރާ ގިނަ ރިސޯޓުތަކެއް ހުރި އިރު އެ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޕާޓީތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް