ކަންކަން ކޮށްދެނީ ވޯޓަށް ޝަރުތު ކޮށްފައެއް ނޫން: ރައީސް ޔާމީން

ރައީސް ޔާމީން ކެލާ ރައްޔިތުންނާ ސަލާމް ކުރައްވަނީ --- ފޮޓޯ ރައީސް އޮފީސް

ރައްޔިތުންނަށްޓަކައި ރަށްރަށް ކޮށްދޭ ކަންކަމަކީ އިންތިޚާބުގައި ވޯޓު ބޭނުންވެގެން ކޮށްދޭ ކަންކަން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ތިލަދުއްމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކެލައަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން އެމަނިކުފާނު ކައިރީ ކަންކަމު އެދުމުން "މިހާރުން މިހާރަށް ހަމަޖައްސަވައިދެވެން އޮތްކަންތައް ކޮށްދޭނަން" ކަމަށެވެ.

"އެއީ ކޮންމެހެން އިންތިޚާބުގެ ވޯޓަކަށް ޝަރުތުކޮށްފައި ކުރާ ކަންކަމެއް ނޫން. ކޮންމެ ރައީސަކުވެސް ކޮންމެ ލީޑަރަކުވެސް ކަންކަން ކޮށްދެން ވާނީ އެގޮތަށް. އިންތިޚާބެއްގައި ވޯޓު ދިނުމަކީ އެ ރައީސެއްގެ އެ ލީޑަރެއްގެ ޚިދުމަތް ރައްޔިތުން ބަލައި ގަންނަ މިންވަރު ދައްކައިދޭ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކެލާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ޝަރުތަކާ އެކު ރައީސް ކުރާ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މިހާތަނަށް އެމަނިކުފާނު ރަށްރަށަށް ކަންކަން ކޮށްދިނީ އެއްގޮތަކަށްވެސް ޝަރުތުތަކެއް ކޮށްފައެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކެލާގައި އޭޓީއެމް މެޝިނެއް ބަހައްޓަން ސެޕްޓެބަރު 23 ގައި ނަގާ ވޯޓަށް އިންތިޒާރު ކުރަން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މިއަހަރު ނިމެންވާއިރަށް ކެލާގައި އޭޓީއެމް މެޝިނެއް ބަހައްޓައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފުދޭ އަޅުގަނޑުގެ ހިދުމަތް ބަލައިގަންނަ ރައްޔިތެއް އޮތިއްޔާ. ތިބޭފުޅުން އަޅުގަނޑާ ދޭތެރޭ އޮންނަ ގާތް ކަމުގައި ސެޕްޓެމްބަރު 23 ގައި ދެއްވާ ވޯޓަކީ އަޅުގަނޑުމެންގެ ޖީލު އަޅުގަނޑުމެންގެ އުންމީދުތައް އަޅުގަނޑުމެންގެ ގައުމު އާރަސްތު ކުރުމާ ދޭތެރޭގައި ތިބޭފުޅުންގެ އުންމީދު އޮތްގޮތް ދައްކުވައިދޭ ވޯޓެއް" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކަންކަން ނިންމާކަށް ބޭރުގެ ބަޔަކަށް ދައުވަތުދީގެން ގެންނަން ނުޖެހޭ ކަމަށެވެ. ރާއްޖޭގައި ކުރިމަތި ވެފައި އޮތް ހިޔާލު ތަފާތުވުން ނައްތާލާ މަޝްވަރާ ކުރުމަށް މިސަރުކާރު އައިފަހުން މިދިޔަ ހަތަރު އަހަރުވެސް ސަރުކާރުން އިސްވެ މަސައްކަތް ކުރަމުން ދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މިހާތަނަށް ސަރުކާރުން ސިޔާސީ ފަރާތްތަކަށް މަޝްވަރާއަށް 12 ދައުވަތެއް ދީފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ކެލާ ރައްޔިތުންނާ ސަލާމް ކުރައްވަނީ --- ފޮޓޯ ރައީސް އޮފީސް

"ކީއްވެތޯ ވަޑައި ނުގެން އެ އުޅެނީ. މިހާރުވެސް އަޅުގަނޑުމެން އޮންނާނީ ދައުވަތެއް ދީފަ ވަޑައިގަންނަވާށޭ އަޅުގަނޑުމެންނާ ވާހަކަދައްކަން. ތިހުރި މައްސަލަތަކެއްވިއްޔާ ހައްލު ކުރާނެ ގޮތް އަޅުގަނޑުމެންނާ ހިއްސާ ކޮށްދެއްވާށޭ. އެ ހައްލު ކުރާނެ ގޮތެއް ހިއްސާއެއް ނުކުރެވޭ. ކީއްވެގެންތޯ މޭޒު ކައިރިއަށް އައިއްސަ މިވާހަކަ ނުދެއްކެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް އަންނަން ނުކެރިގެން އުޅެނީ ދައްކާނެ ވާހަކައެއް ނެތީމަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މިހާރުވެސް އޮންނާނީ އިދިކޮޅު ފަރާތްތަކަށް ދައުވަތެއް ދީފައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެ ދައުވަތީ ދިނީ އެމްޑީޕީގެ ޒައާމަތު ބަދަލުވެއްޖެ ކަމަށް ގަބޫލުކޮށް ދިން ދައުވަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުގައި ކަމެއް ކުރާނަމަ މިހާރު ދިމާވެފައިވާ ސިޔާސީ މައްސަލަތަކެއް ހައްލެއް ހޯދަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ކަންކަން ހައްލު ކުރަން މަޝްވަރާ ކުރަން އަންނަވާނީ ޝަރުތު ކަނޑައަޅައިގެން ނޫން ކަމަށެވެ.

"މިކަމެއް ނުވަންޏާ ތިކަމަކަށް ނުދާނަމޭ ބުނީމަ ކަމަކު ނުދާނެ. އަޅުގަނޑަށް ޝަރުތު ނުކުރައްވާ. އަޅުގަނޑު ކައިރީ ވިދާޅު ނުވޭ މިވެނި ކުއްވެރިއަކާ އެވެނި ކުއްވެރިއަކާ އެވެނި ކުއްވެރިއަކާ ދޫކޮށްލީމައޭ އެކަން ވާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކެލާ އިން ރައީސް ޔާމީނަށް މަރުހަބާ ދެންނެވުން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ މުޖުރިމުންތަކެއް ދޫކޮށްލަން ޝަރުތު ނުކުރިއްޔާ މަޝްވަރާއަށް ނުދާނަމޭ ބުނެގެން އެމީހުން ދޫކޮށްފި ނަމަ މަޝްވަރާގެ ބޭނުމެއް ނެތް ކަމަށެވެ. އެހެން އެކަން ވާނަމަ އީޔޫވެސް އިންޑިއާ ސިފައިންވެސް ރާއްޖެ އަންނަވީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެމީހުންނެއް ނާންނާނެ ރައީސް ޔާމީން ހައްޔަރު ކުރާކަން. އެހެންވީމަ ޝަހުސީގޮތުން ޒާތީ ގޮތުން އަޅުގަނޑަށް ވާނެ ގެއްލުމެއް ނޯންނާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

އީޔޫއިން އަޅާ ފިޔަވަޅެއްގެ ސަބަބުން ވިޔަފާރިވެރިންނަށް ވިޔަފާރި ނުކުރެވޭ ގޮތް ވުމާއި އެގައުމުތަކުގެ ޓުއަރިސްޓުންނަށް ރާއްޖެ ނާދެވޭ ގޮތް ވުމުން ގެއްލުންވާނީ މުޅި ދިވެހި ރައްޔިތުންނަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން ކުރާ ކަމަކީ އެތަނެއް ދެން ހިންގަން ތިބި ބައެއް އައުމުގެ ކުރިން އެބައެއްގެ އަތުން އެތަނެއް ހަލާކު ކޮށްލުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް