ޖޫރިމަނާ މައާފުކޮށްދިނުމަކީ ޒުވާނުންނަށް ރައީސް ދެއްވި ދީލަތި މައާފެއް: މުއާޒު

މާލޭގެ މަގެއްގައި ފުލުހުން ޓުރެފިކު ބެލެހެއްޓުމުގައި ހަރަކާތްތެރި ވަނީ: ސަން ފައިލް ފޮޓޯ

ޕާކިން ސްޓިކާ ޖަހއިގެން ޖޫރިމަނާ ވެފައި ތިބި ޒުވާނުންގެ ތެރެއިން 2015 އަދި 2016 ވަނަ އަހަރުގެ ޖޫރިމަނާތައް މައާފު ކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެ ޖޫރިމަނާ ދައްކަން ޖެހިފައި ތިބި ގިނަ އަދަދެއްގެ ޒުވާނުން ތިބުމުން ކަމަށާއި އެއީ ދިވެހި ޒުވާނުންނަށްޓަކައި ރައީސް ދެއްވި ދީލަތި މައާފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.

މާލޭގައި 2015 އާއި 2016 ވަނަ އަހަރުގެ ޓްރެފިކް ޖޫރިމަނާތައް މައާފުކޮށްދީފައި ވާނެކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މިއަދު އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ސިޔާޒު ވިދާޅުވީ މާލޭގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން މަގުތައް ތޮއްޖެހި، ޕާކު ކުރާނެ ޖާގައިގެ ދަތިކަން ދިމާވާ ކަމަށެވެ.

"އެކަންތައް ހައްލުކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއްވެސް އެޅިފައި އެބަހުރި. އެހެން ނަމަވެސް އެ ފިޔަވަޅުތަކަށް ބަލާއިރުވެސް ގިނަ އަދަދެއްގެ އެއްގަމުއުޅަނދު ގަވައިދާ ހިލާފަށް ޕާކު ކުުރުމާއި މަގުތަކަށް ދަތިވާގޮތަށް ދުއްވުން ވެސް ދޭ،" ސިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓްރެފިކް ގަވައިދާ ޚިލާފުވުމުގެ ކަންތައް ކޮންޓްރޯލު ކުރުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށެވެ.

"އެއްގަމު އުޅަނދު ގަވައިދާ ޚިލާފަށް ޕާކު ކުރުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާތަކުގެ ތެރެއިން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ކުރެވުނު ޖޫރިމަނާތައް ރައީސް ވަނީ މައާފުކޮށްދެއްވާފައި. 2017 އަދި 2018 ގައި ކުރެވުނު ޖޫރިމަނާތައް މީގެ ތެރެއަކު ނުހިމެނޭ،" ސިޔާޒު ވިދާޅުވިއެވެ.

ޖޫރިމަނާ މައާފުކޮށްދެއްވުމާއެކު 2017 އަދި 2018 ގައި ކުރެވިފައިވާ ޖޫރިމަނާތަކަށް ވެސް ލުޔެއް އަންނާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ 7.8 މިލިއަން ރުފިޔާގެ ޕާކިން ޖޫރިމަނާ މައާފުކޮށްދެއްވާފައިވާކަމަށެވެ.

comment ކޮމެންޓް