މިއަހަރުގެ އެންމެ ފެންވަރު ރަނގަޅު އެއާލައިނަކަށް ސިންގަޕޯ އެއާލައިންސް!

ސިންގަޕޯ އެއާލައިންސްއަށް ވަނީ ދުނިޔޭގެ ބެސްޓް އެއާލައިންގެ އެވޯޑު ދީފައި -- ފޮޓޯ: ސިންގަޕޯ އެއާލައިންސް

ދުނިޔޭގެ އެއާލައިންތަކާއި އެއާޕޯޓުތަކުގެ ރިވިއުތަކާއި ރޭންކިން ހަދާ ސްކައިޓްރެކްސްއިން ކޮންމެ އަހަރަކުދޭ ވޯލްޑް އެއާލައިން އެވޯޑުސްގައި އެންމެ ފެންވަރު ރަނގަޅު އެއާލައިންގެ އެވޯޑު ސިންގަޕޯ އެއާލައިންސް (އެސްއައިއޭ)އަށް ދީފި އެވެ.

ލަންޑަނުގައި ބޭއްވި އެވޯޑު ހަފްލާގައި ވޯލްޑްސް ބެސްޓް އެއާލައިންގެ އެވޯޑު އެސްއައިއޭއަށް ދިން އިރު ދެވަނަ ލިބުނީ މިދިޔަ އަހަރު އެމަގާމު ހާސިލު ކުރި ގަތަރު އެއާވޭސްއަށެވެ. އަދި ތިން ވަނަ ލިބުނީ ޖަޕާނުގެ އޯލް ނިޕޯން އެއާވޭސްއަށެވެ.

ފާއިތުވި އަހަރުތަކުގައި އެސްއައިއޭގެ ރޭންކިން ވަނީ އިތުރުވެފަ އެވެ. އެގޮތުން 2016 ވަނަ އަހަރު އެންމެ ފެންވަރު ރަނގަޅު އެއާލައިންތަކުގެ ލިސްޓުން ތިން ވަނަ ލިބުނު ނަމަވެސް މިދިޔަ އަހަރު އެއެއާލައިނަށް ވަނީ ދެވަނަ ލިބިފަ އެވެ.

މީގެ އިތުރުން، މިއަހަރު އެސްއައިއޭ އިން ވަނީ ބެސްޓް އެއާލައިން އިން އޭޝިއާ، ވޯލްޑްސް ބެސްޓް ފަސްޓް ކްލާސް އަދި ބެސްޓް ފަސްޓް ކްލާސް އެއާލައިން ސީޓްގެ އެވޯޑުވެސް ހޯދާފައި އެވެ.

އަދި މީގެ ކުރިން 2004 އާއި 2007 އާއި 2008ގައި ވެސް އެސްއައިއޭއިން ވަނީ ބެސްޓް އެއާލައިން އެވޯޑު ހޯދާފައި އެވެ.

ސްކައިޓްރެކްސް އެވޯޑްސްއަކީ ދުނިޔޭގެ 160 ގައުމަކުން އެތައް މިލިޔަން ބަޔަކު، ސާވޭތަކެއް ފުރައިގެން ލިބޭ ނަތީޖާއަށް ބަލާފައިދޭ އެވޯޑެކެވެ.

comment ކޮމެންޓް